މެންޗެސްޓާ (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލު މި ވަގުތު އޮތް ގޮތުން މެންޗެސްޓާ ސިޓީ އަތުން އެންމެ ޕޮއިންޓެއް ގެއްލުނަސް ލީގު ޗެމްޕިއަންކަން ހޯދާނީ ލިވަޕޫލް އިން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލިވަޕޫލުން އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި، ލީގުގެ އެއް ވަނަ އަށް ޖެހިލި އެވެ. ސިޓީން އަލުން އެއް ވަނަ މަގާމަށް އެރީ ރޭ އަމިއްލަ ދަނޑުގައި 3-0 އިން ބްރައިޓަން ބަލިކޮށްގެންނެވެ.
ސިޓީ އާއި ލިވަޕޫލަށް ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ދެ ޓީމުގެ ދެމެދު އޮތީ ޕޮއިންޓެއްގެ ފަަރަގެވެ. ސިޓީ އަށް 77 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލްގެ އޮތީ 76 ޕޮއިންޓެވެ.
"އަހަރެމެން އަތުން ޕޮއިންޓެއް ގެއްލުނަސް ލިވަޕޫލަކީ ޗެމްޕިއަނުން. އަހަރެމެންނަށް ނެތް މެޗެއް އެއްވަރުކޮށްލެވެން ވެސް. އެއްވަރުކޮށްލައިގެން އެ ގެއްލެނީ ދެ ޕޮއިންޓް. ސިޓީގެ ކުޅުންތެރިންނަށް ވެސް އެނގޭ ކުރަން ޖެހެނީ ކޮން ކަމެއްކަން. އަހަރެމެން ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ޗެމްޕިއަންކަން ލިބޭނެ،" ރޭ ބްރައިޓަން މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ލީގުގެ ރޭހުގައި ސިޓީ އަށް ކާމިޔާބު ލިބިއްޖެނަމަ ރަނގަޅަށް އުފާފާޅުކުރާނެ ކަމަށާއި ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިނަމަ މަރުހަބާ ކިޔާނެ ކަމަށެވެ. އެއީ މި ދެ ޓީމު ވެސް މި ސީޒަނުގައި ވަނީ ތަފާތު ރަނގަޅަށް މަސައްކަތްކޮށްފައިކަން ގަބޫލުކުރަން ޖެހޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ސިޓީން ތިން ތަށި ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވުމުންނެވެ. އެ މެޗުން ބަލިވުމުން ކުޅުންތެރިންނަށް ދިމާވި، މާޔޫސްކަމުން އަރައިގަންނަން ރޭ ބްރައިޓަން އަތުން ލިބުނީ ރަނގަޅު މޮޅެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ސިޓީން 2018-19 ވަނަ އަހަރުގެ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސިޓީން ވަނީ ލީގުގެ ފަހު 14 މެޗުން މޮޅުވެފަ އެވެ. ގާޑިއޯލާ ބުނީ މި ފަހަރު ވެސް އެ ޓީމަށް އޮތީ އެ ވަރުގެ ޗެލެންޖެއް ކަމަށާއި ބާކީ އޮތް ކޮންމެ މެޗަކުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ.












