މެޑްރިޑް (އޭޕްރީލް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މިރޭ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ކަރިމް ބެންޒެމާ ޖެހި ގޯލުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އެގްރިގޭޓުން ކުރިހޯދައި ރެއާލް މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޗެލްސީ ވަނީ މިރޭ ރެއާލް ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ. އެކަމަކު، އެގްރިގޭޓަށް ބަލާއިރު ރެއާލަށް ކުރި ލިބުނީ 5-4 އިންނެވެ.
ޗެމްޕިއަންސް ލީގުގެ ތަށި 13 ފަހަރު ހޯދި ރެއާލުން މި ވަނީ އެންމެ ފަހުން މުބާރާތް ކުޅުނު 12 ފަހަރުގެ ތެރެއިން 10 ފަހަރު ސެމީން ފުރުސަތު ހޯދައިފަ އެވެ. މި ފަހަރުގެ ސެމީގައި ރެއާލް ކުޅޭނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގުގައި ސިޓީން ވަނީ 1-0 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ.
މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ރެއާލް އަތުން 3-1 އިން ބަލިވެފައި އޮތުމުން މިރޭގެ މެޗަށް ނުކުތްއިިރު ވެސް ޗެލްސީ އަށް މުބާރާތުގައި ކުރިއަށް ދެވެން އޮތީ މަދުވެގެން ދެ ލަނޑުން މޮޅުވެގެންކަން އެ ޓީމަށް އެނގެ އެވެ. ރެއާލް ދަނޑުގައި ދެ ގޯލުގެ ތަފާތަކުން މިހާތަނަށް އިނގިރޭސި ކްލަބެއް މޮޅުވެފައިނުވާއިރު، ޗެލްސީ އަށް ވެސް އެކަން ހާސިލެއް ނުކުރެވުނެވެ. ޗެލްސީން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް ނަތީޖާއެއް ނެރެވޭ ވަރަށް ޑިފެންސް ނުކުރެވުނީ އެވެ.
އެޓޭކަށް ވިސްނައިގެން ޓީމު ރާވައި، ޗެލްސީން ވަނީ ފުރަތަމަ މިނިޓުން ފަށައިގެން ކުރިއަށް ޖެހިގެން ކުޅެފަ އެވެ. ޗެލްސީން އެޓޭކަށް ވިސްނައިގެން ނުކުތުމުގެ ފައިދާ ފެނުނެވެ. މެޗުގައި ލީޑުނެގީ އެ ޓީމުންނެވެ. މެޗުގެ 15 ވަަނަ މިނިޓްގައި ޓިމޯ ވާނާ ދިން ބޯޅައަކުން ޗެލްސީގެ ގޯލު ޖެހީ މޭސަން މައުންޓް އެވެ. އޭގެ ފަހުން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެ، ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖެހޭތޯ ޗެލްސީން ބެލި އެވެ. އެ ގޮތުން ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ޖެހި ދެ ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ރެއާލްގެ މޮޑްރިޗް (ކ) އަތުން ބޯޅަ ހޯދަން ޗެލްސީގެ ވާނާ ޓެކަލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރެއާލުން ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ކުރި މަސައްކަތުގައި ބެންޒެމާ ޖެހި ބޯޅައެއް ވަނީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ގައިގައި ޖެހިފައި ހުރަސްދަނޑިމަތިން ގޮސްފަ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ ނެގި ހުރަހެއް ޖަހާނެ ކުޅުންތެރިއަކު އަރައިނެތުމުން ފުރުސަތުގެ ބޭނުމެއް ނުހިފުނުއިރު، އޭގެ ފަހުން އޭރިއާބޭރުން ކަސެމީރޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ޗެލްސީން ފެށީ ވެސް އެޓޭކިން ގޭމަކުންނެވެ. އަދި އެ ޓީމުން ވަނީ ދެ ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ގޯލު ޖެހީ ކޯނަރަކުން މައުންޓް ނެގި ބޯޅައަކުން ރޫޑިގާ ބޮލުންނެވެ.
ޗެލްސީން ވަނީ މެޗުގެ 63 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، މާކޯސް އަލޮންސޯ ގޯލު ޖެހުމުގެ ކުރިން އޭނާގެ އަތުން ބޯޅަ ކޮންޓްރޯލްވުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ.
އޭގެ އިރުކޮޅެއް ފަހުން ރެއާލްގެ ފާލަންޑް މެންޑީ ނެގި ހުރަަހަކުން ބެންޒެމާ ބޮލުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޗެލްސީގެ މައުންޓް (ކ) އާއި ވާނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީން ތިން ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރި އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރެއާލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ވާނާ ރަނގަޅު ވަގުތުގައި ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފަ އެވެ.
ޗެލްސީން ތިން ވަނަ ގޯލު ޖެހިތާ މާގިނައިރެއްނުވެ، ރެއާލުން ވަނީ މާސެލޯ އާއި ރޮޑްރީގޯ ކުޅެން އަރުވައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ރެއާލްގެ ލޫކަ މޮޑްރިޗް ދިން ހިތްގައިމު ޕާހަކުން ރޮޑްރީގޯ ވަނީ ގޯލެއް ޖަހައި ރެއާލަށް ދިރުމެއް ގެނެސްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ރެއާލުން ގޯލު ޖެހި އެވެ. އަރިމަތިން ވިނީޝިއުސް ހުސްކޮށްލާފައި ނެގި ބޯޅަ ބެންޒެމާ ވަނީ ރަނގަޅު ތަނުގައި ހުރެފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 12 ވަނަ ގޯލެވެ. އޭގެ ތެރެއިން ހަތަރު ގޯލު ޖެހީ ޗެލްސީ ކޮޅަށެވެ. މިދިޔަ ހަފްތާގައި ބެންޒެމާ ޗެލްސީ ކޮޅަށް ހެޓްރިކެއް ހެދި އެވެ.
ޗެލްސީން ބަދަލުތަކެއް ގެނެސްގެން ގިނަ އެޓޭކްތަކެއްކޮށް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން ބަދަލަކަށް ކުޅެން އެރި ހަކީމް ޒިޔެޗް، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖެހި ބޯޅައެއް ރެއާލް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އޭރިއާތެރެއިން ހުސްކޮށް އަރައި ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.












