ވޮޝިންޓަން، އެމެރިކާ (މޭ 4) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާ މީހުންނަކީ "ހަރުކަށި" ގްރޫޕެއް ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވީ ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އަގެއިން" ހަރަކާތަކީ އެމެރިކާގެ އަސާސްތަކާއި ވިސްނުމަށް އޮތް ނުރައްކަލެއް ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މި މީހުން އަމާޒު ކުރާނީ ކޮން ކަމަކަށް ތޯ؟ މި ގްރޫޕަކީ އެމެރިކާގެ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ހަރުކަށި ސިޔާސީ ގްރޫޕް،" ބައިޑެން ވިދާޅުވި އެވެ.
އޭގެ އިތުރުން ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އިގްތިސާދީ ސިޔާސަތަކީ ވެސް "ހަރުކަށި" ސިޔާސަތެއް ކަމަށް ބައިޑެން ސިފަކުރެއްވި އެވެ.
ރިޕަބްލިކަން ޕާޓީއިން އިސްކަން ދޭނީ މުއްސަނދިންނަށް ކަމަށް ތުހުމަތު ކުރައްވައި، ބައިޑެން ވިދާޅުވީ ވެރިކަމުގައި އޮތް އެމަނިކުފާނުގެ ޑިމޮކްރެޓިކް ޕާޓީގެ ވިސްނުން ތަފާތު ވާނެ ކަމަށެވެ.
އަންނަ ނޮވެމްބަރު މަހު އޮންނަ ދައުރުގެ މެދުތެރޭ އިންތިހާބުގެ ކެމްޕެއިންގައި އިގްތިސާދީ ސިޔާސަތުގެ ވާހަކަ ބައިޑެން ވަރަށް ގިނައިން ދައްކަވާނެ ކަމަށް ބެލެވެ އެވެ. ކުރިއަށް އޮތް އިންތިހާބުން ކުރި ލިބޭ ބަޔަކަށް، ޕާލިމެންޓް ނުވަތަ ކޮންގްރެސްގެ ބާރު ލިބޭނެ އެވެ.










