މި މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމު މިއަދު ކޭމްޕްކޮށްފި އެވެ.
މިއީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މި ފަދަ މުބާރާތެއްގައި ގައުމީ ޖޫނިއާ ޓީޓީ ޓީމު ކޭމްޕްކުރި ފުރަތަމަ ފަހަރެވެ. ޓީޓީ ޓީމު ކޭމްޕް ކޮށްފައިވަނީ ބީހައިވް ހޮޓަލުގަ އެވެ.
ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒު އެވެ. އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އެވެ.
ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް އާއި އުމީރު އަދި އަހުމަދު ރައްޔާން މުހައްމަދު އަނީސް އެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ ރަފާ، ދީމާ އަދި މަލާކް އެވެ. ޓީމުގެ ކޯޗަކީ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) އެެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު މުންތިފް އަހުމަދު އެވެ. އެސިސްޓިން ކޯޗުންނަކީ މޫސާ މުންސިފް އަހުމަދާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. ޓީމު މެނޭޖަރަކީ އައިޝަތު ފަދުވާ ރަޝީދު އެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މި ގޮތަށް ކޭމްޕްކުރުމުގެ މައިގަނޑު ބޭނުމަކީ ކުުޅުންތެރިން މުބާރާތަށް ފޯކަސް ކުރާ މިންވަރު އިތުރުކުރުމާއި ޓީމު ރޫހު ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާ ސަރަހައްދީ ޖޫނިއާ މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ވަނީ މި ވަގުތަށް ވެވޭނެ އެންމެ ރަނގަޅަށް ތައްޔާރުވެފަ އެވެ. އެ ގޮތުން ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ރާއްޖެ ގެނެސްގެން، ރަނގަޅު ޕްރެކްޓިސް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ތަރި، ދީމާ އައީ ފާއިތުވި ތިން މަހެއްހާ ދުވަހު ތައިލެންޑުގައި ޓްރެއިނިން ފުރިހަމަ ކުރަން ހުރުމަށް ފަހު ސީދާ މުބާރާތާ ދިމާކޮށެވެ.
ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގެ ހޯލު ވެސް މަރާމާތު ކުރުމަށް ފަހު ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން އެވެ.
ރާއްޖޭން މީގެ ކުރިން ވެސް ޖޫނިއާ ޓީޓީ މުބާރާތެއް ބޭއްވި އެވެ. އެކަމަކު، އެ ފަހަރަށް ވުރެ ފޯރިގަދަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ އެކު މެޗުތައް ބަލަން ސަޕޯޓަރުން ދިއުމާއި މުބާރާތް ފޯރިގަދަ ކުރަން ކުރެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ޖޫނިއާ ޓީޓީ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހިތްވަރުދެއްވައިފަ އެވެ. ނައިބު ރައީސް ފައިސަލް ވަނީ ޓީޓީ މުބާރާތުގެ ލޯގޯ ލޯންޗްކުރުމުގެ ހަފްލާގައި ކުޅުންތެރިންނަށް އަގުހުރި މެސެޖްތަކެއް ދެއްވައިފަ އެވެ. އަދި ރައީސް ސޯލިހު ވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުޅުންތެރިންނާ މުހާތަބުކޮށް މުހިންމު ވާހަކަތަކެއް ހިއްސާކުރައްވައިފަ އެވެ.












