ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ކުރަށް ގެންދަމުން އަންނަ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖް 2022 ފަށައިފި އެވެ.
މި މަހުގެ 13 އިން ފެށިގެން 17 އާއި ހަމަށް އާޓިފިޝަލް ބީޗުގައި ކުރިއަށްދާ މުބާރާތަކީ ޓީރެކްސް ބީސީ އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ތުރީ އޮން ތުރީގެ 8 ވަނަ މުބާރާތެވެ.
ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހުލޫފު އާއި މުބާރާތުގެ އެންމެ ބޮޑު ޕާޓްނަރުންކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑްގެ ކަންޓްރީ ހެޑް ސަރަވްޖީތު ސިންހް އެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ބާސްކެޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދީ އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ކުޅިވަރުގެ ފޯރިއާއި ރޫހު އިތުރު ކުރުމެވެ.

ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ފަހަރުގެ މުބާރާތުގައި 7 ކެޓަގަރީން އެއްގައި 46 ޓީމް ވާދަކުރެ އެވެ. ތްރީ އޮން ތްރީ ޗެލެންޖާއިއެކު ކޮންމެ ދުވަހަކުވެސް ތްރީ ޕޮއިންޓް ޗެލެންޖާއި، ސަޕޯޓަރުންނަށް ބައިވެރިވެ އިނާމް ލިބޭ އެކި ޗެލެންޖުތައް ކުރިއަށްދާނެކަމަށް ޓީރެކްސް ބީސީ އިން މައުލޫމާތުދެ އެވެ.
މުބާރާތުގައި ކުރިއަށްދާ ކެޓަގަރީތަކަކީ 13 އަހަރުން ދަށް (އަންހެން/ފިރިހެން)، 15 އަހަރުން ދަށް (އަންހެން/ފިރިހެން)، 18 އަހަރުން ދަށް (އަންހެން/ފިރިހެން)، 23 އަހަރުން ދަށް (އަންހެން/ފިރިހެން) ބައިގެ އިތުރުން ސީނިއާ ފިރިހެން ބައެވެ. މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއް އެއްކޮށް ފައިސާގެ އިނާމްގެ ގޮތުގައި ބައި ލައްކަ ރުފިޔާ ދޭނެ އެވެ.
ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ޕާޓްނަރަކުންނަކީ އަސްރަފީ ބުކްޝޮޕް، ޑަބްލިއު ކްރާފްޓް ސެންޓަރ، ކެގޯސް ކެފޭ އެންޑް ރެސްޓޯރަންޓް، ބީމް އޮން، ހާމަ ހޯލްސޭލް ސެންޓަރ، ރެޑްބުލް، އެމްޔޫ ސްޓޯރު، އޭސް ހާޑްވެއާ އަދި ގައުޖް ސެކިއުރިޓީ އެވެ.













