ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރިސޯޓެއްގެ ފާލަން މަތިން ވެއްޓި އަންހެން ޓޫރިސްޓަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި އެ ރިސޯޓްގެ އިހުމާލުތަކެއްވާ ކަމަށް ބުނެ, މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
މިކަން ހިނގާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ 50 އަހަރުން މަތީގެ އެމެރިކާގެ ޓޫރިސްޓަކަށެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ހާދިސާ ހިނގީ ރިސޯޓްގެ މޫދު ކޮޓަރިތަކާ ގުޅިގެން އޮންނަ ފާލަން މަތީ ޓޫރިސްޓް, ބައިސިކަލެއް ދުއްވާފައިދަނިކޮށެވެ.
"ބައިސިކަލް ދުއްވާފައިދަނިކޮށް ކުރިމަތިން ދުއްވާފައި ދިޔަ ދެ މުވައްޒަފަކު ތިބި ބަގީއަކުން ސަލާމަތްވާން އުޅުމުގެ ތެރޭ ފާލަން މަތިން ބައިސިކަލާއެކު ޓޫރިސްޓް މީހާ ވެއްޓުނީ މޫދަށް, އެ ތަނުގައި ގަލާއި މުރަކަ ވަރަށް ގިނައިން އޮތުމުން އޭނާއަށް އަނިޔާތައް ލިބުނީ," ހާދިސާ ހިނގި ގޮތް އެނގޭ މީހަކު މި ނޫހަށް ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި, ޓޫރިސްޓް މޫދަށް ވެއްޓުމުން ވެސް ބަގީގައި ތިބި ދެ މުވައްޒަފުން އޭނާގެ އެހީއަކަށް ނާދެ އެވެ. އެކަމަކު, ޓޫރިސްޓަށް އެހީވީ ފާލަން މަތީ ތިބި އެހެން ދެ މުވައްޒަފެއް ކަމާއި, ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ޓޫރިސްޓް, އެ ތަނުން ނަގަން އުނދަގޫވި ކަމަށެވެ. އެ ޓޫރިސްޓް ތުހުމަތު ކުރާ ގޮތުން, ރިސޯޓުން އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ އާއި އެހީތެރިކަން ނުދެ އެވެ.
ފާލަން މަތިން އޭނާ ވެއްޓުނުއިރު, ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުގެ ލިޔުންތަކުން އެނގޭ ގޮތުގައި މައިބަދައަށް ގެއްލުންވެ, މޭކަށިތައް ވަނީ ބިނދިފަ އެވެ. އެކަމުގެ ފަރުވާއަށް މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޭނާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްއިރު, ހިނގާބިނގާވެ ނޫޅެވޭ ކަމަށް ވެސް އެނގިފައިވެ އެވެ.

އެމީހާ އެނބުރި އެމެރިކާއަށް ގެންގޮސްފައިވަނީ އެއާ އެމްބިއުލާންސްއެއް ޗާޓަރު ކޮށްގެނެވެ. އެކަމަށް ބޮޑު ހަރަދެއް އެ ޓޫރިސްޓްގެ އާއިލާއިން ކޮށްފައިވާއިރު ޓްރީޓޮޕް ބިލަށް ވެސް ބޮޑު އަދަދެއް އެރި އެވެ. އޭނާ މިހާރު ވަނީ އެމެރިކާގައި މައިބަދައިގެ ސާޖަރީއެއް ހަދާފަ އެވެ. ނަމަވެސް, އަދިވެސް އޭނާއަށް ހިނގޭ ގޮތެއް ނުވެ އެވެ.
ރާއްޖޭގައި އޭނާއަށް ދިމާވި ކަންކަމުގައި އިހުމާލު އޮތް ކަމަށް ދެކިގެން އެކަމުގެ ބަދަލު ހޯދުމަށް ރާއްޖޭން ވަކީލުންތަކެއް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. އެގޮތުން, ދިވެހި ޗެމްބާސްއިން އެ މައްސަލާގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ލޯ ފާމްގެ ފަރާތުން މިހާރު ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. އޭޕްރީލް މަހު ހުށަހެޅި މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެއްޗެއް ނުބުނެ އެވެ.
ދިވެހި ޗެމްބާސްގެ ވަކީލް މަރިޔަމް ނިހާޔަތު މި ނޫހަށް ވިދާޅުވި ގޮތުގައި, އެ ލޯ ފާމުން ގެންދަނީ ރިސޯޓާ ގުޅިގެން އެކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް, ރިސޯޓުން އެކަމުގައި އެކަށީގެންވާ އެއްބާރުލުން ނުދޭނަމަ, މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް ނިހާޔަތު ވިދާޅުވި އެވެ.












