އެ ޓީމާ އަލަށް ގުޅުނު ހުރިހާ ކުޅުންތެރިންނާ އެކު ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން އަންނަ ސީޒަނަށް އެކުލަވާލި ސްކޮޑު ދައްކާލައިފި އެވެ.
މިދިޔަ 13 އަހަރަށް ބަލާއިރު ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކުލަބު ލެވެލްގައި އެންމެ ކާމިޔާބު ކުލަބު ޓީރެކްސް އިން އާ ސީޒަނަށް ތައްޔާރީތައް ފަށާފައިވަނީ މިދިޔަ ދެ މުބާރާތުގައި ލިބުނު ނާކާމިޔާބީތަކާ އެކު ޓީމަށް ބަދަލުތަކެއް ގެނެސްގެންނެވެ.
ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށް މުޅި ސްކޮޑު އިއުލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ "ޓީރެކްސް ތުރީ އޮން ތުރީ ސްޓްރީޓް ޗެލެންޖު 2020"ގެ ތެރެއިންނެވެ.
ޓީރެކްސް ޓީމާ ގުޅުނު އެންމެ މުހިންމު ކުޅުންތެރިއަކީ ކުލަބުގެ ފުރަތަމަ ތިން އަހަރު އެ ކުލަބަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އަހުމަދު ފިރާޝް (ފިރާ) އެވެ. ފިރާ ޓީރެކްސް އަށް އެނބުރި މިއައީ އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް ޗެމްޕިއަންކަން ހޯދި ކިންގްސް ބާސްކެޓްބޯޅަ ކުލަބު ދޫކޮށްލައިފަ އެވެ.
ފިރާގެ އިތުރުން ވާދަވެރި ކިންގްސް ދޫކޮށް އަހުމަދު ޚުވެއިލިދު (ހުވޭ) އާއި އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) ވަނީ ޓީރެކްސް އާއި ގުޅިފަ އެވެ. މިއީ މި ދެ ކުޅުންތެރިން ޓީރެކްސް އަށް ކުޅޭނެ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން އެ ކުލަބާއި އަލަށް ގުޅުނު ޒުވާން ކުޅުންތެރިން ކަމަށްވާ ހައިޝަމް ދާއޫދު އަދި ހުސައިން ނަދީމަށް ވެސް ވަނީ ޖާޒީ ހަވާލުކޮށްފަ އެވެ.
މި ކުޅުންތެރިންގެ އިތުރުން ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ)، އަހުމަދު އަފްޝަން ރަޝާދު، މުހައްމަދު މުހުސިން (މުންޗުޅި) އަދި އަހުމަދު އައުޝަން ވެސް ސްކޮޑުގައި ހިމެނެ އެވެ. މި ކުޅުންތެރިންގެ ތެރެއިން ޒަކިއްޓެ އަކީ މި ވަގުތު ރާއްޖޭގައި ޓޮޕް ލެވެލްގައި ކުޅެމުން އަންނަ އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ އެވެ.
ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ)އާ އެކު މިދިޔަ ސީޒަންތަކުގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ އިސްމާއިލް ވިލްދާން ޔޫސުފް (ވިލީ) އާއި ހުސައިން ހަލީމް (ޗިކަނޭ) މިފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. މި ކުޅުންތެރިންގެ އިތުރުން މި ދިޔަ ގައުމީ ލީގުގައި ފުރަތަމަ ފަހަރަށް އެ ކުލަބަށް ކުޅުނު މުހައްމަދު ލަޔާންއާ އެކު އަހުމަދު މުއާވިން ލަތީފް، އިބްރާހިމް އަހުޒަމް، ޔޫސުފް ޝާހު އަހުމަދު އަދި އިސްމާއިލް ފަރުހާން ވެސް ސްކޮޑުގައި ހިމެނެ އެވެ.
ޓީރެކްސް ޓީމަށް ކުރިއަށް އޮތް އަހަރުވެސް އިރުޝާދުދޭނީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަލީ ފަޒްލީ (އޮލިމްޕިކް) އެވެ. ޓީމްގެ މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ.
ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ އަމާޒަކީ ކުލަބުގެ ކުރީގެ ކާމިޔާބީތައް ތަކުރާރު ކުރުމަށްޓަކައި ޒުވާން ޓީމެއް ތައްޔާރުކުރުމެވެ. އަދި ޓީމްގައި ތިބި ގިނަ ދުވަސްވީ ކުޅުންތެރިން ރިޓަޔާ ކުރުމުގެ ކުރިން ޒުވާން ކުޅުންތެރިން ޓޮޕް ލެވެލް އަށް ތާއްޔާރު ކުރުމެވެ.













