ޖައްވުން އަންނަ ނުރައްކަލެކޭ ބުނީމާ ހިތަށް އަރާނީ އެއީ ސައިންސް ފިކްޝަން ކަމަށެވެ. އެކަމަކު އަހަރެމެންގެ މި ޕްލެނެޓަނަށް އެކި ސިފަސިފައިގައި އެ ނުރައްކާ އެބަ އޮތެވެ. މީގެ 65 މިލިޔަން އަހަރުކުރިން ޑައިނަސޯތައް ނެތިގެން ދިޔަ ސަބަބުކަމަށް ބަލާ ބޮޑު ގިނިހިލައިގެ ވާހަކައިން މިކަން އެނގެ އެވެ.
ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުން އެކަހަލަ ހާދިސާއެއް ހިނގުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. އެއީ ނަސީބެކެވެ. އެހެން ނަމަވެސް ސޯލާ ސްޓޯމްތައް ފަދަ ގޮތް ނޭނގޭ ގުދުރަތީ ނުރައްކާތައް ޖައްވުން ބިމަށް ކުރިމަތިވުމަކީ ގާތްގާތުގައި ވެސް ހިނގާފާނެ ކަންތައްތަކެވެ. އެބާވަތުގެ ތޫފާންތަކުން ދިރޭތަކެއްޗަށް ސީދާ ގޮތެއްގައި އަސަރެއް ނުކޮށްފާނެ އެވެ. ނުވަތަ އެއްވެސް އަސަރެއް ނުކޮށް ވެސް ހިނގައިދާނެ އެވެ. އެކަމަކު އެއީ އަހަރެމެން އެ ނިޒާމަކަށް ވަރަށް ބޮޑަށް ބަރޯސާކުރާ އިލެކްޓްރޯނިކް ނިޒާމު މުޅިން ގަޑުބަޑުކޮށްލަފާނެ ކަންތައްތަކެކެވެ. ޚާއްސަ ގޮތެއްގައި ސެޓެލައިޓަށް ބިނާވާ ނިޒާމަށެވެ.
އެކަން އިތުރަށް ގޯސްވަނީ އިންސާނުން އުފައްދައި ޖައްވަށް ދޫކޮށްފައިވާ ސެޓެލައިޓްތަކުން އުފެދޭ ކުނިންނެވެ. ޖައްވުގައި ދައުރުވަމުންދާ އެފަދަ ކުނިބުނީގެ ސަބަބުން މިހާރު ރަނގަޅަށް ހުރި ސެޓެލައިޓްތައް ހަލާކުވުމުގެ ނުރައްކާ އިންތިހާއަށް އޮވެ އެވެ.
ޖައްވުގެ ނުރައްކާތަކުގެ ގެއްލުން ކުޑަކުރުމުގެ ޒިންމާ އެމެރިކާގައި އުފުލަނީ އެތައް އެޖެންސީއަކުންނެވެ. ޖައްވުގައިވާ ކުނިބުނި ހުރި ހިސާބު ދެނެގަނެ، އެ އެއްޗިއްޗަށް ވާނުވާ ބެލުމަކީ ނެޝަނަލް ސްޕޭސް އެޖެންސީ (ނާސާ) އާއި ޔޫއެސް ސްޕޭސް ފޯސްގެ ޒިންމާ އެކެވެ. ޖައްވުގެ މޫސުން ދިރާސާކުރުމަކީ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފިއަރިކް އެޑްމިނިސްޓްރޭޝަންގެ ޒިންމާ އެކެވެ. ބިމާ ކައިރީގައިވާ ގިނަހިލައާއި އެނޫންވެސް ޖައްވީ އެއްޗިއްސަށް ވާނުވާ ބެލުމަކީ ނާސާގެ ޕްލެނެޓަރީ ޑިފެންސް ކޯޑިނޭޝަން އޮފީހުގެ ޒިންމާ އެކެވެ.
ޔޫރަޕްގައި މިހުރިހާ ކަމެއް އެއް ކުޑައެއްގެ ދަށަށް ގެނެސް ހަވާލުކޮށްފައި ވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އާ އެވެ. އެހުރިހާ މަސައްކަތެއް އެއްކޮށްލައިގެން އެ ހަރަކާތަށް ދީފައިވާ ނަމަކީ "ސްޕޭސް ސިޗުއޭޝަނަލް އެވެއާނަސް ޕްރޮގްރާމް" އެވެ.

ޖައްވުގައި ހުރީ ކޮންކަހަލަ ކުންޏެއް؟
ޖައްވުގައިވާ ކުނިބުންޏަކީ މައިގަނޑު ގޮތެއްގައި ހަލާކުވެފައިވާ ސެޓެލައިޓްތަކާއި ސެޓެލައިޓްތައް ޖައްވަށް ފޮނުވަން ބޭނުންކުރި ރޮކެޓްތަކުގެ ބައިތަކެވެ. މި ދެބާވަތް އޭގެ ގޮތުގައި ހުރި ނަމަ އެއީ އެ އެއްޗިއްޗަށް ވާނުވާ ފަސޭހައިން ބެލޭނެ ތަކެއްޗެވެ. އެކަމަކު މައްސަލައަކީ އެތަކެތި ކުނޑިކުނޑިވެ، އެތައް ހާސް ކުދިއެތިކޮޅުތަކަށް ވެފައިވުމެވެ. އެއީ ޖައްވުގެ ތެރޭގައި އެތަކެތި އިތުރަށް ގޮވުމާއި އެކަތި އަނެކައްޗާ މުޑިއެރުން ފަދަ ކަންތައްތަކުން ވެފައިވާ ގޮތެވެ.
ނުރައްކާތެރިކަމަކީ އެ ކުދި އެތިކޮޅުތައް ވެސް ދަތުރުކުރަމުންދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށް ވުމާއި އެކި މިސްރާބަށް ކަމަށް ވުމެވެ. އެއީ ގޮވުންތަކުގެ ތަފާތާއި ވެލޯސިޓީގެ ތަފާތުގެ ސަބަބުން ވެފައިވާ ގޮތެވެ.
ސަލާމަތުން ހުރި ސެޓެލައިޓްތަކަކީ ކުނިބުންޏާ ދިމާވެއްޖެ ނަމަ މިސްރާބު ބަދަލުކުރެވޭނެ ނިޒާމުތަކާ އެކު އުފައްދާފައިވާ ސެޓެލައިޓްތަކެކެވެ. އެކަމަކު އުނދަގޫ ކަމަކީ ކުޑަވެގެން، 0.4 އިންޗިން ފެށިގެން ގޮސް 25 މީޓަރުގެ އެތިގަނޑުތައް ހިމެނޭ ގޮތުން އެތައް ހާސް އެތިއެތިގަނޑު އެނބުރޭތީ އެހުރިހާ އެއްޗެއް ހުރި ހިސާބު ބަލަމުން ދިއުމެވެ.
ޔޫރަޕާއި އެމެރިިކާގެ ޖައްވީ އިދާރާތަކުން އެ މަސައްކަތް ކުރަނީ ގިނަ އަދަދެއްގެ ޓެލެސްކޯޕްތަކާއި ރާޑަރުތައް ބޭނުންކޮށްގެންނެވެ. ސެޓެލައިޓަކަށް ގެއްލުމެއް ވެދާނެ ފަދަ އެއްޗެއް ކައިރިވާ ނަމަ ޔޫރަޕިއަން ސްޕޭސް އެޖެންސީން އެލާޓެއް ނެރެ އެވެ. ސެޓެލައިޓްތައް ސަލާމަތްކުރުމަށް ކުރަން ޖެހޭ މަސައްކަތް އެހިސާބުން ފަށައެވެ.
މި ނިޒާމު މިހާރު ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ލޯންޗްކުރަމުން އަންނަ ސެޓެލައިޓްތަކުގެ އަދަދު މާ ގިނަ އެވެ. އެހެންވެ އުފެދޭ ކުނިތައް ގިނަވެ، އެކަތި އަނެކައްޗާ މުޑިއެރުމަކީ އަބަދު ހިނގާ ކަމަކަށް ވެގެން ދިއުމުގެ ބިރު އެބަ އޮތެވެ. މިއީ ނުހުއްޓުވިއްޖެ ނަމަ ސެޓެލައިޓް ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިތިވާނެ ކަމެކެވެ.









