ލަންޑަން (އޭޕްރީލް 30) - އިނގިރޭސި ފުޓްބޯލް ރައިޓާސް އެވޯޑް، ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދެ ވަނަ ފަހަރަށް ހޯދައިފި އެވެ.
ސަލާހު، 29، އެންމެ ފުރަތަމަ ފުޓްބޯލް ރައިޓާސް އެވޯޑް ހޯދީ 2018 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް މި ފަހަރު އެ އެވޯޑް ހޯދިއިރު، ސަލާހު ވަނީ 48 ޕަސެންޓް ވޯޓު ކާމިޔާބުކޮށްފަ އެވެ. ސަލާހާ އެންމެ ކައިރިން ވާދަކުރީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް އެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓާއި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި ކުޅުންތެރިންގެ ތާވަލުގެ ކުރީގައި އޮތީ ސަލާހު އެވެ. ލީގުގެ ދެ ވަނަ މަގާމުގައި އޮތް ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު ވަނީ މި ފަހަރު، 22 ގޯލު ޖަހައި، 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސީޒަނުގައި ޖުމްލަ އެކު ސަލާހު ވަނީ 44 މެޗުން 30 ގޯލު ޖަހައި، 14 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނު ޗެލްސީގެ ސޭމް ކާ.
ފުޓްބޯލް ރައިޓާސް ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ޗެލްސީގެ އޮސްޓްރޭލިއާ ފޯވާޑް ސެމް ކާ އެވެ. އޭނާ ވަނީ ސީޒަނުގައި ޖުމްލަ 28 ގޯލު ޖަހައި، ޗެލްސީ އަށް ވިމެންސް ސުޕަ ލީގުގެ ކުރިން ޖާގަ ހޯދައިދީފަ އެވެ. ކާ އަށް ވަނީ ފުޓްބޯލް ރައިޓާސް އެވޯޑްގެ 40 ޕަސެންޓް ވޯޓު ލިބިފަ އެވެ.
ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ބުނީ ސަލާހާއި ކާ އަށް މި އެވޯޑް ދިނީ ހަމައެކަނި ކްލަބްގެ ކުޅުމަށް ބަލާފައި ނޫން ކަމަށާއި ގައުމީ ޓީމުގެ މެޗުތަކަށް ވެސް ބަލާފައިވާނެ ކަމަށެވެ.
ސަލާހަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.
ލިވަޕޫލުން މިއަދު ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭއިރު، ސިޓީ ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.












