ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްކިރާ މިންވަރު ދޫކޮށްލުމަށްފަހު އަނެއްކާވެސް މަސް ގަންނަ މިންވަރު މަދުކޮށް، ކޮންމެ ދުވަހަކު ވެސް ދޯންޏަކުން ހަތް ޓަނު މަސް ކިރާ ގޮތަށް ނިންމައިފި އެވެ.
މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް ދެކުނުގެ މަސްވެރިކަން ތިޔާގިވުމާއެކު، އެ ކުންފުނިން ވަނީ މި ހިނގާ އޭޕްރިލް މަހުގެ ހަވަނަ ދުވަހުން ފެށިގެން ކޮންމެ ދޯންޔަކުން ފަސް ޓަނުގެ މަސް ކިރަން ނިންމައި ލިމިޓުކޮށްފަ އެވެ.
އެއާކު މިފްކޯގެ ދެކުނު ހަބު ކޫއްޑުއަށް މަސް ކިރަން ގޮސް އޮތް ދޯނިތަކުގެ ގިނަ މަސްވެރިންތަކެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އިއްޔެ، މަސްވެރިން ވަނީ ކޫއްޑޫގައި މުޒާހަރާކޮށް، އެރަށުގެ އޮޕަރޭޝަންތައް ވެސް ހުއްޓުމަކަށް ގެނެސްފަ އެވެ.
އެފަހުން މަސްކިރުވުން ލިމިޓްކުރުމުން މަސްވެރިންނަށް ބައެއް ދަތިތައް ދިމާވުމާއި އައިސް އަޅާފައި ހުރި މަސް ހަލާކުވާނެތީ އަވަސްކުރުމުގެ ގޮތުން މިފްކޯއިން ވާނީ އޭރު ކަނޑައެޅި ލިމިޓް ދޫކޮށްލާ ހުރިހާ ދޯންޏަކުން މަސްކިރަން ނިންމާފަ އެވެ. މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކިއުގައި އޮތް ހުރިހާ ދޯނިތަކެއް މަސް މިއަދު ގެ ނިޔަލަށް މިފްކޯއިން ވަނީ ކިރާ ނިންމާފަ އެވެ.
މިއަދު މިފްކޯއިން ބުނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވުމާ ގުޅިގެން ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށްވުރެ އިތުރަށް މިހާރު ވެސް މަސް ގަންނަ ކަމަށެވެ. އަދި މަސް ގަނޑުކުރަން ވަގުތު ބޭނުންވުމާއި އިތުރު ބައެއް މައްސަލަތައް ކުރިމަތިވާތީ މާދަމައިން ފެށިގެން ދޯންޏަކުން ހަތް ޓަނަށްވުރެ އިތުރަށް ނުކިރަން ނިންމާފައިވާ ކަމަށެވެެ.

މިހާރު މަސް ބާނާ މިންވަރު އެއްވަރެއްގައި ހިފަހެއްޓިފައި ހުރުމުން ދޯންޏަކުން މަސް ކިރާ މިންވަރު ހަތް ޓަނުގައި ހިފަހެއްޓުމުން އެ ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށް މެނޭޖުކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.












