މެންޗެސްޓާ (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ކަމަށް ވާދަކުރަމުން އަންނަ ރޭހުގައި އިނގިރޭސި އެންމެން ސަޕޯޓްކުރަނީ ލިވަޕޫލަށް ކަމަށް ލީގުގެ އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީން ވަނީ މި ހަފްތާގައި ލިވަޕޫލް ކުޅުނު މެޗުން އެއްވަރުވުމުގެ ފައިދާނަގައި، ލީގުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީން ބާކީ ތިން މެޗު އޮއްވައި ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކުރީ، 35 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ސިޓީ އޮތީ ހަތަރު ގޯލު ކުރީގަ އެވެ.
ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 5-0 އިން ހޯދި މޮޅަށް ފަހު ނޫސްވެެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ގާޑިއޯލާ ވަނީ ނުސީދާކޮށް ލިވަޕޫލަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
"މި ގައުމުގައި (އިނގިރޭސިވިލާތުގައި) ދިރިއުޅޭ އެންމެން ސަޕޯޓްކުރަނީ ލިވަޕޫލަށް، މީޑިއާ ވެސް ދެން ޖުމްލަކޮށް ހުރިހާ އެންމެން،" ގާޑިއޯލާ ބުންޏެވެ.
"އޭގެ ސަބަބުތަކެއް ވެސް އެބަހުރި، އެއް ކަމެއް އެއީ ލިވަޕޫލްގެ އެބައޮތް ވަރަށް ކާމިޔާބު ތާރީހެއް، ހާއްސަކޮށް ޔޫރަޕްގެ މުބާރާތްތަކުގައި. އެކަމަކު ޕްރިމިއާ ލީގުގައި އެ ތާރީހެއް ނެތް، އެއީ 30 އަހަރު ތެރޭ އެއް ތަށި ލިބުނީ. އެހެން ނަމަވެސް އެއީ މައްސަލަައެއް ކަމަށް ނުދެކެން،"
ގާޑިއޯލާ ބުނީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑަކީ ތަށްޓާއި ކާމިޔާބާއި ސަޕޯޓަރުންގެ ކަންކަމަށް ބަލާއިރު، އެހެން ޓީމުތަކަށް ވުރެ ކުރީގައި އޮތް ދެ ކްލަބް ކަމަށެވެ. އެކަމަކު މިދިޔަ 11 ނޫނީ 12 ވަރަކަށް އަހަރު ސިޓީ ވެސް އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި އޮތުމަކީ މިހާރު އެ ކްލަބުން ހޯދަމުން އަންނަ ކާމިޔާބީގެ އަސްލު ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.
ލީގުގެ ފަހު މެޗުތަކުގައި ސިޓީގެ މުހިންމު ތިން ޑިފެންޑަރުން ނުފެންނާނެ
ސިޓީ އަށް ލީގު ޗެމްޕިއަންކަން ދިފާއުކުރަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ހަތް ޕޮއިންޓެވެ. ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެގެން، ލަނޑުގެ ތަފާތުން ވެސް ސިޓީ އަށް ޗެމްޕިއަންކަން ހޯދިދާނެ އެވެ. އެކަމަކު، ދެން އޮތް ތިން މެޗަށް ސިޓީން ކުރިމަތިލާން ޖެހޭނީ މުހިންމު ތިން ކުޅުންތެރިން ނެތި އެވެ. އެއީ ތިން ޑިފެންޑަރުން ކަމަށްވާ ރުބެން ޑިއާސް، ޖޯން ސްޓޯންސް އަދި ކައިލް ވޯކާ އެވެ.
ވޯކާ އާއި ސްޓޯންސަށް އަނިޔާވެފައިވަނީ މީގެ ކުރިން ކުޅުނު މެޗުތަކުގަ އެވެ. ޑިއާސް އަށް ރޭ ނިއުކާސަލް މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރީ އެެވެ.
"ޑިއާސް، ސްޓޯންސް އަދި ވޯކާ މި ސީޒަނުގައި ދެން ނުފެންނާނެ. އެއީ މައްސަލައެއް ނޫން. ރޮޑްރީ އަށް ވެސް އެ މަގާމަށް ކުޅެވިދާނެ، ނޫނީ އެކެޑަމީން ކުޅުންތެރިއަކު ގެނެސްގެން ވެސް ކުޅެން ޖެހިދާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް ދެން އޮތީ ރަށުންބޭރުގައި ވުލްވްސް އާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ކުޅޭ މެޗެވެ.












