ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޔާމީން އިސްތިއުފާ ދެއްވާފައިވާކަމާއި، އޭނާއާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބަލަމުންދާކަން އެ ކޮމިޝަނުން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެނގިފައިވާގޮތުގައި ޔާމީންއާ ދެކޮޅަށް ބަލަމުންދާ ސުލޫކީ މައްސަލައަކީ އޭނާ ކޮމިޝަނުގެ މުވައްޒަފަކާއެކު ނަހަމަ ގުޅުންތަކެއް ވަޒީފާގެ މާހައުލުގައި ބޭއްވުމުގެ ސަބަބުން ބަލަމުންދާ މައްސަލައެކެވެ.
މީގެ ކުރިން އޭނާ އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސި ފުރައްސާރަކުރިކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން ޔާމީން މީގެ ކުރިން މި ނޫހަށް ވިދާޅުވީ، އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އޭނާގެ ވަޒީފާގެ ގޮތުން ބައެއް މީހުންގެ ނުރުހުން އޭނާއަށް ކުރިމަތިވެ، އެކަންކަމުގެ ނަތީޖާއެއްގެ ގޮތުގައި އެފަދަ ތުހުމަތުތައް އޭނާއާ ދެކޮޅަށް ކުރަނީ ކަމަށެވެ.
ޔާމީން ވިދާޅުވީ އޭނާއަކީ ވަޒިފާގެ ދިގު ތާރީހުގައި ވެސް އެފަދަ ކަމެއް ކުރި ފަރާތެއް ނޫން ކަމަށެވެ. ޔާމީންގެ ސުލޫކީ މައްސަލަ އެޗްއާރުސީއެމުން ބަލަމުންދާއިރު، އޭނާގެ އިސްތިއުފާއާ މެދު އެ ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.











