އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދެމުން ދާތީ ރަޝިއާއިން ރަސްމީކޮށް ޝަކުވާ ހުށަހަޅައި އިންޒާރު ދީފި އެވެ.
ރަޝިއާއިން އެމެރިކާ އާއި ނޭޓޯއަށް އިންޒާރުދެމުން ބުނީ "އެންމެ ނާޒުކު" ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަކީ ހާލަތު ގޯސްކުރުން ކަމަށާއި އޭގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.
މި ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވާފައި ވަނީ ޔޫކްރެއިނަށް 800 މިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ދިނުމަށެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރާއި އަސްކަރީ އުޅަނދު ހިމެނެ އެވެ.

"ރަޝިއާއިން ސިއްރުން އަޅުގަނޑުމެންނަށް ދެމުންދާ އިންޒާރުތަކުން އެނގެނީ، އަޅުގަނޑުމެން ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އެހީގެ ރަނގަޅު ނަތީޖާ ފެންނަމުންދާކަން،" އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވޮޝިންޓަން ޕޯސްޓް ނޫހަށް ވިދާޅުވި އެވެ.
ރަޝިއާއިން ޝަކުވާ ކުރި މައްސަލައިގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރަޝިއާއިން ރަސްމީކޮށް ޝަކުވާކޮށް، އިންޒާރުދީފައި ވާތީ އެކަމުން އަންގައިދެނީ ރަޝިއާއިން އެމެރިކާ އާއި ނޭޓޯއާ މެދު މިހާރަށް ވުރެ ހަރުކަށިކޮށް އަމަލު ކުރަން ވިސްނަމުންދާކަން ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލަދީ ސީއެންއެންއިން ބުންޏެވެ.










