މާލޭގައި އީދު ދުވަހުން ފެށިގެން ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފްލެޓަކުން ތޫނު ހަތިޔާރާއެކު ހަތަރު މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރަން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން އެގެއިން އެކި ސައިޒުގެ ހަ ވަޅިއާއި، މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ހަ ސެލޯފީން ކޮޅާއި ފިލްމް ހުސްކުރި ދެ ދަޅު ވެސް ފުލުހުން އަތުލައިގަތް ކަމަށެވެ.
ހައްޔަރުކުރި ހަތަރު މީހުންނަކީ އުމުރުން 19، 24، 25، އަދި 26 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންނަށް 15 ދުވަހުގެ ބަންދެއް ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ 11:00 ޖަހާކަންހާއިރު ހުޅުމާލޭގެ ލޮޓް ނަންބަރު 37 ގެ ފުރަތަމަ ފްލޯގައި ހުރި ގެޔަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު މާލޭގައި އަނެއްކާ ވެސް ސިލްސިލާކޮށް މާރާމާރީތައް ފެށިގެން ދިޔައީ އީދު ދުވަހު ހިނގައިދިޔަ ދެ މާރާމާރީއަށް ފަހު އެވެ. އޭގެ ފަހުން މާލޭގެ ސޯސަން މަގު ސިޓީ ބޭކަރީ ކައިރިންނާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ވެސް ވަނީ މާރާމާރީ ތަކެއް ހިނގައިފަ އެވެ. އެ މާރާމާރީ ތަކުގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެސް ވެފައިވެ އެވެ.

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކަކީ މާލޭގެ ދެ ސަރަހައްދަކަށް ނިސްބަތްވާ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިދާ މާރާމާރީ ތަކެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެ މާރާމާރީތަކާ ގުޅިގެން މީގެ ކުރިން ވެސް ބަޔަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ވަނީ އިތުރު ހަތް މީހެއް ހޯދަން އެމީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. މާރާމާރީތައް ފެށުނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލޭގެ ގޭންގުތަކާ ދެކޮޅަށް "ގުޅިގެން" ނަމުގައި އޮޕަރޭޝަނެއް ހިންގަނިކޮށެވެ.











