ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް އިންވެސްޓްމަންޓް ސްކީމަކުން މާލީ ގެއްލުމެއް ލިބިފައިވާ މީހުން އެކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް ހުށަހަޅަން މިއަދު އަންގައިފި އެވެ.
ކެޕިޓަލް ބާޒާރު ރެގިއުލޭޓުކޮށް ތަރައްގީކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ސީއެމްޑީއޭ އިން މި އިއުލާން ކުރީ، ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީގެ ހިއްސާވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ހިންގަވާފައިވާ ކަމަށް ބުނާ ޕޮންޒީ ސްކީމެއްގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި މައްސަލައިގައި އެންމެ ފަހުން ލިބުނު މައުލޫމާތަކީ މިފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމެވެ. އެއީ މާޗު 21 ގަ އެވެ.
އޭރު ފުލުހުން ނެރުނު ބަޔާނުގައި، ވަކި ކުންފުންޏެއްގެ ނަން ނުބުނެ ފުލުހުން ބުނީ މަކަރުން ފައިދާ ހޯޑާ ޕޮންޒީ ސްކީމަކާ ވައްތަރު ކަންކަން ހުރުމުން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ސީއެމްޑިއޭ އިން މިއަދު ނެރުނު އިއުލާނުގައި ވެސް ވަކި ކުންފުންޏެއް ފާހަގަކޮށްފައި ނެތް ނަމަވެސް، އޭގަ ހުރި ވާހަކަތައް ނިސްބަތްކުރެވެނީ ކިންގްސް ކެޕިޓަލްއިން ހިންގި ކަމަށް ބުނާ ސްކީމަށެވެ.

އެގޮތުން ސީއެމްޑީއޭ އިން ބުނި ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން އިންވެސްޓުކޮށްގެން މާލީ ނަފާއެއް ލިބޭގޮތަށް ކުރާ ހުރިހާ މުއާމަލާތަކީ ސަރުކާރުން ވިއްކާ ބޮންޑާއި ކުންފުނިތަކުން ވިއްކާ ހިއްސާ ފަދައިން "ސެކުއިރިޓީޒް" އެވެ.
އަދި ބުނީ، ގާނޫނުގައި ބަޔާންކޮށްފައި ނެތް ނަމަވެސް މާލީ ސެކުއިރިޓީޒް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން މާނަކޮށްފައިވާ "ސެކިއުރިޓީޒް" ގެ ތެރޭގައި މިފަދަ ސްކީމްތައް ހިމެނޭ ކަމަށެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ "ސެކުއިރިޓީޒް" އަކީ:
- ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި ބިލް ނުވަތަ ބޮންޑާއި
- ކުންފުންޏަކުން ނުވަތަ އެހެން ޖަމާޢަތަކުން ނެރޭ، ނުވަތަ ނެރެން ހުށަހަޅާ ޑިބެންޗާ އާއި ސްޓޮކާއި ހިއްސާ އާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ހައްގެއް، ނުވަތަ ވޮރަންޓެއް ނުވަތަ އޮޕްޝަންތަކެވެ.
އެކަމަކު މި ގާނޫނުގެ ބޭނުމަށް ސީއެމްޑީއޭ އިން އަމަލުކުރަމުންދާ ގަވާއިދުތަކަށް ފެތޭ ނަމަ ކޮންމެ ލިޔެކިޔުމެއް ސެކިއުރިޓީޒް ކަމުގައި ކަނޑައެޅުމުގެ ބާރު ސީއެމްޑީއޭ އަށް ލިބެ އެވެ. މިގޮތަށް ކަނޑައަޅާ ހުރިހާ ސެކިއުރިޓީޒް ހިދުމަތެއް ފޯރުކޮށްދެވޭނީ އެ އޮތޯރިޓީން ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.
މިހާރު ސީއެމްޑީއޭ އިން ހުއްދަ ނަގައިގެން ހިންގަނީ ތިން އިންވެސްޓްމަންޓު ފަންޑެކެވެ. އެއީ ވޯޓާކްރެސް ގްރޯތު ފަންޑާއި މޯލްޑިވްސް ހޮސްޕިޓާލިޓީ އިންކަމް ފަންޑު 1 ގެ އިތުރުން ފަސްޓް ނޭޝަނަލް މަނީ މާކެޓު އެންޑް ސޭވިންސް މާކެޓު ފަންޑެވެ.
މި ނޫން އެއްވެސް ސްކީމަކަށް އިންވެސްޓުކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ ލިބުނު ގެއްލުމުގެ ތަފުސީލާއެކު އެ އޮތޯރިޓީއަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ސީއެމްޑީއޭ އިން ވަނީ އަންގާފަ އެވެ.












