ބާމިންހަމް (މެއި 10) - އިނގިރޭސި ޕްރިމިއާ ލިގުގައި މިރޭ ފަހަތުން އަރައި އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 35 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލުން ވަނީ 36 މެޗުން 86 ޕޮއިންޓް ހަމަކޮށްފަ އެވެ. ސިޓީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތަށް ބަލާއިރު، ތިން ގޯލު އިތުރަށް އޮތުމުންނެވެ.
ވިލާ ޕާކުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ އެ ޓީމުންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އެސްޓަން ވިލާ އަށް ލީޑުނަަގައިދިިނީ ކުރިން ސިޓީ އަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ލުއީޒް އެވެ. މިއީ ލޫކަ ޑީންޏާ ނެގި ހުރަހަކުން ލުއިޒް ބޮލުން ޖެހި ބޯޅައެއް ލިވަޕޫލް ކީީޕަރު އެލިސަން ބެކާ އަތުގައި ޖެހިފައި ނުކުތް ވަގުތު ލުއިޒް ޖެހި ގޯލެކެވެ.
މާގިނައިރު އެސްޓަން ވިލާ އަށް ލީޑުގައިނުއޮވެވުނެވެ. އެއީ މެޗުގެ ހަ ވަނަ މިނިޓްގައި ޖޮއެލް މަޓިޕް ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދިނުމެވެ. މިއީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނެގި ހިލޭޖެހުމެއްގައި އެސްޓަން ވިލާ އޭރިއާތެރެއިން ލިވަޕޫލްގެ ވެން ޑައިކް ޖައްސާލި ބޯޅައަކުން މަޓިޕް ކާމިޔާބުކުރި ގޯލެކެވެ. ލިވަޕޫލަށް ލީޑުނަގައިދޭން ނަބީ ކެެއިޓާ އަށް ލިބުނު ފުރުސަތުން ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
ލިވަޕޫލްގެ ސަޑިއޯ މާނޭ ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އޭނާ އެ ބޯޅަ ގޯލަށް ފޮނުވާލަން ފުރުސަތު ތަނަވަސްކޮށްދިން ލުއިޒް ޑިއާޒް އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ ގޯލު ބަަލައިނުގަންނާށެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ ގިނަ އެޓޭކްތަކެއް ކުރި އެވެ. ލިވަޕޫލް މޮޅުވި ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި މާނޭ އެވެ. މިއީ ޑިއާޒް ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން މާނޭ ބޮލުން ޖެހި ގޯލެކެވެ.
އެސްޓަން ވިލާ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު އެޓޭކްތަކެއް ކުރީ ޑެނީ އިންގްސް އެވެ. އިންގްސް ޖެހި އެއް ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ދެން ލިބުނު ފުރުސަތަކުން އޭނާ ގޯލަށް ޖެހުމުގެ ކުރިން ކީޕަރު އެލިސަން ވަނީ ބޯޅަ ސަލާމަތްކޮށްފަ އެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ އެސްޓަން ވިލާ އޮތީ 35 މެޗުން 43 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.












