މާލޭގައި ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މާލޭގައި އީދު ދުވަހު ދެ މާރާމާރީއެއް ހިނގައިދިޔައިރު، އޭގެ ފަހުން ވެސް ވަނީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގި ދެ މާރާމާރީ އާއި ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީއެއް ހިމެނެ އެވެ.
އެ މައްސަލަތައް ފުލުހުން މިހާރު ބަލަމުންދާއިރު، ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ހަތް މީހަކު ހޯދަން އިއުލާންކޮށްފައެވެ.
މާރާމާރީތަކާއި ގުޅިގެން ހޯދަމުންދަނީ:
- މައުސޫމް މުހައްމަދުދީދީ (27)، ކ. މާލެ، ދަފްތަރު ނަންބަރު 2260
- އަހުމަދު ޝިމްހާޒު (22)، ތ. ތިމަރަފުށި، ސީނުގެ
- ލޫޠު އަޙްމަދު އާސިފް (18)، ކ. މާލެ، މ. ލޮނުމިދިލިގެ
- އަހުމަދު ރަބީއު (24)، ގއ. މާމެންދޫ، ގްލޭނޫރަންމާގެ
- އަހުމަދު ނާޒިހު (27)، ގއ. ގެމަނަފުށި، ކެނެރީގެ
- މުނާދު ޖައުފަރު (20)، ސ. ހުޅުދޫ، ނާދީ
- އަހުމަދު ސާތިއު (21)، ސ. މަރަދޫ، ކޮރަލް
އެމީހުން ހޯދަމުން ދަނީ މާރާމާރީގެ ސީދާ ކޮން މައްސަލައަކާހެދި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް، މާލޭގައި މިހާރު ހިނގަމުންދާ އެ މާރާމާރީތައް ފެށިގެންދިޔައީ މާލޭގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިދިޔަ އަރައިރުންތަކަކަށް ފަހު އެވެ. މާރާމާރީތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓަކުން ފަސް މީހުން ވެސް ހައްޔަރުކުރި އެވެ.
ސިލްސިލާ މާރާމާރީތަކެއް ފެށުނީ، މާލޭގައި މިފަހުގެ އަހަރުތަކުގައި އެފަދަ މާރަމާރީތައް ހިނގުން މުޅިންހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. މާރާމާރީތަކާއެކު ފުލުހުން ދަނީ މިހާރު ޕެޓްރޯލްކުރުން އިތުރުކޮށް، މަގުމަތީ ޗެކްޕޮއިންޓްތަކާއި ރެންޑަމް ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.











