ސައުދީ އަރަބިއްޔާގެ މަގްބޫލު ޓީވީ ޗެނަލަކުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ހަޖޫ ޖަހައި ކޮމެޑީ ސްކެޗެއް ދައްކައިފި އެވެ.
ކޮމެޑީ ސްކެޗް ދެއްކީ އެމްބީސީ ޗެނަލުންނެވެ. ކޮމީޑިއަން ހާލިދް އަލް ފަރާޖް ފެނިގެން ދިޔަ ސްކެޗްގައި ބައިޑެންގެ ރޯލް ކުޅުނީ އޭނާ އެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަށް "ހަރުކަށި މެސެޖެއް" ދޭން ޕޯޑިއަމް ކައިރީގައި ބައިޑެންގެ ކެރެކްޓާ ހުންނަވަނިކޮށް، އެއް މިނެޓުގެ ތެރޭގައި ދެ ފަހަރަށް ނިދޭ މަންޒަރު އޭގެން ދައްކަ އެވެ.

ބައިޑެންގެ ކެރެކްޓަރު ޕޯޑިއަމް ކައިރިން ދުރަށް ގެންދަނީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ކެރެކްޓަރެވެ. ކަމަލާ ހެރިސްގެ ކެރެކްޓާއަށް "ފަސްޓް ލޭޑީ" ގެ ގޮތުގައި ބައިޑެން މުހާތަބު ކުރާ މަންޒަރު ވެސް ސްކެޗުން ފެނެ އެވެ.
ބުދަ ދުވަހުގެ މެންދުރާ ހަމައަށް ޓްވިޓާގައި އެކަނިވެސް ހަތް މިލިއަން ވިޔުޒް އެ ވީޑިއޯއަށް ލިބިފައިވެ އެވެ. އެމްބީސީން އާއްމު ގޮތެއްގައި ދައްކަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ފިކުރާ އެއް ގޮތް ކޮންޓެންޓެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އުފުލޭތީ ސައުދީ އަރަބިއްޔާއިން ތެޔޮ އުފެއްދުން އިތުރު ކުރަން އެމެރިކާއިން ބާރު އެޅި ނަމަވެސް، އެ ގައުމުން އެކަމަށް ސީދާ ޖަވާބެއް ނުދެ އެވެ. އޭގެ އިތުރުން ނޫސްވެރިޔާ ޖަމާލް ހަޝުގްޖީގެ މަރުގެ މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން އޮތީ ގޯސްވެފަ އެވެ.
ބައިޑެން ވެރިކަމަށް ވަޑައިގެންނެވި ފަހުން ސައުދީ ވަލީ އަހުދާ މިހާތަނަށް ވާހަކަ ދައްކަވާފައެއް ނުވެ އެވެ. އެންބީސީން ބައިޑެންއަށް ހަޖޫ ޖެހުމުން ޓްވިޓާގައި އެކަމަށް މަރުހަބާ ކީ ބައެއް މީހުން ބުނީ އެމެރިކާގެ މީޑިއާއިން ވެސް އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނަށް ހަޖޫ ޖަހާ ކަމަށެވެ.










