މާލޭގައި މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިމަހުގެ ދެ ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި/ ސީނުގެ، އަހުމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް (18އ) އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު މާލެއިންނެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
މާލޭގައި އީދު ދުވަހު ދެ މާރާމާރީއެއް ހިނގައިދިޔައިރު، އޭގެ ފަހުން ވެސް ވަނީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގި ދެ މާރާމާރީ އާއި މާލޭގައި ހިންގި މާރާމާރީއެއް ހިމެނެ އެވެ.

އެ މައްސަލަތައް ފުލުހުން މިހާރު ބަލަމުންދާއިރު، ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ހަތް މީހަކު ހޯދަން އިއުލާންކޮށްފަ އެވެ.
މާރާމާރީތަކާ ގުޅިގެން މިހާރު ހޯދަމުންދަނީ:
މައުސޫމް މުހައްމަދުދީދީ (27)، ކ. މާލެ، ދަފްތަރު ނަންބަރު 2260
އަހުމަދު ރަބީއު (24)، ގއ. މާމެންދޫ، ގްލޭނޫރަންމާގެ
އަހުމަދު ނާޒިހު (27)، ގއ. ގެމަނަފުށި، ކެނެރީގެ
މުނާދު ޖައުފަރު (20)، ސ. ހުޅުދޫ، ނާދީ
އަހުމަދު ސާތިއު (21)، ސ. މަރަދޫ، ކޮރަލް
އޭގެ ތެރެއިން ދެ މީހަކު މިހާރު ހޯދާފައި ވާއިރު، އެމީހުން ހޯދަމުން ދަނީ މާރާމާރީގެ ސީދާ ކޮން މައްސަލައަކާ ހެދި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، މާލޭގައި މިހާރު ހިނގަމުންދާ އެ މާރާމާރީތައް ފެށިގެން ދިޔައީ މާލޭގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިދިޔަ އަރައިރުންތަކަކަށް ފަހު އެވެ. މާރާމާރީތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓަކުން ފަސް މީހުން ވެސް ހައްޔަރުކުރި އެވެ.
ސިލްސިލާ މާރާމާރީތަކެއް ފެށުނީ، މާލޭގައި މިފަހުގެ އަހަރުތަކުގައި އެފަދަ މާރަމާރީތައް ހިނގުން މުޅިންހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. މާރާމާރީތަކާއެކު ފުލުހުން ދަނީ މިހާރު ޕެޓްރޯލްކުރުން އިތުރުކޮށް، މަގުމަތީ ޗެކްޕޮއިންޓްތަކާއި ރެންޑަމް ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.













