އެންމެން ކުރާ ހުރިހާ ކަމަކަށް ފާޑުކިޔޭއިރު ފަނޑިޔާރުން ކުރައްވާ މަސައްކަތަށް ވެސް ފާޑުކިޔެން ވާނެ ކަމަށާއި ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ ގާނޫނު އަސާސީއަށް އެ ބަދަލު ގެންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރުކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ނާޒިމާއަށް ތާއީދު ހޯދަން ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ފަނޑިޔާރުން ކުރާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކޭ ގޮތަށް ގާނޫނު އަސާސީގައި އޮތް މާއްދާއަކީ ރައްޔިތުންގެ ހައްގު ހިމާޔަތްކުރާ މާއްދާއެއް ނޫން ކަމަށެވެ.
ފަނޑިޔާރުގޭގެ މުގައްދަސްކަން ހިފަހައްޓާނީ ފަނޑިޔާރުން ކުރައްވާ ހުކުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އަަޅުގަނޑުމެންގެ ސަރުކާރެއްގައި، ﷲގެ ރަހުމަތުން، ﷲ އަޅުގަނޑުމެންނަށް އެކަން މިންވަރުކުރައްވައިފިއްޔާ، ގާނޫނު އަސާސީގައި އެބަހުރި ބޮޑަށް ބަދަލުކުރަން ޖެހޭ މާއްދާތަކެއް. އޭގެ ތެރޭގައި ފަނޑިޔާރުންނަށް މިހާރު މި އޮތް މުގައްދަސްކަން ފަނޑިޔާރުން ކުރައްވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކޭ ގޮތަށް އޮތް މާއްދާއަކީ، މާތްކަލާއްކޯ އެއީ ރައްޔިތުންގެ ހައްގު ހިމާޔަތްކުރަން އޮތް މާއްދާއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން ކުރައްވާ ހުކުމަކީ އެ ހުކުމްތަކުގެ އިންސާފުވެރިކަން ރައްޔިތުންނަށް ފެންނަ ގޮތަށް ނެރޭ ހުކުމްތަކަކަށް ވެއްޖެ ނަމަ އެ ބޭފުޅުންނަށް ތަރުހީބު ލިބޭނެ ކަމަށެވެ. އެއާ ގުޅުވައި އެމަނިކުފާނު އިންޒާރު ދެއްވީ މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެ ބެންޗްގައި އިސްކޮށް އިންނެވި ފަނޑިޔާރު އަލީ ރަޝީދަށެވެ. ފަނޑިޔާރު އަލީ ރަޝީދަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

"ސުޕްރީމް ކޯޓު ފަނޑިޔާރަކަށް އެ ވަޑައިގެންނެވި ތިން ހަތަރު ޖަމްޕް ޖަހާފައި އެ ދިޔަ އަލީ ރަޝީދުވެސް އަޑު އަހާލާ މިވާހަކަ އަޑުއައްސަވައިލައްވާ. އަލީ ރަޝީދަށް ވެސް އެނގެންވާނެ އަލީ ރަޝީދަށް ވެސް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީނދެވޭނެކަން،" ޔާމީނު ވިދާޅުވި އެވެ.
މައުމޫން ޖަލަށްލުމުގެ ދިފާއު
ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށާއި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް އެމަނިކުފާނުގެ އިންޒާރުތައް ރޭ އަމާޒުކުރެއްވި އެވެ.
ޝަމާލަށް ދެއްވި އިންޒާރުގައި ޔާމީނު ވިދާޅުވީ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަލަށްލީ ވެސް ރައްޔިތުންނަށް ޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅެއް ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ. މައުމޫނު ޖަލަށްލާން ނިންމެވީ އަމިއްލަފުޅަށް ނޫން ކަމަށާއި އެއީ ގައުމީ ސަަލާމަތާ ބެހޭ ކޮމިޓީގެ ނިންމުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައިމާ އެވަގުތު ދައުލަތް ހިންގަން ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެގޮތުން އަަޅަން ޖެހޭ ފިޔަވަަޅު އެޅީ،" ޔާމީނު ވިދާޅުވި އެވެ.
ޝަމާލަކީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށް ވިޔަސް ހާލަތު ބަދަލުވެއްޖެ ނަމަ އަަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ނޭޅުއްވެންވީ ކީއްވެތޯ ޔާމީނު ސުވާލު އުފެއްދެވީ މައުމޫނު ޖަލަަށްލީ ގޮތުގެ ވާހަކައިގެ ތެރެއިންނެވެ.
"ގާތްމީހަކާ ދޭތެރޭ ފިޔަވަޅު އެޅީމާ އަޅުގަނޑުހާ ގޯސްމީހަކު ނުވާނެ. ޝަމާލަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެކަމަކު ހާލަތު ބަދަލުވެގެން ދިޔެއްޔާ ކީއްވެގެންތޯ ޝަމާލަށް ފިޔަވަޅު ނޭޅެންވީ؟" ޔާމީނު ވިދާޅުވި އެވެ.
އިންޒާރުގެ ލިސްޓަށް ފަހު ޔާމީނު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބޮޑެތި ކުރަން ޖެހޭ ކަމަށެވެ.













