މެންޗެސްޓާ (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ ލިވަޕޫލާއި އާސެނަލް އަތުން ބަލިވެފަ އެވެ. މިރޭ، ޗެލްސީން ލީޑުނެގި ނަމަވެސް ރޮނާލްޑޯ ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެކަމަކު، މި ނަތީޖާއާ އެކު ޔުނައިޓެޑުން ގަދަ ހަތަރެއްގައި ނިންމަން އޮތް ފުރުސަތު އިތުރަށް ވަނީ ކުޑަވެފަ އެވެ. އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
ޗެލްސީ ތިން ވަނައިގައި އޮތީ 33 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް ވަނީ 33 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ޔުނައިޓެޑް އޮތީ 35 މެޗުން 55 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 34 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 33 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ދެ ޓީމަށް ވެސް ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ރީސް ޖޭމްސް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއިރު، އޭގެ ފަހުން ޗެލްސީގެ ޓިމޯ ވާނާ ވަނީ ރަނގަޅު އެޓޭކްތަކެއް ކުރަން މަސައްކަތް ކޮށްފަ އެވެ.
މެޗުގެ ތެރެއިން ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އެ ކްލަބް ހިންގުމާ ހަވާލުވެހުރި، އެމެރިކާގެ ގްލޭޒާ އާއިލާއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ޗެލްސީ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއިރު، ރޮނާލްޑޯ ޖެހި އެކްރަބެޓިކް ކިކް ރަނގަޅަށް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 61 ވަނަ މިނިޓްގައި ޗެލްސީން ލީޑުނެގީ މާކޯސް އަލޮންސޯ ޖެހި ގޯލުންނެވެ. ރީސް ވިލިއަމްސް ނެގި ހުރަހެއް ޗެލްސީގެ ކައި ހަވާޓްޒް ބޮލުން ޖައްސާލުމުން އޭރިއާތެރެއިން އަލޮންސޯ އަށް ލިބުމުން އެއް ފަހަރުން ވޮލީ އަކުން ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެެވެ. ޗެލްސީން ލީޑުނަގައި ހަމަޖެހިނުލެވެނިސް ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ނަމާންޏާ މަޓިޗް މަތިން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ރޮނާލްޑޯ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. ރޮނާލްޑޯ ޕްރިމިއާ ލީގުގައި 101 ގޯލު ޖެހިއިރު، މިއީ ޗެލްސީ ކޮޅަށް ކާމިޔާބުކުރި ފުރަތަމަ ލީގު ގޯލެވެ.
މެޗުން މޮޅުވާން ޗެލްސީ ކުރި މަސައްކަތުގައި އެ ޓީމުގެ ރީސް ޖޭމްސް ކުރި އެޓޭކެއްގައި ގޯލުގެ ދަނޑިއަށް ވަނީ ބޯޅައެއް އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޯފް ބޮލުން ޖެހި ބޯޅައެއް ޗެލްސީ ކީޕަރު މެންޑީ ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ.
މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑާއި ޗެލްސީގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނު 25 ވަނަ ފަހަރެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނައިން އެއްވަރުވި މެޗަކީ މިއީ އެވެ.












