މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަކުރުމަށް، މަސައްކަތްތެރިންގެ ހުރި ކަންބޮވުންތަކާއެކު ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން އިންތިޒާމުކުރި ހިނގާލުން ނުވަތަ ރެލީ ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި ނަމަވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
އެ ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމަގެ ހަވީރު 4:00 އިން 6:00 އަށް ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށެވެ.
އެމްޓީޔޫސީގެ ޖެނެރަލް ސެކެޓްރީ ފާތިމަތު ޒިމްނާ "އަދަދު" އަށް މިރޭ ވިދާޅުވީ އެ ޖަމިއްޔާއިން އިންތިޒާމުކުރި ގޮތަށް މާދަމާގެ އެ ރެލީ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަަށެވެ.
"އަޅުގަނޑުމެން އިންތިޒާމް ކުރާ ގޮތަށް ބޭއްވުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ފުލުހުން ވިދާޅުވީ. އެއީ ރަސްފަންނުން ފަށައިގެން ކާނިވާ ސަރަހައްދަށް ނިންމާފަ، މި ރެލީގަ ބައިވެރިވާ މީހުންނަށް ރޯދަ ވީއްލުމަކާ އެއްކޮށް ކުރިއަށް ގެންދަން،" ޒިމްނާ ވިދާޅުވި އެވެ.
"ފުލުހުން ބުނީ ރެލީ ބާއްވަންޏާ ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ ކަމަށް،" ޒިމްނާ ވިދާޅުވި އެވެ.

ނަމަވެސް، ޒިމްނާ ވިދާޅުވި ގޮތުގައި އެ ރެލީ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް، އެމްޓީޔޫސީގެ ލީޑާޝިޕުން ނިންމާފައި ވަނީ އެއްވެސް ބަދަލެއް ނުގެނެސް ރެލީ ކުރިއަށް ގެންދާށެވެ.
މީގެ އިތުރުން އެމްޓީޔޫސީގެ މި ރެލީގައި އިސްކޮށް ހަރަކާތްތެރިވާ ލޯޔަރު މަރިޔަމް ޝުނާނާ ވިދާޅުވީ މިހާތަނަށް ނިންމާފައި ވަނީ ފުލުހުން ހައްޔަރު ކުރި ނަމަވެސް ރެލީ ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެމްޓީޔޫސީގެ ރައީސް މައުރޫފް ޒާކިރު ވަނީ މި ރެލީގައި އެންމެހާ މަސައްކަތްތެރިން ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން މި ހިނގާލުމުގައި ބިދޭސީއެއް ދޭސީއެއް ނުބަލާ އެންމެހާ މަސައްކަތްތެރިން ބައިވެރިވުމަށް އޭނާ ވަނީ އެދިފަ އެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޮޑު ރެލީ އަކާ އެކު މިދުވަސް ފާހަގަ ކޮށްފައި ވަނީ 2019ވަނަ އަހަރު އެވެ.












