މެޑްރިޑް (މެއި 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ހިތްދަތި ގޮތަކަށް ފަހު ވަގުތު ގޯލުތަކެއް ވަދެގެން މުބާރާތުން ކެޓި މެންޗެސްޓާ ސިޓީން ފުޓްބޯޅައިގެ ހަގީގަތާ ކުރިމަތިލައިގެން ކުރިއަށްދާން ދަސްކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުން ސިޓީ ވަނީ ރެއާލް އަތުން 4-3 އިން މޮޅުވެފަ އެވެ. ރޭ ރެއާލް ދަނޑުގައި ފުރަތަމަ ގޯލު ޖެހީ ސިޓީންނެވެ. މެޗުގެ 73 ވަނަ މިނިޓްގައި ރިޔާދު މާރޭޒް ސިޓީ އަށް ލީޑުނަގައިދިނުމުން ސިޓީ އަށް ގާތްގަނޑަކަށް ފައިނަލުގެ ޖާގަ ލިބިފައިވާ ކަމަށް ގިނަ ބަޔަކަށް ބެލެވުނެވެ.
އެކަމަކު، މެޗުގެ ފަހު ވަގުތު 88 ސިކުންތު ތެރޭގައި ރޮޑްރީގޯ ޖެހި ދެ ގޯލުން ރެއާލް ވަނީ 5-5 އިން އެގްރިގޭޓް އެއްވަރުކޮށްފަ އެވެ. އަދި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ނަތީޖާއެއް ނެރެން ޖެހުނުއިރު، ކަރިމް ބެންޒެމާ ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ރެއާލް ފައިނަލަށް ގެންގޮސްދީފަ އެވެ.
މެޗަށް ފަހު ގާޑިއޯލާ ބުނީ މިއީ ސިޓީގެ އަސްލު ލެވަލްގެ ކުޅުމެއް ދެއްކުނު މެޗެއް ނޫން ކަމަށާއި ޕްރެޝަރު ތެރޭގައި ކުޅުންތެރިންނަށް ގޯސްތާކެއް ހެދުނު ކަމަށެވެ.
"ފުޓްބޯޅަ އަކީ ޔަގީންކަމާ އެކު ވާނެ ގޮތެއް ބުނަން ނޭނގޭ ކުޅިވަރެއް. އަހަރެމެން މި ކުޅިވަރުގެ މި ހަގީގަތް ގަބޫލުކޮށްގެން މީގެއިން އިބްރަތް ހޯދައިގެން ކުރިއަށްދާންވީ،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެން ގޯލު ޖަހާފައި، ދެން އެ ލިބުނު ފުރުސަތުތަކުން ގޯލެއް ނުޖެހުން މިއީ މައްސަލަ އަކީ، މި މެޗުގައި ރެއާލުން ފަހު 10 މިނިޓް ތެރޭ ނަތީޖާ އަނބުރާލީ އެއް ނޫން. އެ މީހުން ވިސްނައިގެން މުޅި މެޗު ރަނގަޅަށް ކުޅެފައި އެ އޮތީ،"
ފާއިތުވި 14 އަހަރު ތެރޭ ސިޓީގެ ވެރިން ކަމަށްވާ އަބޫދާބީގެ ޝެއިހް މަންސޫރު އާއިލާ އިން ވަނީ ބިލިއަނަކަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެ ޓީމުން އެންމެ ބޭނުންވާ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ. އެކަމަކު، އަދި އެކަން އޮތީ ހާސިލްނުވެ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން ސިޓީ ވަނީ ޗެލްސީ އަތުން 1-0 އިން ބަލިވެފަ އެވެ.
ސިޓީން މަސައްކަތް ކުރަމުން އައީ ތިން ތަށްޓާ އެކު ސީޒަން ނިންމާލުމަށެވެ. އެކަމަކު، އެފްއޭ ކަޕް ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވެ ކެޓިއިރު، ޗެމްޕިއަންސް ލީގުގެ ދަތުރު މި ނިމުނީ ސެމީ ފައިނަލުގައި ރެއާލާ ހަމައިންނެވެ. ސިޓީ އަށް މި ސީޒަނުގައި ދެން ހޯދެން އޮތީ އިނގިރޭސި ޕްރިމިއާ ލީގެވެ. ބާކީ ހަތަރު މެޗު ކުޅެން ސިޓީން ތައްޔާރުވަމުން އަންނައިރު، އެ ޓީމު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
"އަހަރެެމެންނަށް މި ދިމާވި ކަންތައްތަކުން އަރައިގަނެ، ބާކީ މި އޮތް ހަތަރު މެޗުގައި ވީ އެންމެ ރަނގަޅަށް ކުޅެން ވިސްނަންވީ،" ގާޑިއޯލާ ބުންޏެވެ.
ރޭގެ ސެމީ ފައިނަލުގައި ލިބުނު ނާކާމިޔާބީއާ އެކު ގާޑިއޯލާ އަށް ވެސް ވަނީ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެންމެ ގިނައިން ކެޓި ދެ ކޯޗުންގެ ތެރޭގައި ގާޑިއޯލާ މި ވަނީ ހިމެނިފަ އެވެ. ގާޑިއޯލާ އާއި ހޯސޭ މޮރީނިއޯ ވަނީ ޖުމްލަ ހަ ފަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ނާކާމިޔާބުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި މަހު 28 ވަނަ ދުވަހު ބައްދަލުކުރާނީ ރެއާލާއި ލިވަޕޫލް އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި މި ދެ ޓީމުގެ ތިން ވަނަ ކުރިމަތިލުމެވެ.












