އަޑު އިވުމުން މަހުރޫމު ވެފައިވާ މީހުންނަށް މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވަ (ސައިން ލެންގްއޭޖް) އިން ކިޔައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑަށް އިޝާރާތުގެ ބަހުރުވައިން ކިޔައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް އެ ފަދަ މީހުން ގެނެސްފައިވެ އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވި ގޮތުގައި، އަންނަ ހޯމަ ދުވަހުގެ ޖަލްސާއިން ފެށިގެން ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެ ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ކިޔައިދޭނެ އެވެ.
"އަޅުގަނޑުމެންގެ ޓީމުގައި ފަޒްނީ ބައިވެރިވުމުން ވަރަށް ބޮޑަށް އުފާވޭ، ރައްޔިތުންގެ މަޖިލީހަށް މަރުހަބާ،" ސައިން ލެންގުއޭޖުން ފަޒްނީ ވާހަކަ ދައްކާ ވީޑިއޯއަކާ އެކު ޒިޔާއު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިއަމެންޓް ފޮ ޔޫތު" ގައި ބައިވެރިވި ނާއިޝް ނަމަކަށް ކިޔާ ޒުވާނަކު ވަނީ އޭނާ ފަދަ އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުންނަށް މަޖިލީހުގައި ދައްކާ ވާހަކަތައް އެނގޭނެ ގޮތަށް ޖަލްސާ ގެނެސްދޭން އެދިފަ އެވެ.

އެ ދުވަހު މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވީހާ ވެސް އަވަހަކަށް އެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.













