ކޮންފަރެންސް ލީގުގެ ސެމީގައި ލެސްޓާ އާއި ރޯމާގެ ކުރިމަތިލުމެއް

Apr 14, 2022, 9:29 PM
ލަނޑު ޖެހުމަށް ފަހު ލެސްޓާގެ މެޑިސަން (ކ) އާއި ޕެރެއިރާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ލެސްޓާގެ މެޑިސަން (ކ) އާއި ޕެރެއިރާ އުފާފާޅުކުރަނީ.

ރޯމް (އޭޕްރީލް 14) - ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި އިންގްލެންޑްގެ ލެސްޓާ ސިޓީ އާއި އިޓަލީގެ ރޯމާ ބައްދަލުކުރަން ޖެހިއްޖެ އެވެ. މިއީ ލެސްޓާގެ ތާރީހުގައި އެ ޓީމުން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ލެސްޓާ ވަނީ މިރޭ ކުޅުނު ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ފަހު 12 މިނިޓް ތެރޭ ދެ ގޯލު ޖަހައި، 2-1 އިން ޕީއެސްވީ ބަލިކޮށްފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ލެސްޓާ އަށް ކުރި ލިބުނީ 2-1 އިންނެވެ. ރޯމާ ވަނީ މިދިޔަ ހަފްތާގައި ބޯޑޯ/ގްލިމްތު ދަނޑުގައި 2-1 އިން ބަލިވެފަ އެވެ. އެކަމަކު، މިރޭ ރޯމްގައި ކުޅުނު މެޗުން 4-0 އިން މޮޅުވެ، ރޯމާ ވަނީ އެގްރިގޭޓަށް ބަލާއިރު، 5-2 އިން ކުރިހޯދައިފަ އެވެ.

ޕީއެސްވީ ދަނޑުގައި މިރޭ އެ ޓީމުން ވަނީ އިޒްރޭލުގެ ފޯވާޑް އެރަން ޒަހާވީގެ ގޯލުން މެޗުގެ 27 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ މާރިއޯ ގޮޓްޒާ ދިން ބޯޅައަކުން ޒަހާވީ ޖެހި ގޯލެކެވެ. ލެސްޓާ އިން ގޯލެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޖޭމްސް މެޑިސަން އެވެ. މެޑިސަން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަޔޯޒީ ޕެރޭޒް އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި، ލެސްޓާ މޮޅުވި ގޯލު ޖަހައިދިނީ ޕޯޗުގީސް ފުލްބެކް، ރިކާޑޯ ޕެރެއިރާ އެވެ. މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ލެސްޓާ އަށް ޕެރެއިރާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ރޯމާ އަށް މިރޭގެ މެޗުގައި ހެޓްރިކެއް ހަދައިދިން ފޯވާޑް ޒަނިއޯލޯ (ވ) އެ ޓީމުގެ ކޯޗު މޮރީނިއޯއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފަސް ވަަނަ މިނިޓްގައި ރޯމާ އަށް ލީޑުނަގައިިދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ފޯވާޑް ޓެމީ އަބްރަަހަމް އެވެ. ރޯމާގެ އަނެއް ތިން ގޯލު ޖަހައި، އިޓަލީގެ ފޯވާޑް ނިކޯލަ ޒަނިއޯލޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ސެމީގައި ލެސްޓާ އާއި ރޯމާ ކުޅެން ޖެހުނުއިރު، ދެ ޓީމުގެ ކޯޗުން ކަމަށްވާ ރޯމާގެ ހޯސޭ މޮރީނިއޯ އާއި ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް ވަނީ އެކުގައި ކުރިން މަސައްކަތްކޮށްފަ އެވެ. މޮރީނިއޯ އެންމެ ފުރަތަމަ ޗެލްސީގެ ކޯޗަކަށް ހުރިއިރު، ރޮޖާސް އަކީ ޗެލްސީގެ ޔޫތު ޓީމު ކޯޗެކެވެ. އޭގެ ފަހުން މޮރީނިއޯ އާއި ރޮޖާސް ވަނީ ޕްރިމިއާ ލީގުގެ ތަފާތު ޓީމުތަކުގެ ބެންޗުގައި ހުރެ، އިދިކޮޅަށް ނުކުމެފަ އެވެ. އެކަމަކު، ލެސްޓާ އާއި ރޯމާގެ ކުރިމަތިލުމަކީ މި ދެ ކޯޗުން ހަވާލުވެ، ހުރި ކްލަބްތަކަކުން ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ.

ޔުއެފާ އިން މުޅިން އަލަށް ފެށި ކޮންފަރެންސް ލީގުގެ އަނެއް ސެމީގައި ކުޅޭނީ ފްރާންސްގެ މާސޭ އާއި ނެދަލެންޑްސްގެ ފެޔަނޫޑް އެވެ.

ފުރަތަމަ ލެގުގައި މާސޭ އިން ވަނީ 2-1 އިން ގްރީސްގެ ޕީއޭއޯކޭ ބަލިކޮށްފަ އެވެ. މިރޭ ޕީއޭއޯކޭ ދަނޑުގައި ކުޅުނު މެޗުން ވެސް މާސޭ ވަނީ މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ މަޓެއޯ ގެންޑޫޒީ ދިން ބޯޅައަކުން ޑިމިޓްރީ ޕަޔެޓް އެވެ. ޕަޔެޓް ވަނީ ފުރަތަމަ މެޗުގައި ވެސް ޕީއޭއޯކޭ ކޮޅަށް ގޯލު ޖަހައިފަ އެވެ.

މިރޭ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް ދަނޑުގައި ފެނަޔޫޑް މޮޅުވީ 3-1 އިންނެވެ. މިދިޔަ ހަފްތާގައި ފެޔަނޫޑް ދަނޑުގައި 3-3 އިން އެއްވަރުވި ނަމަވެސް މިރޭ، ރަށުންބޭރުގައި ފެޔަނޫޑް ވަނީ ޑިފެންސް ރަނގަޅުކޮށް މޮޅުވެފަ އެވެ. ފެޔަނޫޑްގެ ސިރިއަލް ޑޭސާސް ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ ލުއިސް ސިނިސްޓޭރާ އެވެ. ސްލާވިއާގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ޓްރައޯރޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox