ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނި އަދާކުރުމުގެ ގޮތުން ފީފާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިކްޓަރީން ބުނެފި އެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު ވިކްޓަރީގެ އާ ހިންގާ ބޯޑެއް އެކުލަވާލައި، އެ ބޯޑުގެ ބައްދަލުވުމެއް ވަނީ މި މަހު ހަތް ވަނަ ދުވަހު ބާއްވައިފަ އެވެ. އެއީ ކްލަބްގެ ހަރަކާތްތައް ހިންގާނެ ޑިޕާޓްމަންޓްތަކެއް ކަނޑައެޅުމާއި ކްލަބް ހަރަކާތްތެރިވުމުގެ ކަންކަން ހިންގާނެ ގޮތްތަކާއި ދަރަނިތައް އަދާކުުރުމާ ގުޅޭގޮތުން ކަންތައްތަކެއް ނިންމުމަށެވެ.
ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ އޮތީ ސަސްޕެންޑް ކޮށްފަ އެވެ. ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. މިދިޔަ މަހު 29 ވަނަ ދުވަހުގެ އިންތިހާބު ކާމިޔާބު ކުރައްވައި، ވިކްޓްރީގެ އާ ރައީސް މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން އާދަމް (އާދަމްބެ) ވިދާޅުވީ ކްލަބަކީ ދަރަނިތަކަކާ ހެދި ވުޖޫދުން ފޮހެވިގެންދާ ފަދަ ހާލަތަށް ދާން ޖެހޭ ވަރުގެ ކްލަބެއް ނޫން ކަމަށެވެ.
ވިކްޓަރީން ހޯދި ހޯދުމުގައި އެ ކްލަބުން މުސާރަ ނުދެވި ތިބި ދިވެހި 22 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިއަކު އެބަތިބި އެވެ. ވިކްޓަރީން ބުނީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ޖޫރިމަނާއާ އެކު ދައްކަން ޖެހޭ ޖުމްލަ އަދަދެއް ދެނެގަތުމުގެ މަސައްކަތް ފީފާ އާއި އެފްއޭއެމާ ގުޅިގެން މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.
"މި ވަގުތު ކްލަބްގެ ދަރަނީގެ ގޮތުގައި އަންދާޒާ ކުރެވޭ އަދަދު ދެއްކުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ އެވެ. ފައިސާ ދެއްކުމަށް އެންމެހާ އިދާރީ އިންތިޒާމްތައް ބާރަށްކުރިއަށް އެބަގެންދެވެ އެވެ.،" ވިކްޓަރީން ނެރުނު ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ވިކްޓަރީގެ ދަރަނި އުޅެނީ 8-9 ލައްކަ ރުފިިޔާއާ ދެމެދުގަ އެވެ. މި ފައިސާ ދައްކައިގެން ނޫނީ އިންތިޒާމްތަކެއް ހަމަޖައްސައިގެން ވިކްޓަރީ އަށް ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭނެ އެވެ. ދެ ވަނަ ޑިވިޝަން އޮތީ ޖުލައި މަހުގަ އެވެ.
ވިކްޓަރީން ދެ ވަނަ ޑިވިޝަނަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކްލަބްގެ ނައިބު ރައީސް އިސްމާއިލް ލަތީފް (ޖީކޭ)އާ އެވެ. ސްކޮޑެއް އެކުލަވާއި، ކޯޗިން ޓީމެއް ވެސް ހަމަޖައްސައި، ވިކްޓަރީން އަމާޒު ހިފާފައިވަނީ މި މަހުގެ ނިޔަލަށް ޕްރެކްޓިސްތައް ފެށޭވަރު ކުރުމަށެވެ. މާނަ އަކީ އެހާތަނަށް ކްލަބްގެ ހަރަކާތްރައް ހަލުވި ދުވެލީގައި ހިނގައިގަނެވޭ ވަރު ކުރުމަށެވެ.
ވިކްޓަރީގެ އޮފީހެއް މި ހަފްތާގެ ނިޔަލަށް ގާއިމްކުރަން ނިންމާފައިވާއިރު، ކްލަބްގެ ވެބްސައިޓަކާއި ސޯޝަލް މީޑިއާ ވެސް ޒަމާނީ މޮޑިއުލަކަށް ހިންގަން ރާވާފައިވާއިރު، ކްލަބްގެ މީޑިއާ އޮފިސަރަކީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި އެކި މީޑިއާތަކުގައި މަސައްކަތް ކޮށްފައިވާ، ނާފިއު ރަޝީދު އެވެ.
ބޮޑު ތާރީހެއް އޮތް ވިކްޓަރީ އަކީ ގިނަ ކުޅިވަރުތަކެއްގައި ކާމިޔާބު ހޯދާފައިވާ ކްލަބެކެވެ. ވިކްޓަރީގެ އާ ބޯޑުގެ ވިސްނުމަކީ ހަމައެކަނި ފުޓްބޯޅައިގައި ކުރިއަށް ދިއުމެއް ނޫނެވެ. ވިކްޓަރީގެ އާ ބޯޑުން ނިންމާފައިވަނީ އެހެން ކުޅިވަރު މުބާރާތްތަކުގައި ވެސް ފުރުސަތު އޮތްވަރަކުން ވިކްޓަރީ ބައިވެރިވުމެވެ. އެ ގޮތުން ވޮލީބޯލް، ބާސްކެޓްބޯޅަ، ޓީޓީ އަދި ބެޑްމިންޓަންގައި ވިކްޓަރީގެ ޓީމުތައް ވާދަކުރެވޭނެ ގޮތެއް ވޭތޯ އަންނަނީ ބަލަމުންނެވެ.












