ބާސެލޯނާ (އޭޕްރީލް 14) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންފާޓުން ސްޕެއިނުގެ ގަދަބާރު ބާސެލޯނާ ކަޓުވާލިއިރު، ރަށުންބޭރުގައި ފްރާންސްގެ ލިޔޯން ބަލިކޮށް އިނގިރޭސި ކްލަބް، ވެސްޓް ހޭމް ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިިދިޔަ ހަފްތާގައި ފްރޭންކްފާޓު ދަނޑުގައި ބާސެލޯނާއާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިރޭ، ބާސެލޯނާ ދަނޑުގައި ފްރޭންކްފާޓުން ވަނީ 3-2 އިން މޮޅުވެ، ސެމީން ފުރުސަތު ހޯދައިފަ އެެވެ. އެގްރިގޭޓަށް ބަލާއިރު، ފްރޭންކްފާޓަށް ކުރި ލިބުނީ 4-3 އިންނެވެ.
ސެމީގައި ފްރޭންކްފާޓް ކުޅޭނީ ވެސްޓް ހޭމްއާ އެވެ. މިރޭ، ވެސްޓް ހޭމުން ވަނީ ލިޔޯން އަތުން 3-0 އިން މޮޅުވެފަ އެވެ. މިދިޔަ ހަފްތާގައި ވެސްޓް ހޭމް ދަނޑުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިއީ ފާއިތުވި 46 އަހަރު ތެރޭ ވެސްޓް ހޭމް އިން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މި ސީޒަނުގައި ބާސެލޯނާ ފުރަތަމަ ވާދަކުރީ ޗެމްޕިއަންސް ލީގުގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ ތިން ވަނަ ދިއުމުން، ބާސެލޯނާ އިން ދެން ކުޅެން ޖެހުނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރަޕާ ލީގުގަ އެވެ. މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޒަވީ ހެނާންޑޭޒް ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ޔޫރޮޕާ ލީގުގައި ޓީމަށް ކޯޗުކޮށްދީފަ އެވެ.
ބާސެލޯނާ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ފްރޭންކްފާޓުން ވަނީ ފިލިޕް ކޮސްޓިޗް ޖެހި ޕެނަލްޓީން ލީޑުނަގައިފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ކޮސްޓިޗް ދިން ބޯޅައަކުން ރަފައެލް ސަންޓޯސް ބޯރޭ ވަނީ ފްރޭންކްފާޓަށް ދެ ވަނަ ގޯލެއް ޖަހައިދީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
ދެ ވަނަ ހާފަށް ނުކުމެ، ބާސެލޯނާ އިން ކުރިއަށް ޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ދިޔައީ އެޓޭކް ކުރަމުންނެވެ. އެ ގޮތުން ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމަޔަން ހުސްކޮށް ހުރެފައި ޖެހި ބޯޅައެއް، ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި ފްރޭންކްފާޓުން ބާސެލޯނާ އަށް ނުރައްކާ ކުރަމުންދިޔައިރު، ފްރޭންކްފާޓުން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެެވެ. މި ލަނޑު ވެސް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓިޗް އެވެ.
ބާސެލޯނާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 84 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ސާޖިއޯ ބުސްކެޓްސް ގޯލެއް ޖެހި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.
އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އޭރިއާ ބޭރުން ބުސްކެޓްސް ވަނީ ގޯލެއް ޖަހައިފަ އެވެ. އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި މެމްފިސް ޑިޕާއި ވަނީ ޕެނަލްޓީ އަކުން ބާސެލޯނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ޑިޕާއި ޖެހި ޕެނަލްޓީ ކީޕަރު ޓްރަޕް އަތުގައި ޖެހިފައި ހުރަސްދަނޑީގައި ޖެހިފައި ވަނީ ގޯލު ރޮނގުހުރަސްކޮށްފަ އެވެ. ބާސެލޯނާ އިން އިތުރު ގޯލެއް ޖަހަން ބެލިއިރު، މެޗުގެ އިތުރު ވަގުތު ވެސް އޮތީ ހަމަވެފަ އެވެ.
ލިޔޯން ދަނޑުގައި މިރޭ ވެސްޓް ހޭމުން ލީޑުނެގީ 38 ވަނަ މިނިޓްގައި ކްރެއިގް ޑޯސަން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. މި ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސް އެވެ.
އެޓަލަންޓާ ދަނޑުގައި މިރޭ 2-0 އިން މޮޅުވެ، އާރްބީ ލައިޕްޒިގު ވެސް ވަނީ ސެމީން ފުރުސަތު ހޯދައިފަ އެވެ. އެގްރިގޭޓުން ބަލާއިރު، ލައިޕްޒިގަށް ކުރި ލިބުނީ 3-1 އިންނެވެ. އެޓަލަންޓާ ކޮޅަށް މިރޭ ލައިޕްޒިގުގެ ދެ ގޯލު ވެސް ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ވިންގް، ކްރިސްޓޮފާ އެންކުންކޫ އެވެ. އެންކުންކޫ ވަނީ މި ސީޒަނުގައި 30 ގޯލު ޖަހައި، 18 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ސެމީގައި އެޓަލަންޓާ ކުޅެން ޖެހޭނީ ސްކޮޓްލެންޑްގެ ރޭންޖާސްއާ އެވެ. މިރޭ ރޭންޖާސް އިން ވަނީ 120 މިނިޓް ކުޅެގެން، ޕޯޗުގަލްގެ ބްރާގާ 3-1 އިން ބަލިކޮށްފަ އެވެ. ބްރާގާ އިން މި މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 42 ވަަނަ މިނިޓްގައި ވިޓޯ ޓޯމެނާ އަށް ދެއްކި ސީދާ ރަތް ކާޑާއި އިތުރު ވަގުތުގައި ލޫކަސް މިނޭރޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
ރޭންޖާސްގެ ލަނޑުތައް ޖަހައިދިނީ ޖޭމްސް ޓަވެނިއާ ދެ ގޯލާއި ކެމާ ރޫފް ގޯލެކެވެ. މި މެޗުގައި ރޫފް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ބްރާގާގެ ހަމައެކަނި ގޯލު ޖަހައިދިނީ ފަހަތަށް ކުޅޭ ޑޭވިޑް ކާރްމޯ އެވެ.












