ތިބާ ރޯދަ ވީއްލި ގަޑީގައި ސުފުރާ މަތީގައި އޮތް ޕުޑިންކޮޅުގައި ޖައްސަަން އުޅުނު މެހި ފޮޅާލެވުނުތޯ އެވެ؟ ކަރާ ފަނި ތަށީގައި ޖެއްސި މެހީގައި އަތުން ޖަހައި، ތަންޑާކޮށްލެވުނުތޯ އެވެ؟ ނޫން ނަމަ ހަމަ ފޮޅާލަން އަތް ހޫރާލާތަނުން މެހި ފިލައި ރައްކާވަނީތޯ އެވެ؟
މެއްސެއްގައި ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭގެ ފަހަތުގައި ބައިވަރު ސަބަބު އެބަހުއްޓެވެ. އެންމެ ބޮޑު އަދި އެންމެ މުހިންމު ސަބަބީ މެހީގެ ސިކުނޑި އެވެ. މެހި ބަލަނީ އަހަރުމެން އިންސާނުންނަށް ވުރެ މާ އަވަހަށެވެ. މެއްސަށް ފެންނަނީ އިންސާނުންނަށް ފެންނަ ސްޕީޑަށް ވުރެ އެތައް ގުނައެއް އަވަހަށެވެ.
އެކަމަކު، މެހީގެ ސިކުނޑި މަސައްކަތް ކުރާ ގޮތަށް ބަލައިލުމުގެ ކުރިން، މެހި އުފައްދަވާފައިވާ ގޮތާއި އެ ނޫން ވެސް މެއްސާ ބެހޭ ބައެއް ވާހަކަ ދައްކާލަމާ ހިނގާށެވެ.
ދުނިޔެއަށް މެހި އައީ ކޮން އިރަކު؟
މި ދުނިޔެއަށް މެހި އައި ކަމަށް ބެލެވެނީ ސީނޯޒޯއިކް ޒަމާނުގަ އެވެ. އެއީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. މެހި އުފެދުނު ކަމަށް ބެލެވެނީ ސެންޓްރަލް އޭޝިޔާ ސަރަހައްދުންނެވެ. އެކަމަކު މިހާރު މެއްސަކީ މީހުން ދިރިއުޅޭ ކޮންމެ ހިސާބެއްގައި ވެސް އުޅޭ އެއްޗެކެވެ.
ސައިންޓިސްޓުން މެހި ފައްތަނީ ކޮމެންސަލް ސޫތްޕެއްގެ ގޮތުގަ އެވެ. ކޮމެންސަލް ޖަނަވާރުންނަކީ އެހެން ޖަނަވާރެއްގެ ފުށުން ލިބޭ ތަކެތިން، އެ ޖަނަވާރަކަށް މާ ބޮޑެތި ގެއްލުމެއް ނުދީ އުޅޭ އެހެން ޖަނަވާރުންނެވެ.
މެއްސަކީ އިންސާނުންގެ ފުށުން ލިބޭ ފައިދާތަކުން އެސޮރުމެންގެ ދިރިއުޅުން ބިނާ ކުރާ އެއްޗެކެވެ. އިންސާނުން ބާކީކޮށްފައި އުކާލާ ކުންޏާއި ބޮޑުކަމުދާ ތަކެއްޗަކީ ވެސް މެއްސަށް ކާއެއްޗެއްސެވެ. އަނެއްކޮޅުން މެހީގެ ފަރާތުން އިންސާނީ ދަރިފަސްކޮޅަށް ނުރައްކާވާ މިންވަރަށް އުނދަގުލެއް ނުވެ އެވެ.
މެހީގެ ލައިފް ސައިކަލް
މެހީގެ ފެށުމަކީ ވެސް ގޮނޑެވެ. އަންހެން މެހި އާންމުކޮށް ބިސް އަޅަނީ ކުނިވަމުންދާ ތަކެއްޗަށެވެ. އަދި ބިސް އަޅަނީ ހަތަރު ވަރަކަށް ދުވަހުން، ބައި ބަޔަށް ބަހާލައިގެންނެވެ. އެއްފަހަރާ 150 ނުވަތަ 75 ބިސް ވެސް އަޅާފާނެ އެވެ. އަދި އެގޮތަށް ޖުމްލަ 500 ވަރަކަށް ބިސް އަޅަ އެވެ.
މެހީގެ ބިސް ހުންނަނީ ގަނޑުގަނޑަށް، ހުދު ކުލައިގަ އެވެ. އެއިން ކޮންމެ ބިހެއްގައި ދޮޅު މިލިމީޓަރު ހުރެ އެވެ. މެހީގެ ބިސް ތިން ސްޓޭޖަކަށް ބޮޑުވެ އެވެ. އެ މުއްދަތުގައި އެއަށް ކިޔަނީ ލާވާ އެވެ. އެ ތިން ސްޓޭޖު ފަހަނައަޅައި ދިޔުމުން ދެން ލާވާ ބަދަލުވަނީ ޕިއުޕާއަކަށެވެ. ނުވަތަ ފުޅައަކަށެވެ.
ފުޅައަކީ ވަރަށް އަވަހަށް ބޮޑުވާ އެއްޗެކެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި ފުޅަ އޭގެ ހަންގަނޑު ބަދަލު ކުރެ އެވެ. އެގޮތަށް ތިން ފަހަރު ފުޅަ އޭގެ އެކްސޯސްކެލެޓަން ބަދަލު ކުރެ އެވެ. އޭގެ ފަހުން ފުރިހަމަ މެއްސެއް، ފުޅައިގެ ތެރޭގައި އުފެދެ އެވެ.
މެހި އާންމުކޮށް ދިރިއުޅެނީ 15 ދުވަހާއި 25 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އެކަމަކު ބައެއް ފަހަރު ދެ މަސް ދުވަހަށް ވެސް ދިރިއުޅެވެ އެވެ. ކާބޯތަކެއްޗާ ނުލައި މެއްސަށް ދިރިއުޅެވެނީ އެންމެ ދޭއް ނުވަތަ ތިން ދުވަސް ވަންދެކަށެވެ. މެހީގެ އުމުރު ދިގުވުން ބިނާވަނީ ލިބޭ ކާބޯތަކެއްޗަށެވެ. ހާއްސަކޮށް، ހަކުުރު ގިނައިން ލިބޭ ނަމަ އުމުރު ދިގުވެ އެވެ.
މެހީގެ ސިކުނޑި
މެހީގެ އެންމެ ހާއްސަ އެއް ގުނަވަނަކީ ސިކުނޑި އެވެ. މެހީގެ ސިކުނޑި އުފައްދަވާފައިވާ ގޮތުން މެއްސަށް ފެންނަނީ އަހަރުމެން އިންސާނުންނަށް ވުރެ އަވަހަށެވެ. ފެންނަ މިންވަރު ބިނާވަނީ ކޮންމެ ޖަނަވާރެއް ވެސް އުފެދިފައި ހުންނަ ގޮތަށެވެ. އަހަރުމެން އެންމެން ދުނިޔެ ބަލަނީ އެއް ސްޕީޑެއްގައެއް ނޫނެވެ.
އިންސާނުން ބަލާ ގޮތަކީ، ލޮލަށް ފެންނަ އަލި ސިކުނޑިއަށް ފޮނުވާލައިގެން، ސިކުނޑިން އެ މަންޒަރުތައް ޕްރޮސެސްކޮށްގެނެވެ. އެހެން ޖަނަވާރުތައް ވެސް ބަލަނީ ހަމަ މިގޮތަށެވެ. ނަމަވެސް ތަފާތަކީ ސްޕީޑެވެ. މިސާލަކަށް އަހަރުމެން އިންސާނުން، ލޮލުން ސިކުނޑިއަށް ސިކުންތަކު ފޮނުވަނީ އެވްރެޖްކޮށް 60 ސިގުނަލެވެ. ކަހަނބަށް ފޮނުވެނީ 15 ސިގުނަލެވެ. މެހި ސިކުންތަކު 250 ސިގުނަލް ސިކުނޑިއަށް ފޮނުވާލަ އެވެ.
ލޮލުން ސިކުނޑިއަށް ފޮނުވާ ސިގުނަލްތައް މިނާ މީޓަރަށް ސައިންޓިސްޓުން ކިޔަނީ "ފްލިކާ ފިއުޝަން ރޭޓް" އެވެ. އިންސާނުންގެ ފްލިކާ ރޭޓު އުޅެނީ 60 އާއި 90 އާ ދެމެދުގަ އެވެ. މެހީގެ ރޭޓު އުޅެނީ 400 ގަ އެވެ. އެހެންކަމުން އިންސާނުންނަށް ވުރެ ގިނައިން ސިގުނަލް ފޮނުވުމުގެ އިތުރުން، އެ ސިގުނަލްތައް ޕްރޮސެސް ކުރުމަށް ވެސް މެހި މާ އަވަހެވެ.
މެއްސަށް އަވަހަށް ފެނުމުގެ އިތުރުން ފުސްނުވެ، ގިނަ އިރު ބެލުމުގެ ގާބިލްކަން ވެސް ހުރެ އެވެ. ފޮޅާލަން އަތް ދިއްކޮށްލާއިރަށް މެހި ފިލަނީ އަހަރުމެން ހަރަކާތްތައް މެއްސަށް މާ ކުރިން ފެންނާތީ އެވެ. އަހަރުމެންނާ އަޅާބަލާއިރު މެހި ބަލަނީ ސްލޯ މޯޝަންކޮށް ކަމަށް ވެސް ބުނެވިދާނެ އެވެ.








