ލިވަޕޫލް (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ގަދަ ހަތަރެއްގެ ރޭހުގައި މަގާމު ދެމެހެއްޓިއިރު، އެވަޓަން އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ފަހަތުގައި ވިއްދައިފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 33 މެޗުން 80 ޕޮއިންޓާ އެކު އެވެ. މިރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ 33 މެޗުން 79 ޕޮއިންޓް ހޯދައިފަ އެވެ. ޗެލްސީ ތިނެއްގައި އޮތީ 32 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް ވަނީ 33 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 34 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ވެސްޓް ހޭމަށް 34 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިރޭގެ މެޗުގައި އެ ޓީމަށް ވެސްޓް ހޭމް ކައިރިން މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ. ޗެލްސީން މޮޅުވި ގޯލު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. މާކޯސް އަލޮންސޯ ނެގި ހުރަހަކުން މި ގޯލު ޖެހީ ކްރިސްޓިއަން ޕުލިސިޗް އެވެ.

ޗެލްސީގެ ޕުލިސިޗް ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ
ޕުލިސިޗްގެ މި ގޯލުގެ ކުރިން ޗެލްސީ އަށް ލީޑުނަގައިދޭން ޖޯޖީނިއޯ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. ޗެލްސީގެ ފޯވާޑް، ރޮމެލޫ ލުކާކޫ އަށް ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން ކުރި ފައުލަށް ރެފްރީ ފުރަތަމަ ދެއްކީ ރިނދޫ ކާޑެކެވެ. އެކަމަަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ޑޯސަންގެ ކާޑު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ. ޕެނަލްޓީގައި ޖޯޖީނިއޯ ޖެހި ބޯޅަ ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ ފަސޭހައިން މަތަކޮށްފަ އެވެ. ޖޯޖީނިއޯގެ އަތުން މި ފުރުސަތު ގެއްލުނުތާ މާގިނައިރެއްނުވެ، ޕުލިސިޗް ވަނީ ޗެލްސީ މޮޅުކޮށްދީފަ އެވެ.
ބާންލީން މިރޭ 1-0 އިން ވުލްވްސް ބަލިކުރުމުން އެވަޓަން އިން ލިވަޕޫލް ދަނޑުގައި ކުޅުނު މެޗަށް ނުކުތްއިރު ވެސް އޮތީ ރެލިގޭޝަނުގަ އެވެ.
އެވަޓަން އިން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްކޮށް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު، ލިވަޕޫލަށް ގޯލެއް ޖަހަން ފުރުސަތެއް ނުހޯދުނެވެ. ލިވަޕޫލުން މޮޅުވީ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓަށް ފަހު ގެނައި ދެ ބަދަލުންނެވެ. ޑިވޮކް އޮރީގީ އާއި ލުއިސް ޑިއާޒް ވަނީ ނަބީ ކެއިޓާ އާއި ސަޑިއޯ މާނޭގެ ބަދަލުގައި ކުޅެން އަރުވައިފަ އެވެ.
ކުޅެން އެރިތާ މާގިނައިރެއް ނުވެ، މެޗުގެ 62 ވަނަ މިނިޓްގައި އޮރީގީ އާއި މުހައްމަދު ސަލާހު ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އެންޑީ ރޮބަޓްސަން ވަނީ ބޮލުން ގޯލެއް ޖަހައި ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި އެވަޓަން އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި އޮރީގީ އެވެ. މިއީ ޑިއާޒް އޯވަހެޑްކިކަކުން ޖެހި ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު އޮރީގީ ބޮލުން ޖެހި ގޯލެކެވެ. މިއީ އެވަޓަން ކޮޅަށް ހުރިހާ މުބާރާތެއްގައި އޮރީގީ ޖެހި ހަ ވަނަ ގޯލެވެ. ލިވަޕޫލަށް ކުޅެމުން އޮރީގީ އެންމެ ގިނަ ގޯލު ޖެހީ އެވަޓަން ކޮޅަށެވެ.
ލީގުގެ މިރޭގެ މެޗުތަކަށް ބަލާއިރު، ބާންލީ 17 ވަނައިގައި އޮތީ 33 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަން، ލީގުގެ 18 ވަނައިގައި އޮތީ 32 މެޗުން 29 ޕޮއިންޓާ އެކު އެވެ. ނަވާރަ ވަނައިގައި އޮތް ވަޓްފޯޑަށް ވަނީ 33 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ނޮރިޗް ސިޓީގެ އޮތީ 33 މެޗުން 21 ޕޮއިންޓެވެ.












