ބާސެލޯނާ (އޭޕްރީލް 15) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި އެ ޓީމުގެ ދަނޑަށް ގިނަ އަދަދަކަށް އެއިންޓްރަކްޓް ފްރޭންކްފާޓް ސަޕޯޓަރުން ވަންއިރު، އެކަމާ ލަދުގަންނަ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
މިިދިޔަ ހަފްތާގައި ފްރޭންކްފާޓު ދަނޑުގައި ބާސެލޯނާއާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ، ބާސެލޯނާ ދަނޑު، ކޭމްޕް ނައުގައި ފްރޭންކްފާޓުން ވަނީ 3-2 އިން މޮޅުވެ، ސެމީން ފުރުސަތު ހޯދައިފަ އެެވެ. އެގްރިގޭޓަށް ބަލާއިރު، ފްރޭންކްފާޓަށް ކުރި ލިބުނީ 4-3 އިންނެވެ. ރޭގެ ނަތީޖާ އަށް ފަހު މި ސީޒަނުގައި ބާސެލޯނާ މި ވަނީ ޔޫރަޕްގެ ދެ މުބާރާތުން ކަޓައިފަ އެވެ.
މެޗުގެ ތެރެއިން ގިނަ ބަޔަކަށް ފާހަގަވި ކަމަކީ ބާސެލޯނާގެ ސަޕޯޓަރުން އާންމުކޮށް ތިބޭ ތަންތަނުގައި ވެސް ހުދުކުލައިގެ އެއްޗެހި ލައިގެން ޖަރުމަނުގެ ސަޕޯޓަރުން، ފްރޭންކްފާޓަށް ސަޕޯޓްކުރަން ތިބިތަނެވެ.
އާންމު ގޮތެއްގައި އަވޭ ޓީމުގެ ސަޕޯޓަރުންނަށް ވަކި ޕަސެންޓަކަށް ޓިކެޓް ވިއްކުމަށް ފަހު އެ މީހުންނަށް ހާއްސަ ތަނެއްގައި ބައިތިއްބާނެ އެވެ. އެކަމަކު، ރޭގެ މެޗުގައި ފެނުނީ ފްރޭންކްފާޓް ސަޕޯޓަރުން ދަނޑުގެ އެކި ތަންތަނުގައި ތިބި ތަނެވެ. ބާސެލޯނާ ސަޕޯޓަރުންނާ މަސްހުނިވާ ގޮތަށް ވެސް ފްރޭންކްފާޓްގެ ދިދަ ހިފައިގެން ސަޕޯޓަރުން ތިބި އެވެ.

މެޗަށް ފަހު ފްރޭންކްފާޓް ކުޅުންތެރިން އެ ޓީމުގެ ސަޕޯޓަރުންނާ އެކު ވަގުތުތަކެއް ހޭދަކުރަނީ.--- ފޮޓޯ: އޭއެފްޕީ
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްރޭންކްފާޓަށް ސަޕޯޓްކުރަން 30،000 ވަރަކަށް ސަޕޯޓަރުން ސްޕެއިނަށް ދިޔަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު މެޗު ބަލަން ދަނޑަށް ވަން ކަމަށް، ޖަރުމަނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވީ ފެނުނީ ލަދުވެތި މަންޒަރުތަކެއް ކަމަށެވެ.
"އަހަންނަށް މައުލޫމާތު އެބަ ލިބޭ މި ކަންކަން ހިނގާފައި އޮތީ ކިހިނެއްކަން. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫން. ބާސެލޯނާ ދަނޑުގައި އިދިކޮޅު ޓީމެއްގެ ސަޕޯޓަރުން އެ ގޮތަށް ގިނަވެ، އެ މީހުން މޮޅުވެގެން ދިޔަތަން ބަލަން ހަގީގަތުގައި ވެސް އަހަރެން މި ހުރީ ލަދުން، މިކަން ތަކުރާރުނުވާނެ ގޮތަކަށް ފިޔަވަޅު އަޅާނަން،" ލަޕޯޓާ ވިދާޅުވި އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓިކެޓް ގަތް ބާސެލޯނާގެ ގިނަ ސަޕޯޓަރުން ވަނީ އަގުބޮޑުކޮށް ޖަރުމަނުން ރޭގެ މެޗަށް އައި ސަޕޯޓަރުންނަށް ވިއްކައިފަ އެވެ.
ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ރޭގެ މެޗަށް ބާސެލޯނާ އަށް ސަޕޯޓްކުރަން 70،000 ނޫނީ 80،000 ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވުނު ކަމަށެވެ. އެކަމަކު، މަންޒަރު ފެނުނީ އެހެން ގޮތަކަށް ކަމަށާއި ގިނަ އަދަދެއްގެ ޖަރުމަނު ސަޕޯޓަރުން (ފްރޭންކްފާޓް ސަޕޯޓަރުން) މެޗަށް ދަނޑަށް ވަދެ ތިބި ކަމަށެެވެ.
"ކްލަބުން އެ އަންނަނީ އެކަން އެ ގޮތަށް ދިމާވި ސަބަބެއް ބަލަމުން. މިއީ ހަގީގަތުގައި ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް،" ޒަވީ ބުންޏެވެ.
ބާސެލޯނާގެ ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ މެޗަށް ފަހު ސަޕޯޓަރުންގެ ކަންކަމުގެ ވާހަކަ ދައްކައިފަ އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުން ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. އަދި ފަސޭހައިން ކޮޅަށް ގޯލު ވަންނަ ނަމަ ދުނިޔޭގެ އެއްވެސް ޓީމަކަށް ކުރިއަށް ނުދެވޭނެ ކަމަށާއި ހާއްސަ ސަމާލުކަމެއް ދީގެން ބާސެލޯނާގެ ޑިފެންސް ރަނގަޅު ކުރާނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.












