ކޫއްޑޫގަައި މަސް ކިރުމުގެ ކަންކަމާއި ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހަމަޖައްސައިދިން އިންތިޒާމުތަކުގެ ދަށުން، މިވަގުތު ކޫއްޑޫ ފަޅުގައި މަސްކިރުމަށް ގޮސް އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް، އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ކިރައި ނިންމާލެވޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް ދެކުނުގެ މަސްވެރިކަން ތިޔާގިވުމާއެކު، އެ ކުންފުނިން ވަނީ މި ހިނގާ އޭޕްރިލް މަހުގެ ހަވަނަ ދުވަހުން ފެށިގެން ކޮންމެ ދޯންޔަކުން ފަސް ޓަނުގެ މަސް ކިރަން ނިންމައި ލިމިޓުކޮށްފަ އެވެ.
އެއާކު މިފްކޯގެ ދެކުނު ހަބު ކޫއްޑުއަށް މަސް ކިރަން ގޮސް އޮތް ދޯނިތަކުގެ ގިނަ މަސްވެރިންތަކެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އިއްޔެ، މަސްވެރިން ވަނީ ކޫއްޑޫގައި މުޒާހަރާކޮށް، އެރަށުގެ އޮޕަރޭޝަންތައް ވެސް ހުއްޓުމަކަށް ގެނެސްފަ އެވެ.
މިހާރު ސަރުކާރުން މަސްވެރިންނަށް އިންތިޒާމުތަކެއް ހަމަޖައްސައި ކޫއްޑޫގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މި ނޫހަށް ވިދާޅުވި ސަރުކާރުގެ އިންތިޒާމުތަކުގެ ތެރެއިން މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ މަސްތައް އަންނަ އާދިއްތަ ދުވަހަށް ކިރައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ވަކި އާ ބޯޓެއް ގެންދިޔައިކީއެއް ނޫން. ކިއު ތަރތީބުން ބަހާލީ މިވަގުތު ފަޅުގައި އޮތް ދޯނިތައް ގުރޫޕުކުރުމަށްފަހު، އެއީ ފިނިކުރާ ނިޒާމު ހުންނަ ދޯނިވިޔަސް އައިސް އަޅާ ދޯންޏެއްކަމުގައިވިޔަސް، ކޮންމެ ދޯންޏަކުން ވެސް ހުރިހާ މަހެއް ކިރާ ނިންމާލާ ގޮތަށް،" ފައުޒީ ވިދާޅުވި އެވެ.

އިތުރަށް ތަފްސީލު ދެއްވަމުން ފައުޒީ ވިދާޅުވީ މިވަގުތު ކޫއްޑޫގައި ފަޅުގައި އޮތް ކޮންމެ ދޯންޏަކުން ވެސް ކިއު ތަރުތީބުން ހުރިހާ މަހެއް ކިރާނެ ކަމަށެވެ. އަދި، މިފްކޯގެ ކެޕޭސިޓީއަށް ކިރައި ހަމަވުމުން، ދެން އެ ދުވަހަށް ނިންމާލާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.
އޭގެ ފަހުން ދެން އަނެއްކާ ވެސް އަނެއް ދުވަހު ދެން ހުރި ދޯނިތައް ކިއު ތަރުތީބުން ހަމަ އެ އުސޫލުން ކިރައި ނިންމާނެ ކަމަށެވެ. އަދި، އެ ކިރާ މަސްތައް ކޫއްޑޫގެ ކެޕޭސިޓީއަށް ގަނޑުކޮށްފައި ސްޓޯކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.












