ލަންޑަން (މެއި 7) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާގެ ސޮއި ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 29 އަހަރުގެ ޕޮގްބާ އަށް ޔުނައިޓެޑުން އާ އެއްބަސްވުމެއް ނުދޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އޭނާ މި ވަގުތު ހުރީ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ޔުނައިޓެޑްގެ ވަޓްސަޕް ގްރޫޕުން ޕޮގްބާ ނުކުމެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ޕޮގްބާ، ދެން ޔުނައިޓެޑް ޖޯޒީގައި ވެސް ނުފެނުމުގެ ފުރުސަތު އެބައޮތެވެ.
ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ފާއިތުވި ހަފްތާގައި ވަނީ މަރުވެފަ އެވެ. އެހެންވެ، މިހާރު ޕޮގްބާގެ ޓްރާންސްފާގެ މަޝްވަރާތަކުގައި އިސްކޮށް އުޅެނީ ފްރާންސްގެ އެޖެންސީ އެކެވެ. ރިޕޯޓްތައް ބުނާގޮތުން އެ އެެޖެންސީ މެދުވެރިކޮށް ޕޮގްބާގެ ޓްރާންސްފާގެ މަޝްވަރާތައް ކުރަމުން އަންނަ ޓީމުތަކުގެ ތެރޭގައި ޕީއެސްޖީ އާއި ޔުވެންޓަސް ހިމެނެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ސިޓީ ވެސް ވަނީ އެ ރޭހަށް ވަދެފަ އެވެ.
ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އެ މަގާމަށް އާ މިޑްފީލްޑަރެއް ހޯދަން އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ސިޓީން ފާރަލާ މިޑްފީލްޑަރަކީ ބާސެލޯނާފެ ފްރެންކީ ޑި ޔޯން ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވިސްނުން ހުރީ ހިލޭ ޓްރާންސްފާއެއްގައި ޕޮގްބާ އެ ޓީމަށް ގެންދިއުމަށެވެ. އެއީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ޕޮގްބާ އަށް ދޭ ގޮތަށެވެ. އަދި ޕޮގްބާ ބޭނުންނަމަ އެ އެއްބަސްވުމުގައި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށް މާއްދާއެއް ހިމަނަން ވެސް ސިޓީން އޮތީ ތައްޔާރަށެވެ.
ޔޫތު ކެރިއަރު ޔުނައިޓެޑްގައި ހޭދަކުރި ޕޮގްބާ އެ ކްލަބާ ދެ ވަނަ ފަހަރަށް ގުޅުނީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑު ފީއެއްކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، ޕޮގްބާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ އިނގިރޭސި މީޑިއާގެ ފާޑުކިޔުން އަންނަނީ ކޮންމެ ސީޒަނަކު ޕޮގްބާ އަށް އަމާޒުވަމުންނެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑާ އެކު ޕޮގްބާ ވަނީ 2017 ވަނަ އަހަރުގެ ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން އިތުރު ކާމިޔާބެއް ލިބިފައިނުވެ އެވެ.












