ލަންޑަން (މެއި 7) - އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ, އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަންނަން ނިންމާފައިވާއިރު، ބޯލީ ކުރިމަތީގައި ޗެލްސީން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ވުލްވަހެމްޓަން ވެންޑަރާސް (ވުލްވްސް)އާ 2-2 އިން އެއްވަރުވެއްޖެ އެވެ.
ރަޝިއާ އިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް، އެ ޓީމު ވިއްކާލަން ނިންމީ މާޗް މަހު ދެ ވަނަ ދުވަހު އެވެ. އަބްރަމޮވިޗް ވަނީ މިއަދު ރަސްމީކޮށް ބޯލީ އަށް ޗެލްސީ ވިއްކާލައިފަ އެވެ. އެއީ 5.2 ބިލިއަން ޑޮލަރަށެވެ. މި ބިޑާ އެއްގޮތަށް ޗެލްސީ ވިއްކާލުން ރަސްމީކޮށް ނިމޭނީ އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމި ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، އިނގިރޭސި ރަސްމީ އިދާރާތަކުން ވިޔަފާރިއާ ގުޅޭ ކަންކަން ކަށަވަރުކޮށް ނިންމުމުން ލަސްވެގެން މި މަހު ފަހުކޮޅުގަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިއަދު ބޯލީ ވަނީ ވީއަޕީ ޒޯނުން މެޗު ބަަލައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ބަލައިނުގަންނަން ނިންމުމުން އެ ކަމާ މެދު ބޯލީ ހިތްހަމަނުޖެހުނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅުން ފެށިގެން 56 ވަނަ މިނިޓްގައި ޗެލްސީ އަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީން ރޮމެލޫ ލުކާކޫ ލީޑުނަގައިދިނުމާ އެކު ބޯލީ ވަނީ އުފާފާޅުކޮށްފަ އެވެ.
ލުކާކޫ ވަނީ ފުރަތަމަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ 29 ޑިސެމްބަރުގެ ފަހުން ލުކާކޫ ލީގުގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ޗެލްސީ ގަންނަން ނިންމާފައިވާ ގްރޫޕްގެ އިސްވެރިޔާ ބޯލީ (މ): މިއީ އޭނާ ޗެލްސީއާ ހަވާލުވާން ނިންމުމަށްފަހު އޭނާ މެޗަކަށް ދިޔަ ފުރަތަމަ ފަހަރު.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކުން ގޯލެއް ޖަހަން ވުލުވްސްގެ އައިތު-ނޫރީ އާއި ލެއަންޑޯ ޑެންޑޮންކާ އަށް ރަނގަޅު ދެ ފުރުސަތު ލިބުނުއިރު، ގޯލަށް ޖެހޭގޮތެއްނުވި އެވެ. ވުލްވްސް އިން އެއްވަރުކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ތިން ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެކު އެެވެ. ވުލްވްސް އިން ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރީ ފްރާންސިސްކޯ ޓްރިންކާއޯ، ހްވާން ހީ ޗާން އަދި ތޯމަސް އޮލިވޭރާ (ޗިކީނިއޯ) އެވެ.
ވުލްވްސް އަށް ގޯލު ޖަހައިދޭން ފުރަތަމަ ހީޗާން އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރި އެވެ. އެކަމަކު، މެޗުގެ 79 ވަނަ މިނިޓްގައި ޗިކީނިއޯ ކައުންޓަ އެޓޭކެއްގައި ޓްރިންކާއޯ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ޓްރިންކާއޯ އާއި ރައުލް ހިމެނޭޒަށް ރަނުގެ ދެ ފުރުސަތު ލިބުނު ނަމަވެސް ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ.
އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ވުލްވްސް އިން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ކެޕްޓަން ކޮނާ ކޯޑީ ޖެހި ގޯލުންނެވެ. ޗިކީނިއޯ އަރިމަތިން ނެގި ހުރަހަކުން ކޯޑީ މި ގޯލު ޖެހީ ޗެލްސީގެ ތިއާގޯ ސިލްވާ އާއި ރީސް ޖޭމްސް މެދުތެރެއިން އަރައި ބޮލުންނެވެ.
މޮޅުނުވެވުމުން ޗެލްސީ އަށް ތިން ވަނައިގައި ކޮންޓްރޯލް ނަގަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 34 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި މިރޭ، އެސްޓަން ވިލާ އިން ވަނީ ރަށުންބޭރުގައި 3-1 އިން ބާންލީ ބަލިކޮށްފަ އެވެ. ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސައުތެމްޓަންގެ މައްޗަށް ކުރިހޯދައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ވަޓްފޯޑް އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ 1-0 އިންނެވެ. މި ނަތީިޖާއާ އެކު ވަޓްފޯޑް ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ. މިއީ މި ސީޒަނުގައި ރެލިގޭޓްވި ދެ ވަނަ ޓީމެވެ. ނޮރިޗް ސިޓީ ވެސް ވަނީ ރެލިގޭޓްވެފަ އެވެ.












