އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމާއި، ވޯޓުލާ މަރުކަޒުގައި ކަންކަން ހަމަޖެހިފައިވާ އުސޫލުތައް އެ ޕާޓީން މިއަދު އާންމުކޮށްފި އެވެ.
މެއި 14، ގައި އޮތީ އެ ޕާޓީގެ އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިތްވަރު އަދި ޗެއާޕާސަންގެ އިންތިހާބެވެ. މި އިންތިހާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އަދި އެންމެ މުހިންމު އިންތިހާބަކީ ޗެއާޕާސަންގެ އިންތިހާބެވެ. އެއްކޮޅުން ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އޭނާއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މިއަދު ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އޭނާ ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ކެމްޕޭނުގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ހަމައެހެންމެ، ކެންޑިޑޭޓަކު ވެސް ވޯޓުލާން މެނުވީ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި، ވޯޓުލުމަށްފަހު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުން ވެސް މިއަދު ނެރުނު އުސޫލުގައި ވަނީ މަނާކޮށްފަ އެވެ. އެ އުސޫލުގައި ވަނީ ވޯޓު ކަރުދާސްކޮޅު ހިފައިގެން މަރުކަޒުން ބޭރަށް ނުނުކުމެވޭނެ ކަމަށް ވެސް ބަޔާންކޮށްފަ އެވެ.
މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ވޯޓުލާ ނިމޭތާ 15 މިނެޓު ތެރޭ ވޯޓު ފޮށިތައް ގުނަން ފަށާނެ އެވެ. އަދި، އެއަށްފަހު ނަތީޖާ ވޯޓުލާ މަރުކަޒުގައި އާންމުކުރަން ވަނީ ހަމަޖެހިފަ އެވެ.

މި އުސޫލުތަކުގެ އިތުރުން އެމްޑީޕީން ވަނީ ބާތިލު ވޯޓު ގުނުމުގައި އަމަލުކުރާނެ ގޮތް ވެސް ހާމަކޮށްފަ އެވެ.
titledesc
ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެ އެވެ.
އަދި، ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެވޯޓު އެއީ ބާތިލް ވޯޓެއްކަން ނުވަތަ ބާތިލް ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެމަރުކަޒަށް އިންތިހާބާބެހޭ ކޮމިޓީން އައްޔަން ކޮށްފައިވާ އިސްމީހާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އިންތިހާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން، ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއިދު އޮތްއިރު, އިމްތިޔާޒުގެ ކެމްޕެއިން ކުރިއަށް ގެންދަވަނީ ރައީސް ނަޝީދުގެ ތާއިދާއި އެހީތެރިކަމާއެކު އެވެ.
މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ރައީސް ނަޝީދު ގާނޫނުއަސާސީއަށް ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކާމެދު ބަދަލު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ. ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ.












