އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުއްްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މައްސަލައިގައި އުމުރުން 55 އަހަރުގެ ފިރިހެން މީހާ އެންމެ ފުރަތަމަ ހައްޔަރުކުރީ އެޕްރީލް 9، ގަ އެވެ. އެފަހަރު އޭނާގެ ބަންދަށް 30 ދުވަސް ޖެހި އެވެ. އަދި، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން ދޫކޮށްލީ އެވެ.
"މާލޭގައި ކުޑަކުދިންތަކަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި 55 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި،" މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އަލުން އަނބުރާ އޭނާ ހައްޔަރުކުރީ އިއްޔެ އެވެ. އިއްޔެ ކޯޓު އަމުރު ލިބުމާއެކު ފުލުހުން ވަނީ އެމީހާ މާލޭގައި ދިރިއުޅޭ ގެޔަށްގޮސް އެމީހާ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ދިން އަމުރުގައިވާ ގޮތުން އޭނާ ފުރަތަމަ ދޫކޮށްލީ ގާނޫނީ ހައްޔަރުކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާތީ އެވެ. އެހެންވެ އޭނާ ދޫކޮށްލީ އެ އިޖުރާއަތްތައް ފުރިހަމަކޮށްގެން އަލުން ހައްޔަރުކުރަން ކަން ވެސް ކޯޓު އަމުރުން އެނގެ އެވެ.

އޭނާ ބަންދުކުރީ ކުރާ ތުހުމަތުތަކަށް ބާރު ލިބޭ ހެކި ހުރުމުންނެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ކުދިންގެ ބަޔާންތަކާއި ފަންނީ ރިޕޯޓްތަކާއި ތަހުގީގު ބަޔާންތައް ހިމެނެ އެވެ.













