ސެން ސަބެސްޓިއަން، ސްޕެއިން (އޭޕްރީލް 21) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑް ދަނޑުގައި 1-0 އިން މޮޅުވެ، ބާސެލޯނާ އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރޭ އެތުލެޓިކޯ އިން ކުޅުނު މެޗަށް ފަހު އެ ޓީމު ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އަދި މިރޭ ސެވިއްޔާ އިން 3-2 އިން ލެވަންޓޭ ބަލިކުރުމުން ބާސެލޯނާ މެޗަށް ނުކުތްއިރު އޮތީ ހަތަރު ވަނައިގަ އެވެ. އެކަމަކު، ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ ވަނީ ކުރިން އޮތް މަގާމް، ދެ ވަނަ އަށް ޖެހިލައިފަ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 78 ޕޮއިންޓާ އެކު އެވެ. ރެއާލުން ޗެމްޕިއަންކަން ކަށަވަރުކުރަން ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ އަށް 33 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 33 މެޗުން 61 ޕޮއިންޓާ އެކު އެވެ.
ސޮސިއެޑާޑް ދަނޑުގައި މިރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 11 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ ފެރާން ޓޮރޭޒް އޭރިއާތެރެއިން ނެގި ހުރަހަކުން އޮބާމަަޔަން ބޮލުން ޖެހި ގޯލެކެވެ. މިއީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ސޮސިއެޑާޑް ދަނޑުގައި އެ ޓީމު ކޮޅަށް ގޯލެއް ވަން ލީގުގެ ފުރަތަމަ މެޗެވެ.
ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އޮބާމަޔަން ވަނީ ސްޕެނިޝް ލީގުގައި ނުވަ ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާގެ ލީޑުފުޅާކުރަން ފްރެންކީ ޑި ޔޯން، ފެރާން ޓޮރޭޒް އަދި އޮބާމަޔަން ރަނގަޅު ޝޮޓްތަކެއް ޖެހިއިރު، ތިން ހަމަލާ ވެސް ދިޔައީ ގޯލާ ސީދާނުވެ އެެވެ. ފުރަަތަމަ ހާފުގައި ސޮސިއެޑާޑަށް އެއްވަރުކޮށްދޭން ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކް މުޅިން ހުސްކޮށް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ސޮސިއެޑާޑްގެ އެޓޭކްތަކެއް ވެސް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ ފޯވާޑް، ނޯވޭގެ އަލެކްސަންޑަ ސޯލޯތު ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެެވެ. އިތުރު ވަގުތުގެ ގޮތުގައި 10 މިނިޓް ދެއްކި މި މެޗުގެ ފަހު ވަގުތާ ހަމައަށް ބާސެލޯނާ އިން ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅުނެވެ.
މިރޭ ލެވަންޓޭ ދަނޑުގައި ހެސޫސް ކޮރޯނާ ސެވިއްޔާ އަށް ލީޑުނަގައިދިނެވެ. އެކަމަކު، ލުއިސް މޮރާލޭސްގެ ޕެނަލްޓީން ލެވަންޓޭ އެއްވަރުކުރި އެވެ. ކޮރޯނާ، ދެ ވަނަ ފަހަރަށް ސެވިއްޔާ އަށް ލީޑުނަގައިދިނުމުން އެ ޓީމު ފުރަަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 71 ވަނަ މިނިޓްގައި މޮރާލޭސް އަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ. ނަތީޖާ އަކަށްވީ އޭގެ 10 މިނިޓް ފަހުން ސެވިއްޔާގެ ޖޫލްސް ކޫންޑޭ ގޯލެއް ޖަހައި ލީޑުފުޅާކޮށްދިނުމެވެ. މެޗުގެ 88 ވަަނަ މިނިޓްގައި މޮރާލޭސް ދިން ބޯޅައަކުން ލެވަންޓޭގެ ރޮބާޓޯ ސޮލްޑާޑޯ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީ އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެހެން ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއް ނުވެ، ލެވަންޓޭ މެޗުން ބަލިވީ އެވެ.












