ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ދަށު ކޯޓުގައި ސާބިތުނުވާ ކަމަށް ކަނޑައެޅި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކުރީ އެ ވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި ކަމުގެ ދައުވާ ޖުމްލަ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އޭގެ ތެރެއިން ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ދެން ދައުވާ ލިބުނު މީހުންގެ ތެރެއިން މ. ތާއިފް، އިސްމާއީލް ރަޝީދާއި، ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ވެސް ހަމަވިއިރު މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒުގެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ.
"އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފެއް ނުކުރާނެ، އެއީ އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކިބަސް ލިބިފައި ނުވާތީ،" ދައުވާ އުފުލި ދެ މީހެއްގެ މައްސަލަ އިސްތިއުނާފް ނުކުރި ސަބަބާ ގުޅޭ ގޮތުން މި ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވިއެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. ރިލްވާން ވެސް މަރާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ފަހުން ހާމަކޮށްފައިވެ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.
ޔާމީން ރަޝީދު މަރާލި ކަމަށް ދަށު ކޯޓުގައި ކުށް ސާބިތުވި ދެ މީހުންގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ނެގުމުގެ ހުކުމަކާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހިޖުރީ ދެ މަހު ރޯދަ ހިފުމަށެވެ. މި ގޮތަށް ހުކުމް އިއްވީ ޔާމީންގެ މަންމަ މަރުގެ ދިޔަ ނަގަން އެދުމުންނެވެ.













