މިއުނިކް (އޭޕްރީލް 17) - އާރްމީނިއާ ބީލަފީލްޑް ދަނޑުގައި 3-0 އިން މޮޅުވެ، ބަޔާން މިއުނިކުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އަންނަ ހަފްތާގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުން .މޮޅުވެގެން ބަޔާން އަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ލީގުގައި ބަޔާނަށް ބާކީ ނުކުޅެ އޮތީ ހަތަރު މެެޗެވެ. ޑޯޓްމަންޑް އަތުން މޮޅެއް ނުހޯދުނަސް ދެން އޮތް ތިން މެޗުގައި ނަތީޖާ ނެރެގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބަޔާނަށް އޮންނާނެ އެވެ.
ލީގު އެއް ވަނައިގައި ބަޔާން އޮތީ 30 މެޗުން 72 ޕޮއިންޓާ އެކު އެވެ، ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. މިރޭ، ބަޔާ ލެވަކޫސަން 1-0 އިން ބަލިކުރި އާރްބީ ލައިޕްޒިގު ތިން ވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ލެވަކޫސަން އޮތީ 30 މެޗުން 52 ޕޮއިންޓާ އެކު އެވެ.
ބީލަފީލްޑް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ބަޔާނަށް ލީޑު ލިބުނީ ބީލަފީލްޑްގެ ޖެކަބް ބަރެޓް ލައުރެސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ލައުރެސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ޔޯސުއާ ކިމިކް ދިން ބޯޅައަކުން ސާޖް ގްނަބްރީ ވައްދާލި ވޮލީއަކުން ބަޔާން ލީޑުފުޅާކުރި އެވެ. އަދި ބަޔާނުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ.
މިއީ މިދިޔަ ހަފްތާގައި ވިޔަރެއާލް އަތްދަށުވެ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓި ބަޔާން އަށް ލިބޭނެ ކުޑަ ހިތްހަމަޖެހުމެކެވެ. މެޗަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ މެޗު ދިޔަ ގޮތަށް ބަލާއިރު، ކުޅުމާ މެދު އެންމެ ހިތްހަަމަ ނުޖެހޭ ކަމަށެެވެ. އެކަމަކު، ފާއިތުވި ހަފްތާގައި ބަޔާނުން ކުރިމަތިލާން ޖެހުނު ކަންކަމަށް ބަލާއިރު، މިއީ ޓީމުގެ ރޫހު ރަނގަޅުކުރަން ލިބުނު ރަނގަޅު މޮޅެއް ކަމަށް ނާގަލްސްމަން ބުންޏެވެ.












