އިއްޔެ ޏ. ފުވައްމުލަކު ނެރު ކައިރިއަށް ފީނަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ މުހައްމަދު "ސައިއްޓޭ" ސައީދު، މަސް ބާނަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ކޯސްޓްގާޑުން ހޯދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސައީދު ހޯދަން ކޯސްޓްގާޑް ޑްރައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން އޭނާ މަސް ހިފުމަށް ބޭނުން ކުރި ކަމަށް ބެލެވޭ އާލާތެއް ފެނިފައިވާ ކަމަށެވެ.
ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާ ކުރެ އެވެ.
ސައީދު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޑޯނިއާ އާއި ހެލިކޮޕްޓަރު ވެސް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ ސައީދު ފީނަން ފޭބީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ފީނަން ފޭބި ސައީދު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 3:30 ހާއިރެވެ.
ސައީދުއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އަންގައިދޭން ވެސް އެދިފައިވެ އެވެ.












