މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަކުރުމަށް، މަސައްކަތްތެރިންގެ ހުރި ކަންބޮވުންތަކާއެކު ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން އިންތިޒާމުކުރި ހިނގާލުން ނުވަތަ ރެލީ މަޖީދީ މަގުގައި ނުބޭއްވޭނެ ކަމަށް އެންގީ ޓްރެފިކަށް ބާރުބޮޑުވާނެތީ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމަގެ ހަވީރު 4:00 އިން 6:00 އަށް ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށެވެ.
އެ ހިނގާލުން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އަންގާފައިވީ ނަމަވެސް، އެ ރެލީ ކުރިއަށް ގެންދާނެ ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީ މަޖީދީމަގުގެ ބަދަލުގައި، ގާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް އިންތިމާކުރާ ފަރާތްތަކުގެ ކިބައިން އެދުނު ކަމަށެވެ.

"ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެ،" ފުލުހުން ބުންޏެވެ.
އަދި ސުލްހަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޮޑު ރެލީ އަކާ އެކު މިދުވަސް ފާހަގަ ކޮށްފައި ވަނީ 2019ވަނަ އަހަރު އެވެ.













