ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ދަރަނިތަކަކާ ހެދި ވުޖޫދުން ފޮހެވިގެންދާ ފަދަ ހާލަތަށް ދާން ޖެހޭ ވަރުގެ ކްލަބެއް ނޫން ކަމަށް މިރޭ އެ ކްލަބްގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި، ހުސެއިން އާދަމް (އާދަމްބެ) ވިދާޅުވެއްޖެ އެވެ.
ދިވެހި/ ބިދޭސީ ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ ވަނީ ސަސްޕެންޑްކޮށްފަ އެވެ. ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް)، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 22 ވަނަ ދުވަހު ވިކްޓަރީގެ އިންތިހާބު ކާމިޔާބު ކުރައްވައި، އެ ކްލަބްގެ ދަރަނިތައް މަދުކޮށް، ޒަމާނީ މޮޑެލަށް ކްލަބް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ނުކުރެވި، އެންމެ ފަހުން މަގާމުން އިސްތިއުފާދޭން ޖެހުނީ ކްލަބް ސަސްޕެންޝަނުގައި އޮއްވަ އެވެ.
މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، އާދަމް އަކީ 1980 ގެ އަހަރުތަކުގައި ވިކްޓަރީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ފުޓްބޯޅައިގެ އިތުރުން އެކި ކުޅިވަރުތަކުގެ ތެރޭގައި ޝާމިލުވެ އުޅުނު، ހުސެއިން އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީ އެންމެ ފަހުން އެ ކްލަބް ސަސްޕެންޑްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ސަސްޕެންޑްކުރިއިރު، ވިކްޓަރީގެ އޭރުގެ ލީޑަޝިޕުން ތުހުމަތުކުރީ އެ އަދަބަކީ އެ ކްލަބުން އިސްވެ، އެފްއޭއެމްގެ ހިންގާ ކޮމިޓީ ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.
މިރޭ ވިކްޓަރީގެ އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް ވިދާޅުވީ އެ ކްލަަބްްގައި ވަރަށް ދިގު މާޒީއެއް އެބައޮތް ކަމަށާާއި އެ ކްލަބަކީ ވަރަށް ގިނަ މީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން މި ހިސާބަށް އައިސްފައި އޮތް ކްލަބެއް ކަމަށެވެ.
"އެހެން ނަމަވެސް މިއަދު ވިކްޓަރީ ސްޕޯޓްސް ކްލަބް މިހާރު މި އޮތް ހިސާބު ތި ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމަ، ވިކްޓަރީ ސްޕޯޓްސް ކްލަބަކީ ވުޖޫދުން އެހެން ފޮހެވިގެންދާންޖެހޭނެ ކްލަބެއް ކަމަަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭތީ އަލުން މަސައްކަތްތަކެއް ކުރެވިދާނެ ކަމުގެ އުންމީދު އޮތީމަ، އެ މަސައްކަތްތަކައިގެން ފަށައިގަތުމަށްޓަކައި އަޅުގަނޑުމެން މި އައީ،" އާދަމް ވިދާޅުވި އެވެ.

ވިކްޓަރީން މިރޭ ބޭއްވި އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވިކްޓަރީ އަށް އަލަށް އިންތިހާބުވި ބޯޑުގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އަކީ ކްލަބްގެ ދަރަނިތައް ހަލާސްކޮށް ޓީމަށް މުބާރާތްތަކުގައި ވާދަކުރެވޭނެ ހިސާބަށް ގެންގޮސްދިނުމެވެ. އެނގިފައިވާ ގޮތުގައި އެ ކްލަބްގެ ދަރަނި އަށް ލަންކަ ރުފިޔާ އަށް ވުރެ އިތުރެވެ. މިހާރު އޮތްގޮތުން ވިކްޓަރީގެ އާ ބޯޑުގެ ދަށުން ކަންކަން ހިނގަން ފަށައި، ކްލަބްގެ ސަސްޕެންޝަން އުވާލެވިދާނެ އެވެ.
އެއީ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމާ ގުޅޭގޮތުން އެއްބަސްވުންތަކެއް ހަދައި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކޮށް، އެހެނިހެން ދަރަނިތަކެއް ހުރިނަމަ އެ ވެސް ދައްކައިގެންނެވެ. އޭރުން، މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީ އަށް ވާދަކުރެވިދާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
"ފައިސާގެ ވަރަށް ބޮޑު ދަރަންޏެއް އޮތުމުގެ ސަބަބުން ކްލަބް މިހާ ހިސާބަށް ފަހަތަށް ސޮއްސާލައިގެން މިދިޔައީ، އެހެން ނަމަވެސް ފައިސާގެ މައްސަލަތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ކްލަބް މި ގޮތަށް ގެއްލިގެންދިއުން އެއީ ގަބޫލުކުރާ ކަމެއް ނޫން ވީމަ އަޅުގަނޑުމެން އެ މައްސަލަތައް ހައްލުކޮށް ދެ ވަނަ ޑިވިޝަނުން ފަށައިގަންނަން މި އައީ،" އާދަމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ ދެ އަހަރެއްގެ ތެރޭ ވިކްޓްރީ އަޅުގަނޑުމެންގެ ބޭނުންވާ ގޮތަށް ތަމްސީލްކުރުމަށްޓަކައި ދެ އަހަރެއްގެ ތެރޭ ފުރަތަމަ ޑިިވިޝަނަށް އައުން،"

އިންތިހާބަށް ފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާދަމް (މ) ވާހަަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަލަށް އިންތިހާބުވި ވިކްޓްރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ފާތިމަތު ޝެރިން، ވިކްޓްރީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސްގެ އިތުރުން ވިކްޓްރީ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ. މި މެމްބަރުން ވެސް ހޮވިފައިވަނީ ޖަލްސާ އަށް ހާޒިރުވެތިބި، ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކްލަބް ޖަމިއްޔާތަކުގެ އިންތިހާބުތަކަށް ފަހު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ކްލަބްގެ ހިންގާ ބޯޑުގައި ތިބޭ މެމްބަރުންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކުގެ އަސަރު ޓީމު ހިންގުމަށްކޮށް، ކްލަބަށް އޭގެ ފޫނުބެއްދޭވަރުގެ ގެއްލުން ކުރިމަތިވަނީ އެވެ.
އަލަށް އިންތިހާބުވި ބޯޑަށް އެކުގައި ބޭނުންވާ ޓާގެޓަށް ދިއުމަށް މަސައްކަތްކުރެވިދާނެތޯ އެހުމުން، އާދަމް ވިދާޅުވީ މިހާރު ދިވެހި ރާއްޖޭގައި ގިނަ ކަންކަމުގައި ފާހަގަކުރެވޭ އެއް ކަމަކީ ހިޔާލުތަފާތުވުންތަކާއި ބައިބައިވުމުގެ މައްސަލަ ކަމަށެވެ. އެ ފަދަ ކަންކަން ކުރިމަތިވިޔަސް، ހައްލު ހޯދައިގެން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އާދަމް ގަބޫލުކުރައްވަ އެވެ.
"ވީހާވެސް ބޮޑަކަށް މި އެންމެން އެކުގައި މަސައްކަތް ކުރެވިގެން މިކަން ކުރެވޭނީ، ދެން ބައިބައިވުން އޮވެދާނެ، ނޫނީ މައްސަލަތަކެއް ޖެހިދާނެ ކަމަށް އެއްވެސް ކަމެއް ނުކޮށް ހުރުމަކީ އެ އަށް ވުރެ ބޮޑު ގޯހެއް ކަމަށް މި ފެންނަނީ، އަޅުގަނޑުމެން، ނޫނީ އަޅުގަނޑު މިކަން މި ފެށީ އުންމީދު އޮވެގެން،" އާދަމް ވިދާޅުވި އެވެ.
އަލަށް އިންތިހާބުވި ބޯޑުން ވިކްޓްރީގެ އާ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަންކޮށްފައިވަނީ، ކްލަބް މޯލްޑިވްސްގެ އިސް ފަރާތެއް ކަމަށްވާ، މޫސާ ރަމީޒް (ރަމީ) އެވެ.
ރަމީ ވިދާޅުވީ ވިކްޓަރީ އަކީ ވަރަށް ބައިވަރު ސަޕޯޓަރުންތަކެއް ތިބި ކްލަބެއް ކަމަށްވާއިރު، މީގެ ކުރިއަށްދާން ބޭނުންވަނީ ސަޕޯޓަރުންނާ ވީހާ ވެސް ބޮޑަށް ގުޅިގެން ކަމަށެވެ. އަދި އާ ބޯޑުގެ ތަސައްވުރަކީ ވީހާވެސް ބޮޑަށް ހުޅުވިފައިވާގޮތަށް ސަޕޯޓަރުންނާ ގުޅޭ ޕްލެޓްފޯމެއް ގާއިމްކޮށް، "މޮޑާން" ކްލަބެއް ގޮތަށް ވިކްޓަރީގެ ކަންކަން ހިންގުން ކަމަށް ރަމީ ވިދާޅުވި އެވެ.












