ކެރީބިއަން ޔުނިއިޓެޑު އެއާލައިންސުން ގަތް ދެ މަތިންދާބޯޓާއެކު އުދުހެން ފެށި ގައުމީ އެއާލައިނުގެ ހިދުމަތް ދިވެހިންނަށް އެކި ނަން ނަމުގައި ފޯރުކޮށްދެމުންދާތާ ބައި ގަރުނު ވާން ކައިރިވެއްޖެ އެވެ. މިވީ މުއްދަތުގެ ތެރޭ "މޯލްޑިވިއަން"ގެ ވަރަ ފުޅާކޮށް, އުދުހުންތައް އިތުރުކޮށްފި އެވެ;
ދުނިޔޭގެ އިރުމަތީ ބިތުން ޖަޕާނުގެ ޓޯކިޔޯ އާއި ދެކުނު ކޮރެއާގެ ސޯލްއަށެވެ. ޔޫރަޕުން އިނގިރޭސިވިލާތުގެ ލަންޑަނާއި މެންޗެސްޓާއަށެވެ. ޖަރުމަނުވިލާތުގެ ފްރޭންކުފާޓާއި ފްރާންސުގެ ޕެރިހަށް ވެސް ދިވެހިންގެ ގައުމީ އެއާލައިނުގެ ގޮތުގައި ނަވާރަސަތޭކައިގެ ފަހުކޮޅު އޮތް އެއާ މޯލްޑިވްސް އިން ދަތުރުކުރި އެވެ. ނަމަވެސް، ދިމާވި އެކި ސަބަބުތަކާ ހެދި އެ އެއާލައިނުގެ ހިދުމަތް އޭރު ހުއްޓުނެވެ.
އޭގެ ފަހުން އައިލެންޑު އޭވިއޭޝަން ސާވިސަސްގެ ނަމުގައި އެެތެރޭގެ އުދުހުންތައް ސަރުކާރުން އައީ ހިންގަމުންނެވެ. ރާއްޖޭގެ އެއާޕޯޓުތައް ގިނަވެ އުދުހުންތަކަށް އޮތް ޑިމާންޑު ދިޔައީ އިތުރުވަމުންނެވެ. އެއާއެކު މީގެ 22 އަހަރު ކުރިން މި ދުވަހު އައިލެންޑު އޭވިއޭޝަން ސާވިސަސް ލިމިޓެޑު ވުޖޫދަށް އައީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގަ އެވެ.
އެ ކުންފުނީގެ ދަށަށް ގައުމީ އެއާލައިން ބަދަލުކޮށް "މޯލްޑިވިއަން" އަށް ރީބްރޭންޑު ކުރީ އޮގަސްޓު 25، 2008 ގަ އެވެ. އައިލެންޑު އޭވިއޭޝަންގެ ފުރާޅުގެ ދަށުން އެންމެ ތިން ބޯޓާއެކު ހިދުމަތް ފެށި ގައުމީ އެއާލައިނުގައި މިވަގުތު 23 ބޯޓު އެބަ އޮތްއިރު, ޖުމްލަ 1،254 މުވައްޒަފުން އެބަތިއްބެވެ. ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ފްލައިޓުތައް އަޅަމުން އަންނައިރު ސީޕްލޭން މާކެޓުގައި ވެސް ފައި ހަރުކޮށްފި އެވެ.
ކާމިޔާބުގެ މުހިންމު ހަރުފަތްތަކެއް ގިރާކޮށް މިހާ ހިސާބުގައި އޮތް, އައިލެންޑު އޭވިއޭޝަނުގެ ޕްލޭންތައް ދެން ވެސް ފައްކާކުރަމުން އަންނަނީ "މޯލްޑިވިއަން"ގެ އުދުހުންތައް އިތުރަށް ފުޅާކުރުމަށެވެ. މިވަގުތު "މޯލްޑިވިއަން" ހަތަރު ގައުމަކަށް ދަތުރުތައް ކުރި ނަމަވެސް, ވަރަ ހެޔޮވަރު ކުރުމަށް މަސައްކަތް ކުރަމުންދަނީ ގިނަ ގައުމުތަކަކަށް ދަތުރު ކުރުމަށެވެ. ބޭނުމަކީ ދިވެހިންގެ ޓޫރިޒަމް އިންޑަސްޓްރީގެ މުހިންމު ބައިވެރިޔަކަށް ވެސް "މޯލްޑިވިއަން" ވުމެވެ.
ހަރަދު ކުޑަ ފްލީޓަކާއެކު އޮޕަރޭޝަންތައް ފުޅާވާނެ
ރާއްޖޭގައި މި ވަގުތު ފަސް އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން ޖުމްލަ 18 އެއާޕޯޓެއް އޮތްއިރު, އިތުރު އެއާޕޯޓުތައް ވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން ދެވޭ އެއާޕޯޓެއް އޮތުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މޯލްޑިވިއަނުން ގެންދަނީ ގައުމީ އެއާލައިނުގެ ހައިސިއްޔަތުން މި ހުރިހާ އެއާޕޯޓަކަށް ވެސް ފްލައިޓު އޮޕަރޭޓު ކުރަމުންނެވެ.
"އަޅުގަނޑުމެން އެކަމަށް [އިތުރުވަމުންދާ އެއާޕޯޓުތަކަށް] ތައްޔާރުވުމުގެ ގޮތުން ފްލީޓު ވެސް އެބަ އިތުރުކުރަން. އަޅުގަނޑުމެން އިތުރަށް މި ގެންނަ އެއާކްރާފްޓުތަކަކީ ތަންކޮޅެއް ބޮޑެތި އެއާކްރާފްޓުތަކެއް. އަލަށް ހަދާ އެއާޕޯޓުތަކަށް ކޭޓާ ކުރެވޭ ވަރަށް އަޅުގަނޑުމެން ބޯޓުތައް ގެންނާނަން މުސްތަގުބަލުގައި ވެސް،" އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި އެވެ.
މިވަގުތު ވެސް ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް އެންމެ ގިނަ މަތިންދާ ބޯޓު އޮތީ މޯލްޑިވިއަންގަ އެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ބޯޓުތަކަކީ މެއިންޓެއިން ކުރުމަށް ހަރަދު ބޮޑު ދުވަސްވެފައިވާ ބޯޓުތަކެކެވެ. އެ އެއާލައިނުން އެންމެ ގިނައިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުތައް އުފެއްދުން ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ. އެކަމަށް ހައްލު ހޯދުމަށް އޭޓީއާރު (ATR) މަރުކާގެ ތިން ބޯޓު ގެންނާނެ އެވެ.

މޯލްޑިވިއަން ބްރޭންޑިންގައި އޭޓީއާރު 600-72 އަދި އޭޓީއާރު 600-42 ބޯޓެއް: އޭޓީއާރު ބޯޓުތަކަކީ މިހާރު ބާޒާރުގައި ހުރި އެންމެ ހަކަތަ ބޭނުންކުރާ މިންވަރު ކުޑަ ބޯޓުތައް --- ފޮޓޯ: މޯލްޑިވިއަން
"އަޅުގަނޑުމެން އޭޓީއާރު އަށް ދާން މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ އެއާކްރާފްޓުތައް [ޑޭޝް-8] ނުއުފައްދާތީ. އަޅުގަނޑުމެންނަށް ސްޕެއާތައް ލިބުން ވެސް ވަރަށް ދަތި. އެބަހުރި 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފަ ހުރި ބޯޓުތައް. ތެޔޮ ހަރަދު ވެސް ބޮޑު، ހަދަން ދާ ހަރަދު ވެސް ބޮޑު،" މި ނޫހަށް ދެއްވި އިންޓަވިއުގައި ޖެނިފާ ވިދާޅުވި އެވެ.
އެގޮތުން، މޯލްޑިވިއަންއަށް ގެންނަ ތިން ބޯޓުގެ ތެރޭގައި ހިމެނެނީ 72-600 އޭޓީއާރުގެ ދެ ބޯޓު އަދި 600-42 އޭޓީއާރުގެ އެއް ބޯޓެވެ. މި ބޯޓުތައް ކުންފުނީގެ ހިދުމަތާ މި އަހަރުގެ ތެރޭގައި ގުޅޭނެ އެވެ.
އެއާއެކު ބޯޓުތައް މަރާމާތުކުރަންދާ ހަރަދު ކުޑަވެގެންދާނެ އެވެ. އަދި، މިހާރަށް ވުރެ ތެލުގެ ހަރަދު ވެސް 10 ޕަސެންޓު ކުޑަވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މި ވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކަށް ވުރެ ތެޔޮ އަންދާ މިންވަރު 40 ޕަސެންޓް ކުޑަ ބޯޓުތަކަކެވެ.
ކަސްޓަމަރުން ހިތްހަމަޖައްސައި އޮޕަރޭޝަނަލް އެފިޝެންސީ ގެންނަނީ
މޯލްޑިވިއަންގެ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ހުންނަ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ރިޒަވޭޝަން ހެއްދުމާއި ޓިކެޓު ނެގުމާއި ފްލައިޓު ބަދަލުކުރުން ފަދަ ކަންކަމުގައި ކަސްޓަމަރުންގެ ހިތްހަމަނުޖެހުންތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
ޖެނިފާ ވެސް އެ ކަންބޮޑުވުންތައް ގަބޫލުކުރައްވަ އެވެ;
"ކުންފުނީގެ އޮޕަރޭޝަނަލް އެފިޝެންސީ ގެންނަން އެބަ ވަރަށް މަސައްކަތް ކުރަން. ހަރަދު ދަށްކުރަން މަސައްކަތްކުރަން. ކަސްޓަމާ ސާވިސްގެ ހިދުމަތް، މިއަށްވުރެ ރަނގަޅު ހިދުމަތެއް ދެވޭނެ ގޮތަކަށް ބައްޓަން ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން،" އޭނާ ވިދާޅުވި އެވެ.
ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތެއް ދިނުމުގައި ހަމައެކަނި އޮތީ މޯލްޑިވިއަންގެ ދައުރެއް ނޫނެވެ. އެކަމުގައި އެ އެއާލައިނުގެ ޕާޓްނަރުންގެ ދައުރު ބޮޑު ކަމަށް ވެސް ޖެނިފާ ފާހަގަ ކުރެއްވެވި އެވެ.

އައިލެންޑު އޭވިއޭޝަންގެ ޑީއެމްޑީ އައިޝަތު ޖެނިފާ "އަދަދު" އަށް އިންޓަވިއު ދެއްވަނީ. މޯލްޑިވިއަންގެ ކުރިމަގަށް ކުރަން ރާވާފައިވާ ބައެއް ކަންކަން ހިއްސާކުރެއްވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"އަޅުގަނޑުމެން [މި ހިދުމަތުގައި] ބަރޯސާވާން ޖެހޭ އެހެން ބައިތަކެއް ވެސް އެބަ ހުރި. އެމްއޭސީއެލް ވިޔަސް. އެހެންވީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް [އެކަންކަން ރަނގަޅުކޮށް] ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުން،" ޖެނިފާ ވިދާޅުވި އެވެ.
ރައްޔިތުން ގަބޫލުކުރާ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދޭ އެއާލައިނަކަށް މޯލްޑިވިއަން ހެދުމަކީ އައިލެންޑު އޭވިއޭޝަންގެ އަމާޒެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށްވާ މުވައްޒަފުން ވެސް ހިމެނެ އެވެ.
ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އެންމެ މުހިންމީ މުވައްޒަފުންގެ ހިތްހަމަޖެހުން ކަމަށް ކުންފުނިން ދެކެ އެވެ. އެކަމަށް އަމާޒުކޮށް ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ގިނަ ކަންތައްތަކެއް އޮޓެމޭޓު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއް ފުރާޅެއްގެ ދަށުން ހުރިހާ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް ރައިވެރިޔާ އިމާރާތް ވެސް 12 ނުވަތަ 14 ބުރިއަށް ނެގުމުގެ ޕްލޭނެއް އައިލެންޑު އޭވިއޭޝަނުގައި އެބައޮތެވެ.
ގްލޯބަލް އެއާލައިނަކަށް ވުމުގެ އަމާޒު
އެއް ޒަމާނެއްގައި ދުނިޔޭގެ ހުޅަނގާއި އިރަށް އުދުހުނު ރާއްޖޭގެ ގައުމީ އެއާލައިނުން 14 މަންޒިލަކުން މީހުން އުފުލި އެވެ. އެ އަދަދު މިއަދު ވަރަށް ދަށެވެ. ގައުމީ އެއާލައިނުން އިންޓަނޭޝަނަލް މާކެޓުގައި އަދި ވާދަ ކޮށްލެވޭ ވަރެއް ނުވެ އެވެ. އެހެން ނަމަވެސް، މޯލްޑިވިއަންގެ އަމާޒުތައް ހުރީ އިންޓަނޭޝަނަލް ފްލައިޓުތައް އިތުރުކޮށް ރާއްޖެއަށް ފަތުރުވެރިން ގެންނަ މިންވަރު އިތުރުކުރުމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގަ އެބަހުރި އޭ-330 އެއަކްރާފްޓެއް ގެނައުމަށް،" ކުންފުނީގެ އަމާޒުހުރީ ބޮޑެތި ބޯޓުގައި މީހުން އުފުލަންކަން ހާމަކުރައްވަމުން ޖެނިފާ ވިދާޅުވި އެވެ.
މިވަގުތު މޯލްޑިވިއަނުން ބޭރުގެ ދަތުރުތައް ކުރަމުންދަނީ އެންމެ ދެ ބޯޓާއެކު އެވެ. އެ ބޯޓުތަކުގެ ރޭންޖު ދަށްވުމުން ދަތުރުކުރެވޭ ގައުމުތައް މަދެވެ. ޗައިނާއަށް ވެސް ކޮވިޑުގެ ކުރިން ދަތުރުކުރި ނަމަވެސް, އެއީ ބެންކޮކުގައި މަޑުކުރުމަށް ފަހު ކުރި ދަތުރެކެވެ.

ނޮވެމްބަރު 30، 1999 ގައި އޭރުގެ އެއާ މޯލްޑިވްސްގެ މަތިންދާބޯޓެއް ދުބާއީ އެއާޕޯޓުގައި --- ފޮޓޯ: ޕެރީ ހޯޕް
އާ ބޯޓެއް ގެނެވިއްޖެނަމަ އެކަން ހައްލުވެގެންދާނެ އެވެ. އެކަމުގެ މަސައްކަތް ކުންފުނިން އަންނަނީ ކުރަމުންނެވެ. އެއާބަސް އޭ-330 މަރުކާގެ ބޯޓާއެކު އާ މަންޒިލްތަކަކަށް ގައުމީ އެއާލައިނުގެ ވަރަ ހެޔޮވަރުގެންދާނެ އެވެ.
"އެ ބޯޓު ގެނެސްފަ އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެހެން ގައުމުތަކަށް ވެސް ފައްޓާނަން. އަޅުގަނޑުމެންގެ މިހާރު ހުރި ބޯޓުތައް ބޭނުން ކޮށްގެން އިހަކަށް ދުވަހަކު ސައުތު އެފްރިކާއަށް ވެސް އެޅިން ފްލައިޓެއް،" އާ މަންޒިލްތަކަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ޖެނިފާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީވުމަކީ ވެސް މޯލްޑިވިއަނުގައި އޮތް އަމާޒެކެވެ. އެކަން ހަގީގަތަށް ހެދުމުގެ ގޮތުން އެންމެ އަވަހަށް ދެން އެއާލައިނުން ދަތުރުތައް ފަށާނީ ދެކުނު އެފްރިކާ އަށެވެ. މޮރިޝަސްގައި މަޑުކުރުމަށް ފަހު މި ދަތުރުތައް ކުރި ނަމަވެސް, މެދުކެނޑުމެއްނެތި ދެކުނު އެފްރިކާއިން ފަތުރުވެރިން ގެންނަން ގައުމީ އެއާލައިން އޮތީ ތައްޔާރަށެވެ.
ކުރިއަށް އޮތީ ކާމިޔާބު އަހަރެއް
ފައިދާވަމުން ދިޔަ ގައުމީ އެއާލައިނަކުން މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ އެއާލައިނަކަށް ބަދަލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަައިލެންޑު އޭވިއޭޝަނަށް ކުރިމަތިވާ އެއް ސަބަބެވެ. މިދިޔަ 2020 އަަދި 2021 ވަނަ އަހަރަކީ އެ ކުންފުންޏަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު އަހަރުތަކެކެވެ.
އެއީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކުރިމަތިވި ގެއްލުމުގެ އަސަރު ކަމަށް ޖެނިފާ ދެކެވަޑައިގަންނަވަ އެވެ.
"މަޑުމަޑުން އަޅުގަނޑުމެންގެ ކުންފުނި މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެހެން ނަމަވެސް މާލީ ހާލަތު އަޅުގަނޑުމެންގެ ދަށްވީ ކޮވިޑް-19 ގެ މި ޕެންޑެމިކް ގަ. ދެހާސް ނަވާރަ އަކީ ވެސް އަޅުގަނޑުމެންނަށް ފައިދާވީ އަހަރެއް. ނަމަވެސް 2020، 2021 އަޑިއަޅާލި،" އޭނާ ވިދާޅުވި އެވެ.
ޖެނިފާ ގަބޫލުކުރައްވާ ގޮތުގައި ކޮވިޑުން އަރައިގަނެ ބޯޑަރު ހުޅުވާލާފައި ވާތީ މި އަހަރު އެ ކުންފުނިން ނިންމާލާނީ ކާމިޔާބު އަދި ފައިދާވާ އަހަރެއްގެ ގޮތުގަ އެވެ.
މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއެކު ޖޮއިންޓު ވެންޗާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެކަމުގެ މަސައްކަތްތައް އަދި ކުރިއަށްދަނީ މިނިސްޓްރީ ލެވެލުގަ އެވެ. އެފަދަ އެއްބަސްވުމަކަށް އާދެވުމަކީ ގައުމީ އެއާލައިނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.











