ސްރީ ލަންކާ އަށް ދިމާވެފައިވާ މާލީ ދަތިކަމާ ހުރެ، ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ލަންކާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އަދާކުރަމުން އަންނަ ޕްރޯ ލައިސަންސް ކޯޗު އާމިރް އަލަގިޗް ދޫކޮށާްލަން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗުގެ މަގާމު އަދާކުރި އަލަގިޗް ލަންކާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުންނެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު އިއުލާނުކުރީ މާލީ ދަތިތައް ތަހައްމަލުކުރަން ޖެހިފައިވާތީ ޖޫން މަހުގެ ނިޔަލަށް އަލަގިޗާ އެކު ލަންކާ ފުޓްބޯޅައިން ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖޭސްވާރު އުމަރު ވިދާޅުވީ މި ވަގުތު މާލީ ގޮތުން ލަންކާ ބޮޑު އަޑިގަނޑެއްގެ ތެރޭގައި އޮއްވައި، އެހެން ގައުމެއްގެ ފައިސާ އިން ކޯޗަށް ދޭން ޖެހޭ ބޮޑު މުސާރައިގެ ކަންތައްތައް ހަމަޖެއްސުން ވެފައިވަނީ އުނދަގޫ ކަމަކަށް ކަމަށެވެ. އެހެންވެ، މަޝްވަރާގެ މަތިން އަލަގިޗާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން އެއްބަސްވެފައިވާ ކަމަށެވެ.
އަލަގިޗް ބުނީ ލަންކާ ފުޓްބޯޅަ އަށް އޭނާގެ ފަރާތުން ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި މަގާމުން ވަކިވަނީ ހިތްހަމަޖެހިފައި ހުރެ ކަމަށެވެ. އަދި ލަންކާ ފުޓްބޯޅަ ކުރިއަރުވަން މިހާރު އޮތް ލީޑަޝިޕުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެކަން ކުރިއަށް ގެންދިއުމަށް އަލަގިޗް ވަނީ ގޮވައިލައިފަ އެވެ.
އަލަގިޗްގެ ކޯޗުކަމުގައި ލަންކާ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު ބޭއްވި ވޯލްޑް ކަޕް ކޮލިފައިން ސެންޓްރަލައިޒް މެޗުތަކާއި އޮކްޓޫބަރު މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕްގައި ވާދަކޮށްފަ އެވެ.
މީގެ ތެރެއިން ފޯ ނޭޝަންސް ކަޕްގައި ލަންކާ އިން ވަނީ ފަހަތުން އަރައި 4-4 އިން ރާއްޖެއާ އެއްވަރުކޮށްފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ލަންކާ ވަނީ ސީޝެލްސް އަތުން ބަލިވެފަ އެވެ. އެކަމަކު، އެއީ 18 އަހަރު ތެރޭ ލަންކާ އަށް ފުޓްބޯޅަ މުބާރާތެއްގެ ރަނަރަޕް ލިބުނު ފުރަތަމަ ފަހަރު ކަމަށްވާތީ އެ ގައުމުގެ ފުޓްބޯޅައިގައި އެއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުކުރެ އެވެ.
އަލަގިޗްގެ ކޯޗުކަމުގައި ލަންކާ އިން ނުކުންނާނެ ފަހު މެޗުތަކަކީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. އުޒްބެކިސްތާންގައި ކުޅޭ އެ ކޮލިފައިން ގްރޫޕްގައި ދެން އޮތީ ލަންކާ އާއި ރާއްޖޭގެ އިތުރުން ތައިލެންޑް އެވެ.












