ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ނުވަތަ ރައުސުލްމާލު ދައުލަތުގެ ބަޖެޓުން ދިނުމުގައި ހަރުދަނާ އުސޫލެއް ނެތް ކަމަށާއި، ފާއިތުވި ދެ އަހަރު ދައުލަތުން އެކަމަށް ކުރި ހޭދައިގެ ހިސާބުތައް ދިމާނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
ދައުލަތުގެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ މާލިއްޔަތު އޮޑިޓު ކުރުމަށްފަހު އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމަށް ދައުލަތުން ކެޕިޓަލް ދިނުމުގައި އަމަލުކުރާނެ ވަކި އުސޫލެއް ފިނޭންސް މިނިސްޓްރީން އެހާތަނަށް އެކުލަވާލާފައިނުވާ ކަމަށެވެ.
އެ އުސޫލުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ)އިން ނިންމާ ގޮތަށް ކުންފުނިތަކަށް ދޭ ކެޕިޓަލު އަދަދު ކަނޑައަޅާތީ، އެކި އިންސާފުވެރިކަމެއް ނެތި އެކި ކުންފުނިތަކަށް އެކި އަދަދުތައް ދެވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މީގެ އިތުރުން، 2019ގެ ނިޔަލަށް އެސްއޯއީތަކަށް ދޫކުރެވުނު ކެޕިޓަލްގެ އަދަދު މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ދެ ބިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހަމަ އެގޮތަށް، 2020ގެ އޮޑިޓު ރިޕޯޓުގައި ވެސް ކެޕިޓަލްގެ ގޮތުގައި ދޫކުރެވުނު އަދަދުގައި 614 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލުމަށާއި އެކަމަށް ކުރާ ހޭދާގައި ފަރަގެއް އުޅޭނަމަ އެކަން މާލީ ހިސާބުތަކުން ރަނގަޅު ކުރުމަށް އޮޑިޓު އޮފީހުން ދިން ލަފާގެ ތެރޭގައި ބުނެފައިވެ އެވެ.
ލިބެންޖެހޭ ޑިވިޑެންޑް ދިމާނުވޭ
އޭގެ އިތުރުން، 2019 އާއި 2020ގެ ނިޔަލަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިއްސާއަށް ލިބެންޖެހޭ ފައިސާ ނޫނީ ޑިވިޑެންޑްގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދު ވެސް ދިމާނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން، 2019ގައި ތަފާތު ތިން ކުންފުންޏަކުން 1.184 ބިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބެންޖެހޭ ކަމަށް އެސެޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވީ ނަމަވެސް، ސެޕްގައި ހަތަރު ކުންފުންޏަކުން ޑިިވިޑެންޑްގެ އަދަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 1.186 ބިލިއަން ރުފިޔާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.
ހަމަ މިގޮތަށް 2020ގެ ނިޔަލަށް ސަރުކާރުގެ ފަސް ކުންފުންޏަކުން ޑިވިޑެންޑްގެ ގޮތުގައި 1.44 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެސެޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވީ ނަމަވެސް، ސެޕްގައި އެ އަދަދު ބަޔާންކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާގެ ގޮތުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެ ފަރަގުތައް ހިސާބުތަކުން ސާފުކޮށްދެވިފައިވާ ނުވާތީ، އެ އަދަދުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.













