އައިލެންޑް އޭވިއޭޝަނަށް ޖެޓް ފިއުލް ލިބޭ އަގު ބޮޑުވުމާއެކު، ޕަސެންޖަރުން އަތުން ނަގާ ފިއުލް ސާޗާޖް ބޮޑުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މި ނޫހަށް ވިދާޅުވީ ފިއުލް ސާޗާޖު މިއަދުން ފެށިގެން 180ރ. އިން ބޮޑުކޮށްފައިވާ ކަމަށެވެ. ފިއުލް ސާޗާޖުގެ ގޮތުގައި ޕަސެންޖަރެއްގެ އަތުން ކުރިން 420ރ. ނަގަމުން ދިޔައިރު، ދެން ނަގާނީ 600ރ. އެވެ.
"ސާޗާޖް ބޮޑުކުރަން މަޖުބޫރުވީ ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅުޖައްސައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން،" ޖެނިފާ ވިދާޅުވި އެވެ.
ޖެނިފާ ވިދާޅުވީ ރަޝިއާ އާއި ޔޫކުރޭން ހަނގުރާމަ ފެށި ފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އައިލެންޑް އޭވިއޭޝަނުން ވެސް ތެޔޮ ގަތުމަށް ހޭދަކުރަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. ކުރިން ތެޔޮ ލިބޭ އަގަށް ވުރެ މިހާރު 50 ޕަސެންޓް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.









