ބާސެލޯނާ (އޭޕްރީލް 24) - ސްޕެނިޝް ލީގުގައި މިރޭ ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބަލިވެ، ބާސެލޯނާ އިން އެ ކްލަބްގެ ތާރީހުގައި ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ ބާސެލޯނާ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 1998 ގައި ބާސެލޯނާގެ ކޯޗަކަށް ލުއީ ވެން ހާލް ހުރިއިރު، ވެސް އެ ޓީމު ވަނީ ޖެހިޖެހިގެން ތިން މެޗުން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ.
މި ފަހަރު ބާސެލޯނާގެ ކޯޗަކަށް ހުރި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބާސެލޯނާ މި ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުންނާއި، ސްޕެނިޝް ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ކަޑިޒް އާއި ރަޔޯ އަތުން ބަލިވެފަ އެވެ.
ބާސެލޯނާ މިރޭގެ މެޗުން ބަލިވުމުން ރެއާލް މެޑްރިޑް މި ވަނީ ލީގު ތަށްޓާ ފިޔަވަޅަކާ ކައިރިއަށް ޖެހިލައިފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 33 މެޗުން 78 ޕޮއިންޓް ލިިބިފައިވާއިރު، ބާސެލޯނާ އަށް 33 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. ޗެމްޕިއަންކަން ހޯދަން ރެއާލަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ރަޔޯ އިން މިރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ހަ ވަނަ މިނިޓްގަ އެވެ. ރަޔޯގެ އިސީ ޕިއާޒޯން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޖެހީ އަލްވާރޯ ގާސިއާ އެވެ. އެ ގޯލަށް ފަހު ރަޔޯ އިން މެޗުގެ ބޮޑުބައި މަސައްކަތް ކުރީ ލީޑު ދެމެހެއްޓުމަށެވެ. ރަޔޯގެ ކީީޕަރު ސްޓޯލް ޑިމިޓްރިއޭވްސްކީ ގިނަ ބޯޅަތަކެއް ހުއްޓުވި އެވެ. މެޗުގެ ފަހު ކޮޅުގައި ކައުންޓަ އެޓޭކުގައި ރަޔޯ އިން ވަނީ ބާސެލޯނާ އަށް ނުރައްކާކޮށްފަ އެެވެ.
މެޗުގެ އެހާ ކުރީކޮޅުގައި ގޯލެއް ވަނުމުން އަލުން މެޗުގެ ތެރެއަށް ވަންނަން ބަދަލުތަކެއް ގެނެސްގެން، ބާސެލޯނާ އިން ގިނަ އެޓޭކްތަކެއް ކުރެވޭތޯ ބެލި މި މެޗުގައި ގޯލު ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ފަހު ވަގުތުގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ފޮނުވާލި ބޯޅައެއް ރަޔޯ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ވެސް ސަލާމަތްކޮށްފަ އެވެ.
ރަޔޯ އިން ވަނީ މި ސީޒަނުގައި އެ ޓީމު ދަނޑުގައި ކުޅުނު މެޗުން ވެސް ބާސެލޯނާ ބަލިކޮށްފަ އެވެ.
ބާސެލޯނާ ވަނީ މި ފަހަރު ލީގުގައި ހަ މެޗުން ބަލިވެފަ އެވެ. މޮޅުވެވުނީ 18 މެޗުންނެވެ. އަދި ނުވަ މެޗުން ވަނީ އެއްވަރުވެފަ އެވެ.












