މިދިޔަ އީދު ދުވަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އީދު ވިލޭރޭ އާއި އީދު ދުވަހުގެ ހެނދުނު ވެސް މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި އެވެ. އީދު ދުވަހުގެ ހެނދުނު މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ 15 އަހަރުގެ ކުޑަކުއްޖެކެވެ. އަދި، އަނެކަކީ އުމުރުން 18 އަހަރުގެ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފަ އެވެ. އަދި، ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.
އެ ދެ މާރާމާރީ އަށް ފަހު ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ދެ މާރާމާރީ އަދި ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

ފުލުހުން އަންނަނީ މި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހަތް މީހަކު ހޯދަމުންނެވެ.
އެ މާރާމާރީތައް ފެށިގެންދިޔައީ މާލޭގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިދިޔަ އަރައިރުންތަކަކަށް ފަހު އެވެ. މާރާމާރީތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓަކުން ފަސް މީހުން ވެސް ހައްޔަރުކުރި އެވެ.
ސިލްސިލާ މާރާމާރީތަކެއް ފެށުނީ، މާލޭގައި މިފަހުގެ އަހަރުތަކުގައި އެފަދަ މާރަމާރީތައް ހިނގުން މުޅިންހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. މާރާމާރީތަކާއެކު ފުލުހުން ދަނީ މިހާރު ޕެޓްރޯލްކުރުން އިތުރުކޮށް، މަގުމަތީ ޗެކްޕޮއިންޓްތަކާއި ރެންޑަމް ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.












