މިޝްކާ: ކެރިގެން ޕްރެޝަރާ ކުރިމަތިލައި ފުރަތަމަ މުބާރާތުގައި ވެސް ރަނގަޅު ޓްރެކަށް

އިއްޔެގެ މެޗެއްގެ ތެރެއިން މިޝްކާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެގެ މެޗެއްގެ ތެރެއިން މިޝްކާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޅިވަރުގެ ޒުވާން ކުޅުންތެރިންނަކީ އެ ކުޅިވަރެއްގެ މުސްތަގުބަލެވެ. އެ ކުޅިވަރެއް އިތުރު ހަރުފަތަކަށް ކުރިއަށް ގެންދާނެކަމަށް ފެންނަން އޮތް އުންމީދެވެ. މީދިޔަ 10 އަހަރަށް ބަލާއިރު ޓޭބަލް ޓެނިހަށް އެ އުންމީދާއި އުފާވެރިކަން ދެ ފަހަރެއްގެ މަތިން ގެނެސްދީފި އެވެ. ފުރަތަމަ 2015 ވަނަ އަހަރުގަ އެވެ. އެއީ 12 އަހަރުގެ އައިޝަތު ރަފާ ނާޒިމް އެވެ. އޭގެ ފަހުން 2019 ގައި އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އެވެ.

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ތެރެއިން ޓޭބަލް ޓެނިހުން އާ ތަރިއެއް މިވަނީ ޓޭބަލް ޓެނިހުގެ މުސްތަގްބަލަށް ކުރެވޭ އުއްމީދުތައް އައުކޮށްދީފަ އެވެ. ރަފާ އާއި ދީމާ އެކު ގައުމީ ޓީމު ހޯދަމުން އަންނަ ކާމިޔާބީތައް ތަކުރާރުކުރަން އެ ދެ ކުޅުންތެރިންނާ އެކު ކުރީ ސަފަށް ނުކުންނާނެ ބައިވެރިއެއް ފެނިއްޖެ އެވެ. އެއީ 13 އަހަރުގެ މިޝްކާ މުހައްމަދު އިބްރާހިމް އެވެ.

ޓޭބަލް ޓެނިސް ކެރިއަރުގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުގައި މިޝްކާ ކުޅުނު ފުރަތަމަ މެޗަކީ ޖޫނިއާ ކެޓަގަރީގެ އަންހެން ޓީމު އިވެންޓް މެޗެވެ. ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި މިޝްކާ ކުޅެން އެރީ ތިންވަނަ ގޭމުގަ އެވެ. ފުރަތަމަ ދެ ގޭމު ދީމާ އާއި ރަފާ ކާމިޔާބުކޮށްފައި އޮތުމުން ރާއްޖެ އަށް ޕްރެޝަރު ކުޑަ އެވެ.

ރަފާ އާއި ދީމާ ދެއްކި މޮޅު ކުޅުމާއި ވިއްދައި މިޝްކާ ވެސް ފެށީ ވަރަށް ރަނގަޅަށެވެ. ޕާކިސްތާނުގެ ކަލްސޫމް އާއި ދެކޮޅަށް އިތުބާރާ އެކު ކުޅެ 11-6 އަދި 11-5 އިން މޮޅުވި އެވެ. މި ދެ ސެޓުގައި މިޝްކާ ދެއްކި ކުޅުމަށް ބަލާއިރު އޭނާ އަކީ މި ލެވެލްގައި އާ ކުޅުންތެރިއެކޭ ބުނާނެ ޖާގަ އެއް ނުލިބުނެވެ. މިޝްކާ ފެނުނީ އެހާ ވެސް ފޯރީގައި ކުޅެލިތަނެވެ.

ޖޫނިއާ ބައިގައި މިޝްކާ ކުޅުނު މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިގޭމުގެ ތިން ވަނަ ސެޓުގައި އަމިއްލަ މިސްޓޭކްތަކެއް ހެދި މިޝްކާ އަށް 6-11 އިން ސެޓު ގެއްލުނެވެ. ހަތަރުވަނަ ސެޓު ވެސް ވަރަށް ވާދަވެރިކޮށް ގޮސް 11-13 އިން ގެއްލުނެވެ. އެއާ އެކު ތަޖުރިބާ މަދުވުމުން މިޝްކާ ޕްރެޝަރަށް ވެއްޓުނެވެ. އޭރު އެ މެޗު ކުޅުނު މޭޒުގެ ޖެހިގެން ހުރި ސްޓޭޖުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި، ކުޅިވަރުގެ އިސްވެރިންނެވެ.

"ފަހު ސެޓު ކުޅުނުއިރު ބޮލުގަ ވަރަށް ބޮޑަށް އިން. ގައުމުގެ ރައީސް އޭ އެ އިނީ ބަލަންޏޭ. ވަށާ އެތިބީ ސަޕޯޓަރުންނޭ. އެހެންވެ ވަރަށް ބޮޑަށް ޕްރެޝަރަށް ދިޔަ ފުރަތަމަ މެޗުގައި. އެ ޕްރެޝަރާ ހެދި ކަންނޭނގެ އެ މެޗު ގެއްލުނީ" 13 އަހަރުގެ މިޝްކާ، "އަދަދު" އަށް ބުންޏެވެ.

މިޝްކާ ބުނީ ތެދެކެވެ. އޭނާގެ ކުޅުމުން އެ ޕްރެޝަރު ފެނުނެވެ. ސާވިސް ނަގާއިރު އަތް ތުރުތުރު އަޅާތަން ފެނެ އެވެ. ހިތް އަވަސްވެފައި މިޝްކާ ހުންނަން ޖެހުނުއިރު، ގައުމީ ޓީމުގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ގޮވާ އަޑު، މިޝްކާ އަށް އިވެނީ ވެސް ސިއްސައިގެން ގޮހެވެ. އެ ޕްރެޝަރުގައި ކުޅެ މިޝްކާ އަށް އެ ސެޓު ގެއްލުނީ 3-11 އިންނެވެ.

ބައިނަލްއަގްވާމީ ފުރަތަމަ މުބާާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން މިޝްކާ މާޔޫސްވި އެވެ. އެކަމަކު، އެއީ ލިބުނު ތަޖުރިބާއެއްގެ ގޮތުގައި ނަގަން މިޝްކާ ނިންމި އެވެ. ދެން އޮތް މެޗުތަކުގައި ކުޅުން ރަނގަޅުކޮށް ޕްރެޝަރާ ކުރިމަތިލައި، އާ އަޒުމަކާ އެކު ނުކުމެ މޮޅުވާން އޭނާ އަޒުމް ކަނޑައެޅި އެވެ.

"ފުރަތަމަ މެޗު ނިންމާފަަ ގޮސް ހިތައް އެރި މިއީ މިޝްކާގެ އަސްލު ކުޅުމެއް ނޫނޭ. ރަނގަޅު ކުރާނަމޭ ދެން އިން މެޗުގައި. އެގޮތަށް ވިސްނީ. އަމިއްލަ މީހާ އާ ވާހަކަދައްކާ ކާމްކުރަން (ހަމަޖެހެން) މަސައްކަތްކުރީ. ޕޮއިންޓެއް ގެއްލުނަސް ގިވް އަޕް ނުކުރާނަމޭ ހިތައް އެރި ހަމަ." މުބާރާތުގެ ޖޫނިއާ އަދި ކެޑޭޓް ބައިގައިވެސް ވާދަކުރަމުން އަންނަ މިޝްކާ ބުންޏެވެ.

މެޗެއްގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު މިޝްކާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ މެޗުގައި ރާއްޖޭގެ ކެޑޭޓް ޓީމް ނުކުތީ ޕާކިސްތާނާއި ދެކޮޅަށެވެ. މިފަހަރު މެޗުން ރާއްޖެ މޮޅުކޮށްދިނުމުގައި މިޝްކާގެ ހިއްސާ ބޮޑެވެ. ސަބަބަކީ މި ޓީމްގައި ތިބި ތިން ކުޅުންތެރިންގެ ތެރެއިން ދީމާ ނެގުމަށް ފަހު ކޯޗު ކޮސްޓޯ ދެން ކުޅެން ފުރުސަތު ދިނީ މިޝްކާ އަށް ވުމެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ކުޅެން ނުކުމެ މިޝްކާ އަނެއްކާ ވެސް ވަރުގަދަ ފައިޓެއް ދިނެވެ. މި ފަހަރު ފުރަތަމަ ދެ ސެޓު ގެންދިޔައީ ޕާކިސްތާނުންނެވެ. މިޝްކާ އަށް ޖެހުނީ ފަހަތުން އަރައި މެޗު ކާމިޔާބުކުރަން އިތުރު ހިތްވަރެއް ލާށެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ދެ ސެޓު 7-11 އާއި 7-11 އިން ޕާކިސްތާނުން ހޯދިއިރު، ޖެހިގެން އައި ދެ ސެޓު ފަހަތުން އަރާ މިޝްކާ ހޯދީ 11-8 އާއި 11-9 އިންނެވެ.

ކުރިން މެޗާއި ޚިލާފަށް މި މެޗުގެ ފަހު ސެޓުގައި މިޝްކާ ފެނުނީ ތަފާތުކޮށެވެ. ޕޮއިންޓެއް ގެއްލުނީމަ "ކޮނޑުވެއްޓި" މާޔޫސްވާ މަންޒަރެއް ނުފެނުނެވެ. އަމިއްލަ މީހާ އާއި ވާހަކަދައްކައި އަލުން ގޭމުގެ ތެރެއަށް ވަންނަ ތަން ފެނުނެވެ. ހިތްވަރާ އެކު ކުޅެ 6-9 ގައި ސްކޯ އޮއްވާ ފަހަތުން އަރާ އެއްވަރުކުރި އެވެ. ނަމަެސް ފަހު ދެ ޕޮއިންޓް ގެއްލި މި މެޗުން ވެސް މިޝްކާ ބަލިވި އެވެ.

މި މެޗުން ބަލިވިޔަސް މިޝްކާގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެކެވެ. ފުރަތަމަ މެޗުގައި ގޯސް ހެދުނު ގިނަ ކަންކަން ރަނގަަޅު ކުރިތަން ފެނުނެވެ. ޖޯޝާއި ފޯރި ނެގި އެވެ. އިތުބާރާ އެކު ކުޅޭކަން އެންމެންނަށް ދައްކާލި ކަހަލަ އެވެ.

ޕާކިސްތާން މެޗުގެ ދެވަނަ ގޭމުން ދީމާ މޮޅުވި ނަމަވެސް ތިންވަނަ ގޭމުގައި ޕާކިސްތާން ޕެއާ އަތުން ރާއްޖެ ބަލިވީ އެވެ. އަދި ހަތަރު ވަނަ މެޗު ދީމާ ކާމިޔާބުކޮށް ގޭމް ސްކޯ 2-2 އަށް ވެފައި އޮއްވައި ފަހު ގޭމުގައި މިޝްކާ ބަލިވީ ޕާކިސްތާންގެ ކެޑޭޓް ކެޓަގަރީގެ އެއް ވަނަ ކުޅުންތެރިޔާ ހޫރު އަތުން ސީދާ ތިން ސެޓުންނެވެ.

ދެން، މިޝްކާ އިއްޔެ ކުޅުނު މެޗަކީ ޖޫނިއާ ބައިގެ ގްރޫޕް ސްޓޭޖުގައި ނޭޕާލް އާއި ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ މެޗެކޭ އެއްގޮތަށް މި ފަހަރު ވެސް މިޝްކާ ކުޅެން ނުކުތީ ތިން ވަނަ ގޭމަށެވެ. ރާއްޖޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ރަފާ އާއި ދީމާ މޮޅުވެ ގޭމް ސްކޯ އޮތީ 2-0 އިން ރާއްޖެ ކޮޅުގަ އެވެ.

މި ފަހަރު ޒުވާން މިޝްކާ ފެނުނީ ތަފާތު ފޯމެއްގައި ކުޅެލިތަނެވެ. ކުރިން ޕްރެޝަރަށް ހޭނެން ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކުރިއަށް ޖެހިލައި، އަމިއްލަ ހުނަރަށް އޮތް އިތުބާރާ އެކު ކުޅެލައި ރާއްޖެ މޮޅުކޮށްދޭން އެހީތެރިވެދިނެވެ. ފުރަތަމަ ސެޓު 09-11 އިން ނޭޕަލްގެ ސުބަޝްރީ ކާމިޔާބުކުރި ނަމަވެސް އޭނާގެ މޫނުމަތިން މާޔޫސްކަމެއް ނުފެނެ އެވެ. ދެން އައި ތިން ސެޓުގައި ތަފާތު ހިތްވަރެއް ދައްކައި 13-11، 11-05 އަދި 11-06 އިން ކާމިޔާބުކޮށް ޓީމު މޮޅުކޮށްދިނެވެ.

މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު، ދެއްކުނު ކުޅުމާ ބެހޭގޮތުން މިޝްކާ ބުނީ އެންމެ ބޮޑު ހިތްވަރަކީ ބަލިވާ ވަގުތު އެންމެންގެ ފަރާތުން އަންނަ ސަޕޯޓް ކަމަށެވެ.

"އަސްލު ޕޮއިންޓެއް ގެއްލޭއިރު ހިތައް އަރާ މިސްޓޭކް ހެދެނީ އޭ. އެކަމަކު، އެންމެންވެސް ގޮވާ އަޑު އިވޭ. އަދި ވާނެ އޭ. މިޝްކާ ހިތްވަރުކޮށްލާށޭ. އެހެންވެ ވަރަށް ވަރަށް ހިތްވަރު ލިބޭ އަނެއްކާވެސް ދެން އޮތް ޕޮއިންޓް ހޯދަން. ވަރަށް ޕަމްޕް އަޕް ވޭ އަސްލު ސަޕޯޓު އަންނަ ގޮތުން." ޖޫނިއާ ކެޓަގަރީގެ އަންހެން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދި މެޗަށް ފަހު މިޝްކާ ބުންޏެވެ.

ޖޫނިއާ ބައިގެ ސެމީން ޖާގަ ހޯދި މެޗަށް ފަހު ރާއްޖޭގެ އަންހެން ޓީމަށް އޮތީ އަނެއްކާވެސް މަރުގެ މެޗެކެވެ. ސަރަހައްދުގެ ގަދަ ބާރު ލަންކާ އާއި ދެކޮޅަށް ކެޑޭޓް ބައިގައި ކުޅެން ޖެހޭ މެޗެކެވެ. މި މެޗުން ރާއްޖެ މޮޅުވުން މަޖުބޫރެވެ. ސެމީގެ ޖާގަ ލިބެން އޮތީ މި މެޗުން މޮޅުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ގޭމަށް ނުކުތީ މިޝްކާ އެވެ. ލަންކާ ކުޅުންތެރިޔާގެ ތަޖުރިބާ މި މެޗުން އޭނާ މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ. މިޝްކާ އަތުން އޭނާ 3 ސެޓުން މޮޅުވީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެގެންނެވެ. މެޗުގެ ސެޓުތައް ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ އެއީ 6-11، 7-11 އަދި 4-11 އިންނެވެ.

ދެ ވަނަ ގޭމުގައި ދީމާ ކުޅެން ނުކުމެ ރާއްްޖެ މޮޅުކޮށްދިނެވެ. ތިން ވަނަ މެޗުގައި މިޝްކާ އާއި ދީމާގެ ޕެއާ ނުކުތީ ލަންކާގެ ވަރުގަދަ ދެ ކުޅުންތެރިންނާއި ދެކޮޅަށެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު ލަންކާއިން 7-11 އިން ހޯދި އެވެ.

"އެ ގަނޑީގަ އަސްލު ދީމާއާ އެކު ވާހަކަދައްކައިގެން އެ މެޗު ކުޅުނީ. ދެ މީހުން އެކުގައި މޮޅުވާން މަސައްކަތްކުރީ. ދެ މީހުންނަށް ވެސް އިނގޭ މޮޅުވެވޭނެ ކަން. އަނެއްކޮޅުން ސެމީ އަށް ދާން މި މެޗުން މޮޅުވާން މުހިންމު" އެ ވަގުތު ކޮޅު ސިފަކުރަމުން މިޝްކާ ބުންޏެވެ.

ކެޑޭޓް ބައިގައި އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ތެރެއިން މިޝްކާ އާއި ދީމާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖެހިގެން އައި ދެ ސެޓު ރާއްޖޭގެ ޕެއާ އިން ކާމިޔާބުކުރީ 11-9 އަދި 12-10 އިންނެވެ. ހަތަރު ވަނަ ސެޓު ލަންކާ އިން 9-11 އިން ކާމިޔާބުކޮށް މެޗުގެ ފޯރި ގަދަވި އެވެ. ފަހު ސެޓުގައި އެއްވަރުކޮށް ގޮސް މެދުތެރެއިން ރާއްޖެ އިން ލީޑު ނެގި އެވެ. މިޝްކާ އާއި ދީމާގެ ހިތްވަރާ އެކު 11-8 އިން ކާމިޔާބުކޮށް ރާއްޖެ އަށް ސެމީގެ ޖާގަ ހޯދައިދިނެވެ.

"ވަރަށް އުފާވެއްޖެ. އަސްލު އަލަށް ކުޅޭ މުބާރާތެއްގެ ދެ ކެޓަގަރީގެ ވެސް ސެމީ އަށް މިދިޔައީ. ވަރަށް ވަރަށް އުފާވޭ. ބުނެދޭންވެސް ނޭނގޭ ހާ އުފާވެފަ މިހިރީ." މެޗަށް ފަހު މިޝްކާ ބުންޏެވެ.

މިޝްކާ ބުނީ މިހާރު އަމާޒަކީ އިންޑިވިޖުއަލް އިވެންޓްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކުމެވެ. ފުރަތަމަ ދުވަހު ދެއްކުނު ކުޅުމަށް ބަލާއިރު މިހާރު އިތުބާރު ލިބިއްޖެ ކަމަށް މިޝްކާ ވެސް ގަބޫލުކުރެ އެވެ. އަމިއްލަ ނަފްސާ މެދު އޮތް ޔަގީންކަން އިތުރުކުރަން މިޝްކާ ހުރީ ކޮންމެ މެޗެއްގެ ބޭނުން ހިފަން ވެސް ތައްޔާރަށެވެ.

"މިހާރު އެބަ ފީލްވޭ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަކަން. ފުރަތަމަ މެޗާ ބަލާއިރު، އެންމެ ފަހުން މެޗުގައި ކުޅުން ބޮޑުތަނުން ރަނގަޅު. މިހާރު ވަރަށް ފޯކަސްކޮށްގެން ކުޅެން އިތުބާރު ލިބިއްޖެ." މިޝްކާ ބުންޏެވެ.

އަންހެން ޓީޓީގެ ދެ ތަރިން ކަމަށްވާ ދީމާ އާއި ރަފާ ވެސް މި މުބާރާތުގައި ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ. މި ދެ ކުޅުންތެރިން ވަނީ އެ ދެ ކުޅުންތެރިންގެ ފެންވަރު މީގެ ކުރިން ވެސް ދައްކާލައި ރާއްޖެ އަށް ރަން މެޑަލްވެސް ހޯދައިދީފަ އެވެ. މި ދެ ކުޅުންތެރިންގެ ފަހަތުން އިތުރު ކުޅުންތެރިން ވެސް އަންނަކަން ޔަގީންވަނީ މިޝްކާ ފަދަ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމުންނެވެ. މުސްތަގްބަލްގައި ރާއްޖެ އަށް މެޑަލް ހޯދައިދޭނެ އިތުރު ތަރިންތަކެއް ވެސް އުފެދެމުން އަންނަ ކަމުގެ އުންމީދު އާލާވަނީ މިޝްކާ ފަދަ ކުޅުންތެރިން ރަނގަޅު އަޒުމެއްގައި ތިބުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox