ލަންޑަން (އޭޕްރީލް 28) - އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ވިޔަފާރިތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން ޗެލްސީ ރަނގަޅަށް ކުރިއަށް ގެންދަން ހުރި ގޮންޖެހުންތައް ގިނަކަމުގައި ވިޔަސް އެ ޓީމު ވަރުގަދަކޮށް ދެމިއޮންނާނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މިދިޔަ އަހަރުތަކުގައި ޗެލްސީގައި އެންމެ ރަނގަޅަށް ކުޅުނު ޑިފެންޑަރު، ޖަރުމަނުގެ އެންޓޯނިއޯ ރުޑިގާ ހިލޭ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލާނެކަން ވަނީ ކަށަވަރުވެފަ އެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޗެލްސީ ހިންގުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އުސޫލުތަކުގެ ތެރެއިން ރުޑިގާ ބޭނުންވާ ކޮންޓްރެކްްޓް ދީގެން އެއްބަސްވުން އާ ކުރެވެން ނެތީ އެވެ.
އިނގިރޭސި ސަރުކާރުން ޗެލްސީ ހިންގުމަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގައިވާ ގޮތުން ކުޅުންތެރިން ސޮއިކުރުމާއި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ނެތެވެ. އެހެންވެ، ޗެލްސީ އަށް ރުޑިގާގެ ކޮންޓްރެކްޓް އާ ކުރެވެން ނެތް ގޮތަށް، އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިިކުއޭޓާ އާއި ޓީމުގެ މުހިންމު ޑިފެންޑަރު އަންދްރެއަސް ކްރިސެންޓެންސަންގެ ވެސް އެއްބަސްވުން އާނުކުރެވި ޖެހެނީ ދޫކޮށްލާށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މިދިޔަ އަހަރުތަކުގައި ކާމިޔާބު ހޯދި ސްކޮޑު ރޫޅޭތީ ޓީމުގެ ކުޅުންތެރިން ތިބީ ކަންބޮޑުވެފަ އެވެ. އަދި އެކަމުގެ އަސަރު ޓީމުގެ ކުޅުމަށް ކޮށްފައިވާ ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެކަމާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން ޓުޗެލް ބުނީ މިކަމުގެ ތެރެއިން އަރައިގަނެވޭނެ ފެންވަރު ޗެލްސީގެ އެބަހުރި ކަމަށެވެ.
"އަހަރެމެން ވާދަކުރާނަން. ފިޔަވަޅުތައް ކޮންމެ ގޮތަކަށް އެޅި ކަމުގައި ވިޔަސް މި ސްކޮޑުގެ ތެރެއިން ހައްލުތަކެއް ގެނެސްގެން ވާދަކުރެވޭނެ ގޮތްތަކެއް ހޯދޭނެ. ޔަގީނުން ވެސް އަހަރެން ގަޔާވާނެ ވަރުގެ ސްކޮޑެއް ޗެލްސީގައި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ޓުޗެލް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން މުހިންމު މެޗެއްގައި ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅޭނެ އެވެ. މި މެޗަށް ރުޑިގާ އާއި ރީސް ޖޭމްސް ފިޓްވާނެ ކަމަށް ޓުޗެލް އުންމީދުކުރެ އެވެ. އެކަމަކު، މަޓެއޯ ކޮވަސިޗް އާއި ރޮސް ބާކްލީ މި މެޗުގައި ނުފެންނާނެ އެވެ.
ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.












