ދިވެހިރާއްޖޭގައި މީހުން ދިރިއުޅެންފެށީ ކޮން ޒަމާނެއްގައިކަން އެއީ ޔަގީނަށް އެނގެން އޮތް ކަމެއް ނޫނެވެ. ސިއްލަންކޮޅުން ފެންނާން ހުރި ލިޔެކިޔުންތަކަށް ބެލީމާވެސް ބޮޑުވަރަކަށް ކޮށްލެވެނީ ވަރަށް ޔަގީން އަންދާޒާއެކެވެ. އެއީ އެ ލިޔުމާއި މި ލިޔުމާއި އަޅާކިޔައި، އެވެނި މީހަކު ބުނިކަމަށް މިވެނި މީހަކު ބުނާ ވާހަކައިން ފުށުއަރާ ވާހަކަތައް ކެނޑީމާ ނުކުންނަ ނަތީޖާ އެވެ. ޒަމާނުގެ އަތުން ފުހެވި، ފަނޑުވެފައި ހުންނަ، ކަށަވަރުކަން ނެތް ވާހަކަތަކަކަށް ކިޔައި އުޅެނީ ފޯކްލޯރެވެ. އެފަދަ ވާހަކަތަކުގައި ހުންނަނީ މުޅީން ތެދު ނޫންކަން އެނގުނު ނަމަވެސް، ވާހަކައިގެ އަސްލު ބިނާވަނީ ތެދެއްގެ މައްޗަށެވެ.
ކުޅުދުއްފުށި ސިޓީއާ ގުޅުވައި ހުރި މިފަދަ ފޯކްލޯރުތައް ވަރަށް ގިނަ އެވެ. މަލާބާރީ ރާއްޖެއާ ތޮޅެމުންދިޔައިރު އެމީހުންނާ ކުރެވުނު ހަނގުރާމަތަކުގައި ކުޅުދުއްފުށީ ދޮންއުމަރުކަލޭފާނާއި އޭނާގެ އެކުވެރިން ބައިވެރިވެ ދެއްކި ހިތްވަރު ފާހަގަކުރައްވައި ރަދުންގެ ފަރާތްޕުޅުން އޭނާއަށް ވެދުމަކަށް ދައްޕަރުފިނޮޅު ވެދުންކުރި ވާހަކައާއި، އެ ފިނޮޅުގައި ރުށް އިންދައި ބަލަހައްޓައި މިހާރު ފެންނަން އޮތް ފިއްލަދޫއަށް ހެދީ ދޮންއުމަރުކަލޭފާނު ކަމަށް ބުނާ ވާހަކައާއި، ކޭލަކުނު ތަޅާލި ވިއްސާރައަށްފަހު ކުޅުދުއްފުށި އާބާދުކުރުމަށް ބަނޑައިދިއްދޫ ކަނބޯރަނިން ހެދި ފަންޑިތައިގެ ވާހަކަވެސް ހިމެނެނީ މި ގިންތީގަ އެވެ.

ކުޅުދުއްފުށި -- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަކީ ބޮޑުމިނުގައި 199 ހެކްޓަރު ހުރި ބޮޑު ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ބީ-12 އެވެ.

އައްސުލްތާނު މުހައްމަދު މުއީނުއްދީން 1 ގެ ރަސްކަމުން ދެވަނަ އަހަރަށް ބެލިނަމަވެސް (މީލާދީން 1802 ވަނަ އަހަރު) ކުޅުދުއްފުށީގައި ވާރުދޭ އުމުރުގެ 112 މީހުން ތިއްބެވެ. އަދި އޭގެ ފަހުން އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި (މީލާދީން 1926 ވަނަ އަހަރު) އެރަށުގައި ތިބީ ވާރުދޭ އުމުރުގެ 204 މީހުންނެވެ. އެހެންވީމާ، އެ ޒަމާނުއްސުރެ ކުޅުދުއްފުށްޓަކީ މިނިހެޔޮ ރަށެކެވެ.
ނަވާރަ ސަތޭކަ އައްޑިހަ ފަސް ވަނަ އަހަރާ ހަމައަށް އައިއިރު ކުޅުދުއްފުށީގެ ރަޖިސްޓްރީވެފައިވާ އާބާދީގައި ތިބީ 3688 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް އާބާދީގައި 10،520 މީހުން އެބަތިއްބެވެ. އެއީ 5129 އަންހެނުންނާއި 5،391 ފިރިހެނުންނެވެ. އިގްތިސާދީ އަދި ތައުލީމި ބޭނުންތަކަށާއި، އެނޫން ސަބަބުތަކަށްޓައި ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު ބަލާއިރު ކުޅުދުއްފުށީގައި މިވަގުތުވެސް 13،000 މީހުން ދިރިއުޅެމުން ގެންދެ އެވެ.
މިރަށުގައި އާމްދަނީ ހޯދުމަށް އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ކޮބައިތޯ އަހައިފިނަމަ ކުޅުދުއްފުށިން ބޭރުގައި ދިރިއުޅޭ ކުޅުދުއްފުށީ ގިނަ މީހުންގެ ޖަވާބަކަށްވާނީ މަސްވެރިކަމާއި ވަޑާމުގެ މަސައްކަތް ކަމަށެވެ. ރަށު ކައުންސިލުންވެސް ދިން ޖަވާބަކީ އެއީ އެވެ. ވަރަށް ފަހަކާ ޖެހެންދެން ރޯނު ވެށުމުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ މަޝްހޫރު ރަށެއްގެ ގޮތުގައި މިރަށް މީހުން ފާހަގަކުރަމުން ގޮސްފައި ވެ އެވެ. ރަށު ތެރެއަށް އަރާ ބަލާލުމުން ރަށުގެ އަންހެންވެރިންގެ މެދުގައި މި މަސައްކަތަކީ މިހާރުވެސް އާދަޔާ ހިލާފު ޝައުގުވެރިކަމެއް އޮތް މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
އެހެން ނަމަވެސް ރަށުން މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، މައިގަނޑު އިގްތިސާދީ މަސައްކަތަކީ ވިޔަފާރި އެވެ. އޭގެ ފަހަށް ސަރުކާރާއި އާންމު ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކެވެ. ކުޅުދުއްފުށްޓަކީ މުޅި ރާއްޖޭގެ އުތުރުގެ އިގްތިސާދުގެ މައި ހަބެވެ.
އާންމު ވިޔަފާރީގެ 169 ފިހާރަ މިރަށުގައި އެބަހުއްޓެވެ. އުތުރުގެ ހުރިހާ އަތޮޅުތަކަށް މި ފިހާރަތަކުން މުދާ ސަޕްލައިކުރެ އެވެ. މި ބަރޯސާވުމާއެކު ރާއްޖޭގެ އުތުރުގެ އިގްތިސާދުގެ ނާރެހަކަށް ވެފައި އޮތީ ކުޅުދުއްފުށްޓެވެ. ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި 15 ތަނެއް އެބަ ހިންގަ އެވެ. ނަވާރަ ގެސްޓްހައުސް މިވަގުތު އެބަހުއްޓެވެ. އިތުރު ގެސްޓްހައުސްތައް ރަޖިސްޓްރީކުރުމަށް ތައްޔާރުކުރެވެމުން އެބަ ދެ އެވެ. ނުވަ ފާމަސީއާއި ހަތަރު ސެލޫނާއި ހަތަރު ބޭކަރީ އެބަހުއްޓެވެ. ވަޅިކަތިވަޅި ފުރޯ މިބާވަތުގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ސާމާނު އުފައްދާ ކަނބުރުގެތައް އެބަހުއްޓެވެ.
ކުރިއަރަމުންދާ އިގްތިސާދަކާއި، މަސައްކަތްކުރާނޭ ބޮޑު އާބާދީއަކާއެކު، ކުޅުދުއްފުށްޓަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. ރަށުން އެންމެ ފަހުން ގޯތި ކަނޑައިދިން ހަނދާންހުރި މީހަކު ހުރިއްޔާ އެމީހަކު ހުންނާނީ އެމީހެއްގެ އުމުރުގެ ފަހު ފަނަރައިގަ ކަމަށް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހުން ބުނެ އެވެ. ރަށަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހިތްދަތިކަން ސިފަކޮށްދިނީވެސް، ތަބީއަތުގައި ހުންނަ ސަކަ މިޒާޖުގެ މިންވަރެއް އިތުރުކޮށް ހިތިކަން ފިލުވައިގެންނެވެ.

ކުޅުދުއްފުށި: 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ 103 މިލިއަން ރުފިޔާ މި ރަށަށް ހާއްސަކޮށްފައިވޭ
ބިޔަބޮޑު ކުޅުދުއްފުށްޓަށް އޮތީ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ 103 މިލިއަން ރުފިޔާ ހާއްސަކުރެވިފަ އެވެ. ޖުމްލަ 46 މަޝްރޫއުއެއް ބަޖެޓްކުރެވިފައި އެބައޮތެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް ބަލާއިރު ޖަލާލުއްދީން ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތް އޮތީ ޓެންޑަރ ކުރެވިފަ އެވެ. ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އެބަ ހިނގަ އެވެ. އެއީ ކުނީގެ މައްސަލައަށް ގެންނަ ވަގުތީ ހައްލެވެ. ދާއިމީ ހައްލަކީ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓެވެ. އެ މަޝްރޫއަށް އެންމެ ފަހުން ބިޑަށް ހުޅުވާލީ މާޗް 2022 ގަ އެވެ. ރަށުގެ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މަގުހެދުމުގެ މަސައްކަތް އެބަހިނގަ އެވެ. ޓާޝިއަރީ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުހަލާގަ އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ކުޑަ ހައްލެއް ހޯދުމަށް 40 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ނިންމައި ކައުންސިލާ ހަވާލުކޮށްފި އެވެ. އިތުރު 105 ހައުސިންގ ޔުނިޓެއްގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. ކުޅުދުއްފުށި ފޭސް 2 ގެ މަގުތައް ދަނީ ހަދަމުންނެވެ. އެއަރޕޯޓު އަޕްގްރޭޑްކުރުމާއި ފެރީ ޓަރމިނަލްގެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ.
އެކިއެކި ސަބަބުތަކާހެދި، މީގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މާ ބާރަކަށް ކުރިއަށް ނުދެ އެވެ. ކުޅުދުއްފުށީގައި ކުޅިހިއްކައިގެން ހެދި އެއަރޕޯޓަށް ދަތުރުތައް ފެށިފަހުން ތިން އަހަރު ވީއިރު އަދިވެސް އެ އެއަރޕޯޓު ހުރީ ހުޅުވިއިރު ހުރި ހާލަތުގަ އެވެ. އިންތިހާބެއް ބޯމަތިވާތީ އެތަން ހުޅުވިއިރު ގިނަ ކަންކަން ކޮށްފައި ހުރީ 'ހާކާލިބުރުވާލި' ގޮތަކަށެވެ. އޭރު ހުރި 'ހާކާލިބުރުވާލި' ގޮތް ކަނޑުވާލެވިއްޖެ އެވެ. އެހެންނަމަވެސް އެއީ އަދިވެސް އުތުރުގެ އިގްތިސާދުގެ ނާރެހެއް ކަމުގައި ބަލާ ރަށަކާ އެކަށީގެންވާ ފަދަ އެއަރޕޯޓެއް ނޫނެވެ. އެއަރޕޯޓު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަވަސްވުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ އެދުމެކެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑްގެ ތެރެއިން
ކުޅުދުއްފުށީ މީހުންނަކީ ސަކަ މިޒާޖެއް ލިބިފައިވާ ބައެއްގެ ގޮތުގައި މަޝްހޫރު ބަޔެކެވެ. އީދު ދުވަސްތަކާދިމާކޮށް ބާއްވާ މަށިމާލި ޕެރޭޑްތަކުން އެކަން ދައްކުވައިދެ އެވެ. ކުޅުދުއްފުށީގެ ހާއްސަ ރަހަތަކުގެ ގޮތުގައި ހާލުފޮޅި، އަދި ކެޔޮފަތުގައި ފިހެފައި އޮންނަ މަސްބޮނޑި ފަދަ ތަކެތި ހިމެނެ އެވެ. ކުރިމަތިވަމުން މިއަންނަ އީދަކީ ސަކަ މިޒާޖެއް ލިބިފައިވާ ކުޅުދުއްފުށީގެ ދިރުންހުރި މާހައުލުން އެރަށުގެ ހާއްސަ ރަހައިގެ ގޮތުގައި މަޝްހޫރު ހާލުފޮޅީގެ ނުވަތަ މަސްބޮނޑިއެއްގެ ރަހަ ބަލާލުމަށް އެންމެ އެކަށީގެންވާ އެއް ވަގުތުކަމުގައި ވާނެ އެވެ.










